މިދިޔަ އަންގާރަ ދުވަހު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ކުރިއަށް ގެންދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެގަނެ، ހަމަނުޖެހުން ހިންގާފައިވާ މައްސަލައިގައި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިތުރު ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ކ. މާލެ، މ. ފަޅުމަތީގެ، އަޙްމަދު ޢަލީ، 26، އާއި ގ. ކޮލަމްބިއާ، މުޙައްމަދު ޒީޝާން ނާޞިރު، 30،އެވެ.

އެމީހުންގެ ތެރެއިން އަޙްމަދު ޢަލީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު މުޙައްމަދު ޒީޝާން ނާޞިރު ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

އެ ދެ މީހުންގެ އިތުރުން މިމަހުގެ 24 ވަނަ ދުވަހު، ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު، 25، އާއި އއ. މާޅޮސް، ލަކީސްޓަރ، ޢަލީ މިރުޝާދު، 31، އާއި ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން 32، އާއި ގ. ފީނިކްސް، ޢަބްދުﷲ ނިޔާޒު، 41، އަދި ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު، 36، ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ އެންމެންވެސް 45 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ 19 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން، މިމަހުގެ 21 ވަނަ ދުވަހު ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ.

އެ ހަ މީހުންނަކީ ކ. ތުލުސްދޫ، ވީނަސް، މުޙައްމަދު ނަދީމް، 43، އާއި މއ. ކަނުހުރާ، މުޙައްމަދު ޛިލްޔަން، 37، އާއި ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް، 30، އާއި ތ. މަޑިފުށި، ހެޕީސައިޑް، މުޙައްމަދު މަޢުޞޫމް، 40، އާއި ހއ. ތުރާކުނު، ގްރީންހައުސް، މުޙައްމަދު ޙުސައިން، 47، ގެ އިތުރުން ގދ. ރަތަފަންދޫ، ލިލީޕާރކް، އަމީން އަޙްމަދު، 35،އެވެ.

އޭގެ އިތުރުން، މިމަހުގެ 22 ވަނަ ދުވަހު ވެސް ހަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެ ހަ މީހުންނަކީ، ހއ. ހޯރަފުށި، ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް، 48، އާއި ސ. ހިތަދޫ، އޯކިޑްވިލާ، އިބްރާޙީމް ރައްޒާން، 32، އާއި ލ. މާމެންދޫ، ސޯސަންވިލާ، އާދަމް ނިޝާން، 38، އާއި ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަސޫޙް، 26، އާއި ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު، 31، އަދި ށ. މިލަންދޫ، ނާޒް، ފަޟްލޫން މުޙައްމަދު، 33،އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.