25 Mar 2012, 16:13
ސަރުކާރާ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ހަވާލުވެވަޑައިގެންނެވި ހިސާބުން ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާނެ މެންބަރަކު ނެތުމުން މަޖިލީހުގެ ގަވާއިދުގައިވާ ގާނޫނީ ހިޔާލުތަފާތުވުންތަކަށް ހައްލެއް ގެނައުމަށް ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް މަޖިލީހުގެ ގަވާއިދަށް ގެންނަން ފެންނަ އިސްލާހުތަކުގެ ޑްރާފްޓެއް މިއަދު އެކުލަވާލައިފި އެވެ.
މަޖިލީހުގެ ޖަލްސާތައް ފަށައިގަތުމަށްޓަކާ ސިޔާސީ ޕާޓީތަކުން މަޖިލީހުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިއަދު މެންދުރު 11:00 ޖެހިއިރު މަޖިލީހުގައި ބޭއްވި ވާހަކަތަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތަކުގެ ޑްރާފްޓް ޕާޓީތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ ޑްރާފްޓަށް ޕާޓީތަކުގެ ހިޔާލު އެއްގޮތް ކުރުމަށްފަހު ވީއެންމެ އަވަހަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ކަމަށެވެ.
"މަޝްވަރާތައް ވަރަށް ބޮޑަށް ކުރިއަށް ގޮސްފައި ވަނީ. މަޝްވަރާތަކުގައި ލިބުނު ފީޑްބެކްގެ އަލީގައި މިހާރު ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތަކުގެ ޑްރާފްޓެއް ވަނީ އެކުލަވާލައި ހިޔާލު އެއްގޮތް ކުރުމުގެ ކަންތައްތަކެއް ކުރިއަށްދަނީ،" އެމްޑީޕީ އާއި ޑީއާރްޕީ އާއި ޕީއޭގެ އިތުރުން ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި މަޝްވަރާތަކަށްފަހު ނާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ (ހ) ގައި ސަރުކާރަށް މަޖިލީހުގައި ބިލް ހުށަހެޅޭނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންނަށް ކަމަށް ބުނެފައިވާތީ އެވެ. އެހެން ގޮތުމުން ސަރުކާރަށް މަޖިލީހުގައި ބިލް ނުހުށަހެޅޭނަމަ ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ވެސް ބިލެއް މަޖިލީހަށް ނުވެއްދޭނެތީ އެވެ.
އެމްޑީޕީން އެންމެ ކަންބޮޑުވަނީ ކުރީގެ ސަރުކާރުން މަޖިލީހަށް ވައްދާފައިވާ ރައީސް ނަޝީދުގެ އިގްތިސާދީ ޕެކޭޖްގެ ބިލްތަކަށް މަޖިލީހުގައި ވެގެންދާނެ ގޮތަކާމެދުގަ އެވެ. ކުރީގެ ސަރުކާރަކުން މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނިކޮށް ސަރުކާރެއް ބަދަލުވެއްޖެނަމަ އެ ބިލްތަކަށް ހަދާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައިބުނެފަ އެއްނެތެވެ. މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެ މައްސަލަ ސިޔާސީ ޕާޓީތަކުން ވަނީ ހިމަނާފަ އެވެ.
ތިން ވަނަ އިސްލާހެއްގެ ގޮތުގައި މަޖިލީހުގެ ގަވާއިދަށް ގެންނަންޖެހޭ ކަމަށް އެމްޑީޕީން ގަބޫލު ކުރަނީ ގަވާއިދުގެ 25 ވަނަ މާއްދާއަށެވެ. އެ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި އެންމެ ގިނައިން މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން މެޖޯރިޓީ ލީޑަރަކަށް ކަމަށް ވިޔަސް ވެސް އަދި މައިނޯރިޓި ލީޑަރު ކަމަށް ވިޔަސް ވެސް މަޖިލީހުގައި ރިޔާސީ ބަޔާނަށް ޖަވާބެއް ދެއްވަން ވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ބ) ގައި ބުނެފައި ވަނީ ރިޔާސީ ބަޔާނަށް 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީން ބުނަމުންދަނީ ރިޔާސީ ބަޔާނަށް އެ ޕާޓީން ރައްދުދޭންޖެހޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ މަޖިލީހުގެ 25 ވަނަ މާއްދާގައިވާ ގޮތުން އިދިކޮޅު ޕާޓީއެއް ސަރުކާރު ހިންގާ ޕާޓީއެއް މަޖިލީހުގައި އެނގެން ނެތުމެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ އެ މައްސަލައަކީ ސިޔާސީ ހައްލެއް ހޯދަންޖެހޭ ކަމެއް ކަމަށެވެ. އަދި ޕާޓީތަކާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އެ މައްސަލައަށް މަޖިލީހުގެ ގަވާއިދުން ހައްލު ހޯދުމުގެ ބަދަލުގައި ސިޔާސީ ހައްލެއް ގެންނާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ގައިވާއިދަށް ގެންނަޖެހޭ އިސްލާހުތަކުގެ ޑްރާފްޓުތައް މިހާރު ވަނީ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މަޝްވަރާއަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ ވީހާވެސް އަވަހަކަށް އެ ޑްރާފްޓްތަކާ ބެހޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޝްވަރާ ކުރެއްވުމަށްފަހު، އަވަސް ހައްލެއް ގެންނާނެ ކަމަށެވެ.
އިބޫ ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން މަޖިލީހުގެ ތަކެއްޗަށް ލިބުނު ގެއްލުން މިހަފުތާތެރޭގައި ހައްލު ކުރާނެ ކަމަށް މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު ވިދާޅުވި ކަމަށެވެ. މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ކަމަށް އިބޫ ލަފާކުރައްވަނީ އަންނަ ހަފުތާގަ އެވެ.
"މިހަފްތާއަށް މަޖިލީހުގެ އެތެރޭގައި އެ ހުރިހާކަމެއް ހަމަޔަކަށް އެޅޭނެ ކަމަށް އަމީން އާންމު މިއަދު ވިދާޅުވި. އެހެންވީމާ އަންނަ ހަފުތާގައި މަޖިލިސް ބޭއްވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ،" އިބޫ ވިދާޅުވި އެވެ.