27 Sep 2022, 11:53
މިއަހަރު އެންމެ ގިނަ ކޮންޓްރޮވާސީ އުފެދިގެން އުޅުނު އެއް ފިލްމަކީ އޮލިވިއާ ވައިލްޑް ޑައިރެކްޓުކުރި "ޑޯންޓް ވޮރީ ޑާލިން"އެވެ. ފިލްމު ރިލީޒްކުރުމުގެ ކުރިން ވެސް ކޮންމެ ދުވަހަކު ހެން އާ ޑްރާމާއެކެވެ. މިހާރު ފިލްމު ރިލީޒްކުރަން ފަށާފައިވާއިރު ގިނަ ބައެއްގެ ދުލުގައި އޮތީ އެއް ވާހަކަ އެކެވެ. އެއީ އޮފް ސްކްރީން ޑްރާމާ ގަނޑު، ފިލްމުގެ ޑްރާމާގަނޑަށް ވުރެ ކަމުދިޔަ ވާހަކައެވެ.
މަގުބޫލު ޒުވާން އެކްޓަރު ފްލޮރެންސް ޕިއޫ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް ލީޑް ރޯލުން ފެނިގެންދާ ޑޯންޓް ވޮރީ ޑާލިން އަކީ ޑްރާމާ އަދި ތުރިލާ ފިލްމެކެވެ. މި ފިލްމަކީ ވަރަށް ތަފާތު ވާނެ ފިލްމެއް ކަމަށް އޮލިވިއާ ބުނަމުން އައެވެ.
އެއަށްފަހު ފިލްމާ ޖެހެންދެއް ކޮންމެ ދުވަހަކު އާ ވާހަކައެއް ވަނީ އާންމުވެފައެވެ. ފްލޮރެންސް އާއި އޮލިވިއާގެ ދޭތެރޭގައި ހަމަނުޖެހުންތަކެއް އޮތް ވާހަކައިން ފެށިގެން ލީޑް ރޯލަށް މީގެ ކުރިން ހަމަޖެއްސި އެކްޓަރާ ދޭތެރޭ ދެއްކި ވާހަކަތަކަށް ދާންދެއް، ޑޯންޓް ވޮރީ ޑާލިންގެ ޑްރާމާ ގަނޑު ކުޑަ އެއް ނޫނެވެ.
އެއާއެކު ފޭނުންނާއި ކްރިޓީކުން ދައްކަމުން އައީ އެއް ވާހަކައެކެވެ. އެއީ ފިލްމުގެ އޮފް ސްކްރީން ޑްރާމާއާ އެއްވަރަށް ފިލްމުގެ ޑްރާމާގެ ވެސް އަސަރު ހުންނާނެ ކަމާ މެދު ސުވާލު އުފެދި ދެކެވެމުން އައި ވާހަކައެވެ.
މިހާރު ރިވިއުތައް ލިބެން ފަށާފައިވާއިރު ފިލްމަށް ގިނައިން ހަމަ ލިބެމުން އަންނަނީ ވަރަށް ވަޅޯ ތަރުހީބެކެވެ. މިވަގުތު ރޮޓެން ޓޮމާޓޯސްގައި ފިލްމު އިނީ 41 ޕަސެންޓުގެ ރޭޓިން އެއްގައެވެ. އާންމުންގެ ފާޑު ކިޔުންތަކަކީ ހެރީ ސްޓައިލްސްގެ އެކްޓިން ގޯސް ވާހައާއި ފިލްމުގެ ޕްލޮޓުގެ ފޫހި ކަމުގެ ވާހަކައެވެ. ފިލްމުގެ މަންޒަރުތައް ބަލާލަން ކިތަންމެ ރީތި ވި ނަމަވެސް ގޯސް އެކްޓިން އާއި ކަމު ނުދާ ޕްލޮޓާ ގުޅިގެން ފިލްމު އޮތީ ކްރިޓީކުންގެ ނަޒަރުގައި ފްލޮޕަކަށް ވެފައެވެ.
މި ފިލްމު މިހާރު ދުނިޔޭގެ ބައެއް ސަރަހައްދުތަކުގެ ސިނަމާތަކުގައި އަންނަނީ ދައްކަމުންނެވެ.