25 Mar 2012, 16:14
ޅ. ނައިފަރަށް ފެނުގެ ޚިދުމަތް ދިނުމަށް އެމްޑަބްލިއުއެސްސީ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ އެކަން އެ ކުންފުންޏާ ހަވާލުކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
ނައިފަރު ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މީހުން ތޮއްޖެހިފައިވާ އެ ރަށުގެ ފެން ވަރަށް ބޮޑަށް ތަޣައްޔަރުވެ، ބައެއް ސަރަހައްދުތަކުގެ ފެން އެއްވެސް ވަރަކަށް ބޭނުންނުކުރެވޭ ވަރަށް ލޮނުވެފައިވާ ކަމަށެވެ.
އަދި އެމްޑަބްލިއުއެސްސީއާ އެ ރަށަށް ފެނުގެ ޚިދުމަތް ދިނުމަށް ހަވާލުކުރަން ކައުންސިލްގެ އާންމު ޖަލްސާއެއް ބޭއްވުމަށް ފަހު ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފާހަގަކުރި ދުނިޔޭގެ ފެނުގެ ދުވަހުގައި ކަމަށް ވެސް ނައިފަރު ކައުންސިލުން ބުނެ އެވެ.
އެމްޑަބްލިއުއެސްސީއާ އެ މަސައްކަތް ހަވާލުކުރުމަށް ނިންމީ އެކުންފުނިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވާތީ އާއި ތަޖުރިބާ ހުރި ކުންފުންޏަކަށް ވާތީ ކަމަށް ނައިފަރު ކައުންސިލުން ބުންޏެވެ. ނައިފަރު ކައުންސިލުން ބުނީ އެ ރަށުގައި ފެނުގެ ޚިދުމަތްދިނުމަށް އެމްޑަބްލިއުއެސްސީ އާއި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށް ފަހު އެއްބަސްވާ ގޮތެއްގެ މަތިން ނައިފަރުގައި ފެނުގެ ޚިދުމަތްދިނުމަށް އެދި އެމްޑަބްލިއުއެސްސީ އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް ނައިފަރު ކައުންސިލުން ބުނެ އެވެ.
އާބާދީގައި 5006 މީހުން ދިރިއުޅޭ ނައިފަރުގެ ގިނަ ގޭގައި ފެން ބޭނުންކުރަމުން އަންނަނީ ފެނުގެ ވަސްކެނޑުވުމަށް ޓަކައި އޮކްސިޖަން ޕަމްޕެއް ބޭނުންކޮށްގެން ކަމަށާއި ނަމަވެސް ލޮނުގެ އަސަރަށް އެ ޕަމްޕު ބޭނުންކޮށްގެން ވެސް ބަދަލެއްނުގެނެވޭ ކަމަށް ނައިފަރު ކައުންސިލުން ބުނެ އެވެ. ނައިފަރު ކައުންސިލުން އަދި ބުނީ ރަށުގެ ގޭގެއަށް ފެން ދޫކުރުމަށް ރަށުގައި 17 ވަޅު މިހާރު ވެސް ބަހައްޓާފައިވާ އިރު، އެއިން ކޮންމެ ވަޅަކުން އެވްރެޖްކޮށް ހަ ގެއަކަށް ފެންގުޅާފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު މިހާރު ވެސް ވަޅުތައް އިތުރު ކުރަން ޑިމާންޑް ކުރަމުން އަންނަ ކަމަށް ނައިފަރު ކައުންސިލުން ބުނެ އެވެ. ނައިފަރުގެ މަގުތަކަކީ ހަނި މަގުތަކަކަށް ވެފައި، އަސާސީ ބޭނުންތަކަށް ވަޅުލަން ޖެހޭ ހޮޅިތައް ވަޅުލުމުގައި މައްސަލަތައް ދިމާވަމުންދާ ކަމަށް ވެސް ނައިފަރު ކައުންސިލްގެ ބަޔާނުގައި ބުނެފައިވެ އެވެ.