އިންޑިއާގެ މެއިޑެން ފާމަސޫޓިކަލް އިން އުފައްދާ ކެސްތާތީ ބޯ ހަތަރު ވައްތަރެއްގެ ބޭސްތަކަކަށް ސަމާލުވާން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން އަންގައިފިއެވެ.

މެއިޑެން ފާމަސޫޓިކަލުން އުފައްދާ މި ބޭސްތަކުގެ ސަބަބުން 66 ކުދިން މަރުވެފައިވާއިރު، ކިޑްނީ ފެއިލްވުމުގެ ފުރުސަތު މި ބޭހުން އިތުރުކޮށްދޭކަމަށް އެ ޖަމްޢިއްޔާގެ އެންގުމުގައި ވެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން ނެރެފައިވާ އިންޒާރުގައި ހިމެނޭ ހަތަރު ބޭހަކީ، ޕްރޮމެތަޒީން އޯރަލް ސޮލިއުޝަން، ކޮފެކްމަލިން ބޭބީ ކޯފް ސިރަޕް، މަކޮފް ބޭބީ ކޯފް ސިރަޕް އަދި މެގްރިފް އެން ކޯލްޑް ސިރަޕެވެ.

މިކަމާ ގުޅިގެން މެއިޑެން ފާމަސޫޓިކަލުން އެއްވެސް އެއްޗެކޭ ބުނެފައި ނުވާއިރު، މި ބޭސްތަކަށް އޮންނަ ގެރެންޓީ ފޯރުކޮށްދޭން އެ ކުންފުނިން ވަނީ ފެއިލްވެފައެވެ.

މި ބޭސްތައް ބޭނުންކުރުމުގެ ސަބަބުން މަރުވެފައިވަނީ ގެމްބިއާއަށް ނިސްބަތްވާ ކުދިންނެވެ. މި ކުދިން މަރުވެފައިވަނީ މި ބޭހުގައި ހުންނަން ނުޖެހޭ ވަރަށްވުރެ ގިނައިން ޑައެތެލީން ގްލައިކޯލް އަދި އެތެލީން ގްލައިކޯލް ހުރުމުގެ ސަބަބުންނެވެ.

ގެމްބިއާގައި މި ބޭސްތައް ބޭނުންކުރުމުގެ ސަބަބުން ކިޑްނީ ފެއިލްވެ، ކުދިންތަކެއް މަރުވާ މައްސަލަ މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އެ ގައުމުގެ ސިއްހީ އިދާރާތަކަށް ވަނީ ފާހަގަކުރެވިފައެވެ.

މެއިޑެން ފާމަސޫޓިކަލްސް އަކީ އޭޝިއާ، ލެޓިން އެމެރިކާ އަދި އެފްރިކާގެ ގައުމުތަކަށް ބޭސް ވިއްކާ ކުންފުންޏެކެވެ. އަދި އިންޑިއާގައި ޑޮމެސްޓިކްކޮށްވެސް ބޭސްތައް ވިއްކާ ކުންފުންޏެކެވެ.