ދުބާއި (26 ޖޫން 2022): މީގެ ދެ ހަފްތާ ކުރިން ދުބާއިގެ ހޮސްޕިޓަލެއްގައި އެނދުމަތިކުރި ޕާކިސްތާނުގެ ކުރީގެ ރައީސް ރިޓަޔަޑް ޖެނެރަލް ޕަރުވޭޒް މުޝައްރަފުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ އޭނާގެ ފުރާނަ ސަލާމަތް ކުރެވިދާނެކަމާމެދު އާއިލާއިން އުންމީދު ކަނޑާލައިފިއެވެ.

މުޝައްރަފުގެ އާއިލާއިން ބުނީ މުޝައްރަފުގެ ގިނަ ގުނަވަންތައް ފޭލްވެ މިހާރު މަސައްކަތް ނުކުރާކަމަށާއި ހާލުކޮޅު ވަރަށް ދެރަކަމުގައެވެ. މިއީ މުޝައްރަފުގެ ހަޔާތުގެ އެންމެފަހުގެ ދުވަސްތައް ކަމަށް ބެލެވޭއިރު މިދުވަސްތައް ހޭދަކުރަން ބޭނުންވަނީ އަމިއްލަ ގައުމުކަމަށްވާ ޕާކިސްތާނުގައި ކަމަށް އޭނާ ވިދާޅުވެފައިވާކަންވެސް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

މި ޖޫން މަހުގެ 13 ވަނަ ދުވަހު މުޝައްރަފު ދުބާއިގެ ހޮސްޕިޓަލެއްގައި އެނދުމަތިކުރީ "އެމީލޮއިޑޮސިސް" ނަމަކަށް ކިޔާ ބައްޔެއްގެ ސަބަބުން ހާލުކޮޅު ދެރަވެގެންނެވެ. "އެމީލޮއިޑޮސިސް"އަކީ ހަށިގަނޑުގައި އުފެދޭ ނުބައި ޕްރޮޓީންއެއްގެ ސަބަބުން ޖެހޭ ބައްޔެއްކަމަށްވެއެވެ. އެޕްރޮޓީން ހަށިގަނޑުގެ ގުނަވަންތަކަށް ފެތުރުމުން ގުނަވަންތައް ފެއިލްވަނީ ކަމަށްވެއެވެ. މުޝައްރަފަށް ކުރިމަތިވެފައިވަނީ މިބަލީގެ ވަރަށް ސީރިއަސް ހާލަތެއްކަން އޭނާގެ އާއިލާއިން ބުނެފައިވެއެވެ.

އުމުރުން 78 އަހަރުގެ މުޝައްރަފު ޕާކިސްތާނުގެ ވެރިކަމަށް ވަޑައިގެންނެވީ 1999 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގައި ހުންނެވި ނަވާޒް ޝަރީފުގެ ވެރިކަން އަސްކަރީ ބަޣާވާތަކުން ވައްޓާލުމަށްފަހުއެވެ. އޭރު މުޝައްރަފު ހުންނެވީ ޕާކިސްތާން ސިފައިންގެ ވެރިޔާ ނުވަތަ އާމީ ޗީފް އޮފް ސްޓާފްސްގެ މަގާމުގައެވެ. އަސްކަރީ ބަޣާވާތަށްފަހު އިންގިލާބީ ލީޑަރުގެ ގޮތުގައި ދުވަސްކޮޅަކު ހުންނެވިއެވެ. ޕާކިސްތާނުގެ ރައީސަކަށް ވެވަޑައިގަތީ 2001 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

މުޝައްރަފުގެ ވެރިކަން 2008 ވަނަ އަހަރާ ހަމައަށް ދިގުދެމިގެން ދިޔައެވެ. އޭނާ ވެރިކަން ކުރައްވާފައިވަނީ ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ބާރުހިންގަވާ ހަރުކަށި އަސްކަރީ ވެރިއެއްގެ ގޮތުގައެވެ. މުޝައްރަފުގެ ވެރިކަން ބަލިކަށިވާގޮތްވީ ޕާކިސްތާނުގެ އޭރުގެ އުއްތަމަ ފަޑިޔާރު އިފްތިޚާރު ޗައުދަރީ މަގާމުން ދުރުކުރެއްވުމުންނެވެ. ދެހާސް ހަތް ވަނަ އަހަރު މުޝައްރަފު މިކަން ކުރެއްވީ ގާނޫނުން ބޭރުންނެވެ. ބާރާއި ނުފޫޒު ބޭނުންކުރައްވައިގެންނެވެ.

މިކަމުގެ ސަބަބުން ޕާކިސްތާނުގައި މުޝައްރަފާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފެށި އޭނާގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ގަދަވެގެން ދިޔައެވެ. އެއަށްފަހު ދުވަހެއް ދުވަހަކަށް ދިޔައީ މުޝައްރަފުގެ ވެރިކަން ބަލިކަށިވެ އޭނާއަށް ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. އެންމެފަހުން 2008 ވަނަ އަހަރު އަހަރުގެ އޮގަސްޓް މަހު މުޝައްރަފަށް ޖެހިވަޑައިގަތީ މަގާމުން އިސްތިއުފާ ދެއްވާށެވެ. އެއީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓްގެ ތެރެއިން ފެށުމުންނެވެ.

ރައީސްކަމުން އިސްތިއުފާ ދެއްވުމަށްފަހު މުޝައްރަފު ޕާކިސްތާން ދޫކުރައްވައި ވަޑައިގެންނެވީ ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ދުބާއި އަށެވެ. އެދުވަސްވަރު އާއިލާއާއެކު ދުބާއިގައި މުޝައްރަފު ދިރިއުޅުއްވަމުން ގެންދެވިނަމަވެސް ޕާކިސްތާނުގެ ކޯޓުތަކުގައި އޭނާގެ މައްޗަށް ދިޔައީ އެތައް ޝަރީއަތެއް ހިނގަމުންނެވެ.

އޭގެތެރޭގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރެއްކަމަށްވާ ބޭނަޒީރު ބުއްޓޫގެ މަރުގެ ހާދިސާއާއި އެހެން މީހެއްގެ މަރުގެ ހާދިސާގައި މުޝައްރަފުގެ އަތެއްވާކަމަށް ކުރެވޭ ތުހުމަތުތަކާއި އެނޫންވެސް ބައެއް މައްސަލަތަކާ ގުޅިގެންނެވެ. މި ޝަރީއަތްތަކާއެކުވެސް އެދުވަސްވަރު މުޝައްރަފު ގެންދެވީ ޕާކިސްތާނުގެ ވެރިކަން އަލުން ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ.

ވެރިކަން ހޯދުމުގެ މަސައްކަތްތަކުގެ ދަށުން 2013 ވަނަ އަހަރު މުޝައްރަފު ޕާކިސްތާނަށް އެނބުރި ވަޑައިގެންނެވިއެވެ. އެއީ އެދުވަސްވަރު ބޭއްވި އިންތިޚާބުގައި ބައިވެރިވެ ވަޑައިގަތުމަށެވެ. ނަމަވެސް ކޯޓުތަކުގައި މުޝައްރަފުގެ މައްޗަށް ކުރިޔަށްދިޔަ ގާނޫނީ މައްސަލަތަކުގެ ސަބަބުން އޭނާއަށް އިންތިޚާބުގައި ބައިވެރިވެވޭގޮތެއް ނުވިއެވެ. އެއީ އޭނާ އިންތިޚާބަށް ކުރިމަތިލުން ކޯޓުން މަނާކުރުމުންނެވެ. މުޝައްރަފު ޕާކިސްތާނުން ފުރުން މަނާކުރުމުގެ އަމުރެއް ވެސް އެދުވަސްވަރު ކޯޓުން ނެރުނެވެ.

ނަމަވެސް ދެހާސް ސޯޅަ ވަނަ އަހަރު ކޯޓުން އެއަމުރު އުވާލުމުން މުޝައްރަފު އަލުން ދުބާއިއަށް އެނބުރި ވަޑައިގެން އެތަނުގައި ދިރިއުޅުއްވަން ފެއްޓެވިއެވެ. އޭރުއްސުރެ މުޝައްރަފު ދިރިއުޅުއްވަމުން ގެންދަވަނީ ދުބާއިގައެވެ.

މުޝައްރަފުގެ އާއިލާ ބުނާގޮތުން ގައުމަށް އަނބުރާ ވަޑައިގެން ހަޔާތުގެ އެންމެ ފަހު ދުވަސްތައް ގައުމުގައި ހޭދަކުރައްވަން އޭނާ ބޭނުންފުޅުވެއެވެ. މުޝައްރަފަކީ މިހާރު އޭނާގެ މައްޗަށް ޝަރީއަތް ކުރެވޭވަރަށްވުރެ ސިއްހީ ހާލުކޮޅު ދަށަށްގޮސްފައިވާ ބޭފުޅަކަށްވާތި އޭނާ އެނބުރި ގައުމަށް ވަޑައިގެންނެވި ނަމަވެސް ކުރިން އޭނާގެ މައްޗަށް ހިންގި ޝަރީއަތްތައް އަލުން އިސްތިއުނާފު ނުކުރާނެކަން ގާނޫނީ ވަކީލުން ކަށަވަރުކޮށްދޭކަމަށް މުޝައްރަފުގެ އާއިލާއިން ބުނެއެވެ.

މުޝައްރަފަކީ ޕާކިސްތާނުގެ ރައީސްކަމުގެ އިތުރުން ސިފައިންގެ ވެރިޔާގެ މަގާމު ނުވަތަ ސިފައިންގެ ޗީފް އޮފް ސްޓާފްކަންވެސް އަދާ ކުރައްވާފައިވާ ބޭފުޅަކަށްވާތީ ޕާކިސްތާން ސިފައިންގެ މިހާރުގެ ވެރިޔާ ޖެނެރަލް ގަމަރު ޖާވިދު ބަޖުވާ އާއި ސިފައިންގެ އިސް ބައެއް އޮފްސަރުން ދާދިފަހުންވަނީ ދުބާއި އަށް ވަޑައިގެން މުޝައްރަފަށް ޒިޔާރަތް ކުރައްވައި އޭނާގެ ހާލުކޮޅު ބައްލަވާފައެވެ.