ލަލީގާގައި އެންމެ އަވަހަށް 100 ގޯލު ޖެހުމުގެ ރެކޯޑް ރެއާލް މެޑްރިޑުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފި އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ރޭ މި ރެކޯޑް މުގުރާލީ ރެއާލް ސޮސިއެޑާޑް އަތުން 5-1 އިން ރެއާލް މޮޅުވި މެޗުގަ އެވެ. އޭނާ 100 ލަނޑު ހަމަކުރީ އެންމެ 91 މެޗުންނެވެ. ކުރިން މި ރެކޯޑް އޮންނަނީ ރެެއާލްގެ ކުރީގެ ތަރި ފްރޭންކް ޕުސްކާސް އަތުގަ އެވެ. 1960ގެ ތެރޭގައި ރެއާލް އަށް ކުޅުނު ޕުސްކާސް 100 ލަނޑު ޖަހާފައިވަނީ 105 މެޗުންނެވެ.

ރޮނާލްޑޯ، 27، ވަނީ މިސިޒަނުގައި މިހާތަނަށް ލީގުގައި 35 ގޯލު ޖަހާފަ އެވެ. މި އަދަދަށް ވާދަވެރި ބާސެލޯނާގެ ފޯވަޑް ލަޔޮނަލް މެސީ ވެސް ވަނީ ގޯލު ޖަހާފަ އެވެ. މެސީ ވަނީ މިހަފުތާގެ ކުރީކޮޅު ބާސެލޯނާ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ހޯދާފަ އެވެ.