ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅިވަރެއް ނޫން ކަމަށް ބަޔާންކޮށް އެ ހަރަކާތް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން ކުރިން އަންގާފައިވާކަން ހާމަވެއްޖެއެވެ.

ޔޯގާ ހަރަކާތް ގަލޮޅު ދަނޑުގައި ބޭއްވީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެކުރިން މި މަހުގެ 15 ވަނަ ދުވަހު އެ ހަރަކާތް ހުއްޓުވައިދިނުމަށް އެދި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ހިޝާމް އަޙްމަދު ސޮއިކުރައްވައި ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފޮނުވާފައިވާ ސިޓީ ޖަމްއިއްޔަތުއް ސަލަތުގެ ޗީފް މާކެޓިން އޮފިސަރު އަލީ ރަމީޒާއި އައްޝައިޚް ޒަމްޒަމް ފާރިޝް ވަނީ ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ.

އެ ސިޓީގައި ވަނީ ރާއްޖޭގައި ޔޯގާ ހެދުން އާންމުވެފައިވާ ކަމަށެވެ. އެގޮތުން ޔޯގާ ހަދަމުންދަނީ މެޑިޓޭޝަންގެ ގޮތުގައާއި ކަސްރަތު އަދި ތަފާތު ބަލިތަކަށް ޝިފާ ހޯދުމުގެ ނަމުގައި ކަމަށް އެ ސިޓީގައިވެއެވެ.

ދެހާސް ހަތަރު ވަނަ އަހަރު މިސްރުގެ ފަތުވާ ދޭ މަޖިލީހުން ނެރުނު ފަތުވާއެއްގައި ޔޯގާ އަކީ މުސްލިމުންނަށް ހުއްދަ ކުޅިވަރެއް ނޫން ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ. އަދި 2008 ވަނަ އަހަރު މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުން ވެސް ޔޯގާގެ ސަބަބުން މުސްލިމުންގެ އަޤީދާއަށް އަސަރު ކުރާ ކަމަށް ބަޔާންކޮށް ފަތުވާއެއް ނެރެފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމާ ގުޅިފައިވާ ކުޅިވަރެއް ކަމަށް މެލޭޝިއާގެ ގައުމީ ފަތުވާ މަޖިލީހުގެ ފަތުވާގައިވެއެވެ.

އެ ސިޓީގައި ވަނީ, އެއީ އެ މީހުންގެ ދީނީ ސަޤާފަތާ ގުޅޭ މެޑިޓޭޝަންގެ ނަމުން ނަންދީ އިރުއަރާ ވަގުތު އިރަށް ކުރުނީސްކޮށް އަދި ހިންދޫން ބުދު ފައްޅީގައި އަޅުކަން ކުރުމުގައި ބޭނުންކުރާ މިއުޒިކް ހިމެނޭ ހަރަކާތެއް ކަމަށެވެ.

"އިސްލާމީ ޝަރީއަތާ ޚިލާފް ކަމަކަށްވާތީ އާއި ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކުރެވިފައިވާ ކަންތަކެއް ކަމުގައިވާތީ އިސްލާމީ ޝަރީއަތާއި ދިވެހި ގާނޫނުތަކާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި މިފަދަ ކަންކަން ކުރާ ފަރާތްތައް ދެނެގަނެ އެކަށީގެންވާ ފިޔަވަޅު އެޅުމަށް އަންގަމެވެ," އެ ސިޓީގައިވެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިންޑިއަން ކަލްޗްރަލް ސެންޓަރާއި ޔޫތު މިނިސްޓްރީ ގުޅިގެން ބާއްވަން ނިންމި ޔޯގާ ހަރަކާތް ހުއްޓުވަން އިސްލާމިކް މިނިސްޓްރީން އެންގި އެންގުމަށް ފުލުހުން އަމަލުކޮށްފައެއްނުވެއެވެ.

އެ ހަރަކާތް ކުރިއަށްދިޔަވަގުތު އެކަމަކީ ހަރާމް ކަމެއްކަން ބަޔާންކޮށްދިނުމުގެ ގޮތުން އިލްމުވެރީން ކަމަށްވާ އާދަމް ނިޝާމާއި މުޙައްމަދު ފަޒްލޫން ވަނީ ގަލޮޅު ދަނޑު ކުރިމަތީ ހަރަކާތްތެރިވެވަޑައިގެންފައެވެ. އެ ދެ ބޭފުޅުން ހަރަކާތްތެރިވީ އެކަމާ ދެކޮޅަށް ޒުވާނުންގެ ބަޔަކު ކުރި އިހްތިޖާޖެއްގެ ތެރޭގައެވެ.

އެކަމަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް އެ ދެ ބޭފުޅުން ބަޔާންކޮށްދެއްވަމުން ދަނިކޮށް، އިހްތިޖާޖުގައި ބައިވެރިވި ޒުވާނުންގެ ލޭކެކި ގަލޮޅު ދަނޑަށް ގަދަކަމުން ވަދެ ހަމަނުޖެހުން ހިންގައި އެ ހަރަކާތް ވަނީ ހުއްޓުވާފައެވެ. ނަމަވެސް އެ ވަގުތު އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ފުލުހުން ކޮށްފައެއް ނުވެއެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން 19 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ޝައިޚް ނިޝާނާއި ފަޒްލޫން ވެސް ހިމެނިވަޑައިގަންނަވައެވެ.