މެދުކެނޑިފައިވާ، ޕާޓީ މަޝްވަރާތަކުގައި އެއްވެސް ޝަރުތަކާއިނުލައި އެމްޑީޕީން ބައިވެރިވާން އެދޭނަމަ ސަރުކާރުން އެކަމަށް މަރުހަބާ ކިޔާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ސިޔާސީ މަޝްރަހުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދަން ކުރާ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވާން ބޭނުންވާތީ އެކަމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޝަރުތަކާއި ނުލައި އެމްޑީޕީ މަޝްވަރާތަކަށް ދިއުމަށް ތައްޔާރު ނަމަ އެވެ.

އައްބާސް ވިދާޅުވީ މަޝްވަރާތަކަށް ދިއުމަށް އެމްޑީޕީން ޝަރުތުތައް ކުރާ ކަމަށާއި އޭގެ ތެރެއިން އެއް އެއްޝަރުތަކީ ޓެރަރަޒިމްގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހައްޔަރު ކޮށްފައިތިބި މީހުން ދޫކޮށްލުން ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ކުރާ އެފަދަ އެއްވެސް ޝަރުތެއް ސަރުކާރުން ގަބޫލު ނުކުރާނެ ކަމަށެވެ.

"ބައެއް ނުރަސްމީ ބައްދަލުވުންތަކުގެ ތެރެއިން ސަރުކާރަށް އެމްޑީޕީން އެދެމުން ދަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާ ފަރާތްތައް ދޫކޮށްލަން. އެމީހުން ހިންގާފައިވާ ޖަރީމާތަކުގެ ދައުވާ ސަރުކާރުން ނޫފުލަން. ޖިނާއީ އަދުލުގެ ނިޒާމް ދިވެހިރާއްޖޭގައި އޮންނަ ގޮތުން އެފަދަ ކަމެއް ކުރުމުގެ އިހްތިޔާރު ސަރުކާރަކަށް ނޯންނާނެ. އަދި [އެފަދަ ކަމެއްގެ ތެރެއަށް] ސަރުކާރުން [ނުވަންނާނެ] ކަމުގެ ޔަގީންކަން ދެން،" އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ހުއްޓިފައިވާ މަޝްވަރާތައް އަލުން ފެށުމަށް ނުރަސްމީ މަޝްވަރާތައް ކުރިޔަށްދާ ކަމަށާއި އެމްޑީޕީ ފިވަޔަވާ އެހެން ޕާޓީތަކުން އެ މަޝްވަރާތަކުގައި ބައިވެރިވާން ޝަރުތުތައް ހުށަނާޅާ ކަމަށެވެ.

އަލުން އިންތިހާބެއް ބާއްވަން ރެފެރަންޑަމަކަށް ދާން އެމްޑީޕީން ބޭނުންވާނަމަ އެއީ އެމްޑީޕީން ނިންމާ ހަތަރުވަނަ ނިންމުން ކަމަށާއި ސަރުކާރަށް ޖެހޭނީ އެކަމާގުޅޭ މަޝްވަރާތައް ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރަން ކަމަށްވެސް ކުރިން އެމްޑީޕީގައި އިސްކޮށް އުޅުއްވި އައްބާސް ވިދާޅުވި އެވެ.

ސަރުކާރުން މިގޮތަށް ބުނި ނަމަވެސް ކަނޑައަޅާ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި މަޝްވަރާކުރުމަށް އެމްޑީޕީ އޮތީ ތައްޔާރަށް އޮތް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.