05 Jul 2022, 08:43
"އެއީ ދޯ..." ޖީނާގެ ކައިރިއަށް އައީ، ލާނެތް ހިންޏެކެވެ. އަހަރެންގެ ބޮލުގައި ހިފައި ކުޑަކޮށް ތިރިކޮށްލަމުން އޭނާވެސް އަހަންނާއި އެއްވަރަށް ތިރިވެލިއެވެ. "ސަޕްރައިޒް ނުވައްޗޭ... މިއުޅެނީ އޭނަޔާ އެކީ ޑޭޓަކަށް ދާންވެގެން..."
އަހަންނަށް އިނދެވުނު ތަންވެސް ނޭނގުނެވެ. ފާޑަކަށް ސިހިފައި ހަށިގަނޑު ސީދާކޮށްލެވުނެވެ.
********
"ފިލްމަކަށޭ ދަނީ... އެނގޭތަ ކޮން ފިލްމެއް ކަން؟..." ޖީނާ ޝައުޤުވެރިވެފައި، ކުރިއަށްވުރެ ބޮޑަށް އަހަންނާއި ގާތަށް ޖެހިލިއެވެ. "ތަންތަނާ..."
ޖީނާ ދައްކައިލީ ފިލްމެއްގެ ޓިކެޓު ކޮޅެކެވެ.
"މައާފު އެދެމޭ ޔާރާ..." ޓިކެޓުކޮޅުގައި އޮތް ފިލްމުގެ ނަން ކިޔައިލުމާއިއެކު، އަހަންނަށް ޖީނާގެ މޫނަށް ބަލައިލެވުނީ ކުޑަކޮށް ސިހިފައެވެ.
މާލޭގައި އަލަށް އެޅުވުމަށް ހަމަޖެހިފައިވާ އެ ފިލްމު ބަލަން އަހަރެން ހުރީ ނުހަނު ބޭނުންވެފައެވެ. ފިލުމުގެ އިޝްތިހާރު ދެއްކި ފުރަތަމަ ދުވަހުވެސް، އެ ފިލްމު ބަލާހިތްވެގެން ޖީނާގެ ކައިރީގައި އެ ވާހަކަ ދެއްކުނު ހަނދާން ވިއެވެ.
"ސަޕްރައިޒް ދޯ؟..." ޖީނާގެ މޫނުން ފެނުނީ އުފާވެރިކަމެވެ. "ރުއާއަށް އެނގެއެއްނު އަލަށް ކަން އެ ފިލްމު ސިނަމާގަ އެ އަޅުވަނީވެސް... ހާދަ އުނދަގުލުންނޭ ޓިކެޓު ލިބޭގޮތް ވީވެސް... މަ ހުރިން ކިޔޫގަ ދެގަޑިއިރު ވަންދެން..."
އަހަރެންގެ ހިތް ލޭކަރުނުން ފުރެމުން ދިޔަކަން ޖީނާއަށް އެނގޭނެ ނަމައެވެ. އެ ވާހަކަތައް ހުއްޓައިލާނޭ ނަމައެވެ. އޭގެ ކުރިން ޒުވާނާ ނޭނގޭކަމަށް ޖީނާ އޮތީ ބުނެފައެވެ. ވީއިރު އެހާ ފަސޭހައިން ޖީނާއަށް އޭނާ އާއި އެކުވެރިވެވުނީ ކިހިނެތް ހެއްޔެވެ؟ އަހަރެން އެދިއެދި ހުރި ފުރުސަތު ޖީނާއަށް ލިބެންވީ ކީއްވެ ހެއްޔެވެ؟
"ފިލްމުގެ ކްރޫގަ އުޅުނު ކުއްޖަކު ބުނި އެއީ ވަރަށް ރޮމޭންޓިކް ފިލްމެކޯ... އެނގިދާނެތާ..." ޖީނާ އަހަރެންގެ ކަންފަތް ކައިރީގައި ވައި އަޑުން ބުނެލިއެވެ.
އަހަރެން އިސްޖަހިލީ ދެލޮލަށް ކަރުނަ ޖަމާވުމުންނެވެ. ޖީނާއަށް އެކަން އިހުސާސްވުމުން ކަންނޭނގެއެވެ. އެއްޗެއް ބުނަން އުޅެފައި ހުއްޓައިލިއެވެ. ކުޑަ އިރުކޮޅަކު އެއްޗެއް ނުބުނެ އަހަންނަށް ބަލަން އޭނާ އިންކަން އެނގުނެވެ.
"ސޮރީ... އަސްލު ބޮޑަށް ބޭނުންވަނީ ރުއާޔާ އެކީ ދާށޭ... އެކަމަކު، ރުއާގެ މަންމަމެން ރުއާ އެއްވެސް ތާކަށް ފޮނުވަނީކީ ނޫން ވިއްޔަ... މިޒަމާނުގަ ދެން އެހާ ހިފާއްޓައިގެން ދަރިން ގެންގުޅެން ޖެހޭތަ؟... އަހަރެން މީ ރުއާނަމަ، ގެއިން ނުކުމެގެން ނައްޓާލިތާ ކިތަންމެ ދުވަހެއް..." އަހަރެންގެ އަނދަމުންދިޔަ ހިތަށް ޖީނާ ދަރު އަޅައިލިއެވެ. ހުޅުގަނޑު ބޮޑުވެ، ގަދަޔަށް އަނދައިގަތެވެ. ހިތުގައި ލޮނުމިރުސް ލެވި ފިހެވެމުން ދިޔައެވެ.
އިސާހިތަކު މުޅި މީހާ ދާހިއްލާ ފޯވިއެވެ. އޭގެ ފަހުން ޖީނާ ދެއްކި އެއްވެސް ވާހަކައެއް އަހަންނަކަށް އަޑެއް ނީވުނެވެ. ހިތުގެ ލޯބި ހާސިލު ނުވަނީސް އެ ލޯބި އަހަންނަށް ގެއްލުނީ ހެއްޔެވެ؟ އެ ލޯބީގެ ދިފާއުގައި އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ހަމަ ނެތީ ހެއްޔެވެ؟
ޔާނިޝް ކިޔަވައިދޭން ހުރިއިރު، އަހަރެން އިނީ ފޮތުގައި ކުރަހާށެވެ. ކަމަކާއި ދެރަވެއްޖެނަމަ އަހަރެންގެ ކަމަކީ، ކުރެހުމެވެ. އެހެން ކަމަކަށް ސަމާލުކަމެއް ނުދެވޭނެއެވެ. ލޮލެއްގެ ތެރެއިން ކަރުނަ ތިއްކެއް ވެއްޓޭ މަންޒަރު ކުރަހަން އިންދައި ޔާނިޝް އައިކަން ނުވެސް އެނގުނެވެ.
އަހަންނަށް ހަމަހޭވެރިކަންވީ ޖީނާ އަހަރެންގެ ފައިގެ ފަލަމަސްގަނޑުގައި ވިކައިގަތުމުންނެވެ. އޭރު ދެބުމަ ގޮށްޖަހާލައިގެން އަހަންނަށް ބަލަން ޔާނިޝް ހުރީ ދާދި ކައިރީގައެވެ. ކިލާހުގެ ހުރިހާ ކުދިންގެ ނަޒަރު އަހަންނަށް ހުއްޓިފައިވާ ވާހަކަ ޖީނާ ބުނުމުން ރީއްޗަށް ރަކިވިއެވެ.
ޔާނިޝް އެދުނީ ބޯޑު ކައިރިއަށް އައުމަށެވެ. އަހަރެން ދިޔުމުން، ކިޔަވައިދެމުންދިޔަ މައުޟޫއުގައި މިސާލެއްގެ ގޮތުން އަހަރެން ނަގައިގެން ކިޔަވައިދޭން ފެށިއެވެ. އެއީ އެހެން ކުދިންގެ ކުރިމަތީގައި އަހަރެން ލަދުގަންނުވައިލުމުގެ ގޮތުން ކުރި ކަމެއްކަން އެނގުމުން، ފޫހިވިއެވެ.
ބޯޑު ކައިރީގައި ހުންނައިރު މުޅި ކިލާސް ފެނެއެވެ. ޒުވާނާ އިނީ ކިލާހުގެ އެންމެ ފަހަތުގައެވެ. އޭނާގެ ދެ ފަރާތުގައި ދެ އަންހެން ކުދިން ތިއްބެވެ. ދޭތެރެއަކުން އެ ދެކުދިން ޒުވާނާއަށް ބަލައިލާފައި ކޮންމެވެސް އެއްޗެއް ބުނެލައެވެ. އެހެނަސް، ޒުވާނާގެ ނަޒަރު ހުއްޓިފައިވީ އަހަންނަށެވެ. ހިނދުކޮޅަކަށްވެސް އެ ނަޒަރު ވަކިނުވާކަން ފާހަގަވިއެވެ. ވަށައިގެންވާ މާހައުލުގައި ހިނގަމުންދިޔަ އެއްވެސް ކަމެއް އޭނާއަށް މުހިއްމެއް ނޫނޭ ބުނާފަދަ ނަޒަރެކެވެ. އޭނާ އެވަރަށް ބަލަނީ، އަހަރެންގެ ކިބައިގައި އުނި ސިފައެއް ހުރުމުން ބާއެވެ؟ ނޫނީ ދަންނަ މީހަކާއި ވައްތަރުވީމައި ހެއްޔެވެ؟ ޔާނިޝް ދައްކަމުންދިޔަ ވާހަކައަށް އަހަންނަށް ކުޑަވެސް ސަމާލުކަމެއް ނުދެވުނެވެ.
އިތުރު މިސާލެއް ކިޔައިދިނުމަށް ޔާނިޝް އަތުން ހަނާ އަޅައިލީ ޒުވާނާ އާއި ދިމާއަށެވެ. އަހަންނަށް އެކަން އެނގުނީ އޭނާ ތެދުވި ތަން ފެނުމުންނެވެ. ހިތް ތެޅިގަތެވެ. ޒުވާނާ އައިސް ކައިރީގައި ހުއްޓެއްދެން، އަހަންނަށް ހުރެވުނީ ނޭވާ ލާންވެސް ހަނދާންނެތިފައެވެ.
"މިރާން ދޯ؟..." ޔަގީންކޮށްލާ ފަދައަކުން ޔާނިޝް އަހައިލިއެވެ. ޒުވާނާ ބޯ ޖަހައިލިއެވެ.
"މިރާން..." އަހަންނަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ. އެންމެފަހުން ނުވެގެން އުޅުނު ކަންތައް ވީއެވެ. އޭނާގެ ނަން އެނގުނީއެވެ. މިރާންއެކޭ އެއްވަރަށް އޭނާގެ ނަންވެސް ރީއްޗެވެ.
"މިތާ، ރުއާގެ ކައިރީގަ މަޑުކޮށްލާ..." ޔާނިޝް އަތުން އިޝާރާތްކޮށްލާފައި އެދުނެވެ.
މިރާން ހުއްޓިލީ އަހަންނާއި ނުހަނު ކައިރީގައެވެ. އެވަގުތު އެ އަތުގެ ބީހިލުން އަހަރެންގެ އަތުގެ މުލައްދަނޑި އާއި ދިމާއިން އިހުސާސް ކުރެވިގެން ދިޔައެވެ. މުޅި ގައިގެ އިސްތަށިތައް ކޮޅަށް ޖެހުނެވެ. ބުނެދޭން ނޭނގޭ އޮއެވަރެއް މުޅި ހަށިގަނޑުގައި ދަތުރުކުރަމުން ދިޔައެވެ. އަހަރެން ބޯ އަރަނީ އޭނާގެ ކޮނޑާއި ހަމައަށެވެ. އިސްޖަހައިގެން ހުރި ނަމަވެސް އެވަރު ޔަގީންކުރީމެވެ.
ކިލާސް ނިންމައިލިގޮތަށް އަހަންނާއިއެކު ނުކުންނަން ޔާނިޝް އަވަސްވެގަތެވެ. އަހަރެން ހުރީ ޔާނިޝްގެ ކުރީގައެވެ. ޔާނިޝް އާއި އެކުގައި ނުދާންވެގެން އަހަރެން ހިނގަމުން ދިޔައީ ފަޔަށް ލެވުނުހާ ބާރެއް ލައިގެންނެވެ.
"ސަރ... އަޅުގަނޑު ސުވާލެއް ކޮށްލަންވެގެން..." ފަހަތުން ކޮންމެވެސް ކުއްޖަކު ޔާނިޝްއަށް ގޮވައިލި އަޑު އިވުނެވެ.
އަހަރެންގެ ކައިރީގައި މަޑުކޮށްލުމަށް އަތުން އިޝާރާތްކޮށްފައި ޔާނިޝް ދިޔައެވެ. މަޑުކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކޮލެޖުން ނުކުތްއިރު ދޮރުމަތީގައި މިރާން ހުއްޓައި ފެނުނެވެ. މިރާން ހުރީ ޖީނާ އާއި ވާހަކައެއް ދައްކާށެވެ. ފެންނަ ފެނުމަށް ދެމީހުންގެ ގުޅުން ރަނގަޅެވެ. އެންމެ ދުވަހަކުން ނޫނީ ދެ ދުވަހަކު ވާހަކަ ދައްކައިގެން އެހާ ވަރުގެ އެކުވެރިކަމެއް އުފެދިދާނެއޭ ހިތެއް ނުބުންޏެވެ.
އަހަރެން ފެނުމުން، މިރާން ބަލައިލި ގޮތުން، ހީބިހި ނަގައިގެން ދިޔައެވެ. އެ ނަޒަރުގައި ތަފާތު ގޮތެއް ހުރެއެވެ. ވަކީން ހާއްސަކޮށް އަހަންނަށް ބަލާއިރުއެވެ. އޭނާ ބަލައިލުމުން، ފާޑެއްގެ ޖާދޫއެއްގެ ތެރޭގައި މުޅި މީހާ ހައްޔަރުކޮށްލާފަދަ އިހުސާސެއް ކުރެވެއެވެ. އަހަރެން ފެނިއްޖެނަމަ، މިރާން އެހެން ދިމާއަކަށް ނުބަލާކަން އަހަންނަށް ފާހަގަވިއެވެ. ކީއްވެ ހެއްޔެވެ؟ މިރާން ޖީނާ އާއި ކުޑަކޮށް ދުރަށްޖެހިލިއެވެ. ޖީނާ ކައިރިވެލުމުން އަނެއްކާވެސް ދުރަށް ޖެހިލި ތަން ފެނުނެވެ. ހީވީ އަހަންނަށް އެ މަންޒަރު ފެންނަން ބޭނުން ނުވާ ހެންނެވެ. ޖީނާ ހުރީ ފުރަގަސްދީގެން ކަމުން އޭނާއަށް އަހަރެން ފެންނަގޮތެއް ނުވިއެވެ.
އަހަރެން މަގުމައްޗަށް ނުކުމެ ހިނގައިގަތީމެވެ. އެކަނި ގެއަށް ދާން ނޭނގޭނެކަން އެނގިހުރެއެވެ. އެއީ މިރާންގެ ނަޒަރުން ސަލާމަތްވާން ހަދައިގެން ކުރެވުނު މޮޔަކަމެކެވެ.
"އެކަނިތަ ދަނީ؟..." މިރާންގެ އަޑު އައީ، އަހަރެންގެ ފަހަތުންނެވެ.
އަހަރެން ފަސްއެނބުރުނުއިރު، އޭނާ ހުރީ ދާދި ކައިރީގައެވެ. ޖީނާ ފެންނާކަށް ނެތެވެ. މިރާން އަވަސް އަވަހަށް ނޭވާ ލަމުންދިޔަ ގޮތުން، އަހަންނާ އެއްވަރު ކުރުމަށް އޭނާ އައީ ދުވެފައިކަން އެނގުނެވެ. އަހަރެން ހައިރާންވިއެވެ. މިރާން ވާހަކަ ދެއްކީ އަހަންނާ ހެއްޔެވެ؟ އަހަރެން އެކަނި ދާތީ، އޭނާ ކަންބޮޑުވީ ކީއްވެ ހެއްޔެވެ؟
"އެކަނި ދާތަން ފެނުނީމަ މިއައީ..." އަހަރެން ހައިރާންވެފައި ބަލަން ހުރުމުން ކަންނޭނގެއެވެ. މިރާން ބުނެލިއެވެ.
މިރާން ވާހަކަ ދެއްކުމުން ހިތުގެ ހުރިހާ ޝަކުވާތަކެއް ވަގުތުން ފިލައިގެން ދިޔައެވެ. ހިނިތުންވެލެވުނެވެ.
"އެންމެ ރަނގަޅުތަ ގެއަށް ލައިދޭން ދިޔަސް؟..." މިރާން އަހަރެންގެ ހުއްދައަށް އެދުނެވެ.
އަހަރެންގެ ހިތް ނަށައިގަތެވެ. އެ އެދުމަށް ދެކޮޅު ހަދާނީ ކިހިނެތް ހެއްޔެވެ؟ އެއީ އަހަރެން އެދިއެދި ހުރި ފުރުސަތެކެވެ. ވަގުތުން އެއްބަސްވީމެވެ. އުފަލުން އުދުހިގަނެވޭނެނަމަ އެވަގުތު އެކަންވެސް ކުރީމުހެވެ. މިރާން އިސްވެ އަހަންނާއި އެކުގައި ދާން ބޭނުންވީ ކީއްވެކަން ނޭނގުނަސް، އޭނާ ކައިރީގައި ހުރުން އަހަންނަށް ފުދެއެވެ.
"ޖީނާ ބުނި، ރުއާއަށް މޫވީއަށް ނުދެވޭނެއޭ... ތެދެއް؟..." މިރާން ވަރަށް ނުކެރި ހުރެފައި ކަހަލަ ގޮތަކަށް އަހައިލިއެވެ.
ދޭނެ ޖަވާބެއް ނޭނގި، ދުލުގައި ކަސްތޮޅު އެޅުނެވެ. ހިތަށް ތަދުވިއެވެ. އިސްޖަހައިލެވުނީ މޫނުމަތީގެ އަސަރުތައް މިރާންއަށް ބޭޒާރު ވެދާނެތީއެވެ. އަހަންނަކީ ކޮށީގައި ހައްޔަރުކޮށްފައިވާ ދޫންޏެކޭ ބުނާނީ ކިހިނެތް ހެއްޔެވެ؟ އޭރުން އަހަރެން ކަހަލަ މީހަކާ ގުޅުން ބަދަހިކުރަން ބޭނުންވާނީ ކާކު ހެއްޔެވެ؟ އެހެން މީހުން އެދޭ އެއްވެސް ކަމެއް އަހަންނަކަށް ކޮށެއް ނުދެވޭނެއެވެ.
"އަހަންނަށް ވަރަށް ކަމުދޭ ތި ސިފަ... ހަމަ ހުރިހާ ސިފައެއްވެސް..." މިރާންގެ އަޑު އައީ ކިތަންމެ މަޑުން ނަމަވެސް، އެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރިއެވެ.
އަހަރެންގެ ފިޔަވަޅުތައް ހުއްޓުނެވެ. މިރާން އެ ބުނީ ކީކޭ ހެއްޔެވެ؟ މިރާންގެ މޫނަށް ބަލައިލިއިރު އޭނާވެސް ހުރީ އަހަންނަށް ބަލާށެވެ. އެ ދެލޮލުން ފެނުނީ އަހަރެން އެދޭފަދަ ވިދުވަރެކެވެ. އެއީ ލޯބި ހެއްޔެވެ؟ ނޫނީ ހަމްދަރުދީ ހެއްޔެވެ؟
އިންޒާރެއް ދިނުމެއްނެތި ކުއްލިއަކަށް ތުނިތުނިކޮށް ވާރޭ ވެހެން ފެށިއެވެ. މިރާން އަހަރެންގެ ކޮނޑުގައި ހިފާލާފައި، އަސްކަނިތަކުގެ ނިވާލިބޭ ހިސާބަށް ޖައްސައިލިއެވެ. މިރާން ޖެހިލީ މަގުގެ އަނެއް ފަރާތަށެވެ. ވާރޭގެ ތިކިތަކުގެ ހަމަލާ މިރާންއަށް އަމާޒުވާން ފެށިއެވެ. އޭނާ ލައިގެން ހުރި ގަމީސް ތެމެމުން ދިޔައެވެ. އެއިން އެއްވެސް ކަމަކަށް މިރާންގެ ފަރުވާލެއް ނެތް ކަހަލައެވެ. އޭނާ ތެމުނަސް އަހަރެން ތެންމަން ބޭނުމެއް ނޫނޭ ބުނާފަދައެވެ. އެ ކުޑަކުޑަ އަމަލުންވެސް އަހަރެންގެ ހިތް އިތުރަށް ފިދާވިއެވެ.
ހިނގަމުން ދިޔައިރު، މިރާންގެ ފަރާތުން ފެންނަމުންދިޔައީ އަންހެން ކުއްޖަކު އެންމެ ބޭނުންވާނޭފަދަ އޯގާތެރިކަމާއި އަޅާލުމެވެ. މަގު ހުރަސްކުރާއިރު، އަހަރެންގެ އަތުގައި ހިފާލައިގެން ނޫނީ ނުދެއެވެ. ފިރިހެނަކު ކުރިމަތިން އަންނަނަމަ، އެމީހެއްގެ ގައިގައި އަހަރެން ޖެހުނަ ނުދިނުމަށް، އަހަރެންގެ ކުރިމައްޗަށް އަރައެވެ. އެ ހުރިހާ ކަމަކަށް ފަހުގައި އަހަރެންގެ ހިތް މިރާންއަށް ލެނބެމުން ދިޔައީ މާ ވަރަކަށެވެ. އަހަރެން ހުރީ އެވަގުތުކޮޅު ނިމެން ބޭނުން ނުވެފައެވެ.
"އެއީ ދޯ ގެ..." މިރާން އަތުން އިޝާރާތްކޮށްލާފައި ދައްކައިލިއެވެ.
އެހާ އަވަހަށް ގެއަށް އާދެވުމުން އަހަރެން ފޫހިވިއެވެ. ދެމީހުންގެ ދެމެދުގައި މާގިނަ ވާހަކައެއް ދެއްކޭގޮތެއް ނުވިއެވެ. މިރާންގެ އެތައް ކަމެއް އެނގެން ބޭނުމެވެ. އެތައް ވާހަކައެއް ހިއްސާކުރަން ހިތް އެދުނެވެ. އެހެނަސް، ވާހަކަ ދައްކަން ހިތްވަރު ނުލިބި އުޅެނިކޮށް ގެއަށް އާދެވުނީއެވެ. އެ އުފާވެރި ވަގުތުކޮޅު ނިންމާލާފައި، ގެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ވާރޭ ހުއްޓާނުލިނަމައެވެ. ބޯކޮށް ވާރޭވެހި، މޫސުން ގޯސްވެ، ތަނެއްގައި ތާށިވި ނަމައެވެ.
"ގުޑް ނައިޓް..." މިރާން ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އަހަރެންގެ ޖަވާބަކަށް އިންތިޒާރުކުރާ ފަދައިން އޭނާ ބަލަން ހުއްޓެވެ.
ގޭ ކައިރީގައި ސައިކަލުގައި އިން ޔާނިޝް ފެނުމުން، އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޔާނިޝްއަށް އަހަރެމެން ފެނިއްޖެނަމަ، ކަންތައް ވަރަށް ގޯސްވާނެއެވެ. މަންމަގެ ކަންފަތާއި ހަމައަށް އެ ޚަބަރު ދާނެކަން ޔަގީނެވެ. އޭރުން ކިލާހުގައިވެސް އަހަންނަށް ފާރަވެރިވާނެއެވެ. އަހަރެމެންނަށް ވާހަކަ ދެއްކޭނެ ހުރިހާ ދޮރެއް ބަންދުކުރާނެއެވެ. ޔާނިޝް ބަލައިލަން އުޅޭހެން ހީވުމުން، އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ކައިރީގައި ހުރި މިރާން ކޮށްޕައިލާފައި ގެއާއި ދިމާއަށް ދުއްވައިގަނެވުނެވެ. މިރާން ވެއްޓުނުކަން އެނގުނީ ފަހަތުން އަޑުފަށްގަނޑެއް އިވުމުންނެވެ. އެކަމަކު، ފަހަތަށް ބަލައިލާކަށްވެސް ނުކެރުނެވެ.
"ރުއާ..." އަހަރެން ފެނުމުން ޔާނިޝް ސައިކަލުން ފައިބައިގެން އައެވެ.
ޔާނިޝް ދެބުމަ ގޮށްޖަހައިގެން ހުރިގޮތުން އަހަރެން ހާސްވިއެވެ. ނުތަނަވަސްކަން ފޮރުވުމަށް ލޯ އަޅައިލީމެވެ.
"ރުއާ ގެއަށް އައީ އަހަންނާ އެކީއެއް ނޫން..." އިންޒާރެއް ދޭ ފަދައިން ޔާނިޝް ބުނެލިއެވެ. "މަންމައަށް މި އަޑު އިވިއްޖެއްޔާ..."
"ތީ ވަރަށް ކުޓުވާ މީހެއް..." ކެތްނުވެގެން އަހަންނަށް ބުނެވުނެވެ.
"ތޭންކް ޔޫ... މިފަހަރު އެވޯޑެއް ހޯދާނަން..." ޔާނިޝް ލާނެތް ގޮތަކަށް ބުންޏެވެ. "ދައްތާ..."
ޔާނިޝް އެތެރެއަށް ވަންނަން އުޅުނެވެ. އޭނާ ލައިގެން ހުރި ގަމީހުގައި ހިފައި ފަހަތަށް ދަމައިގަނެވުނީ ކިހިނެތް ކަމެއްވެސް ނޭނގުނެވެ. ފެނުނީ ގަމީސް އިރައިގެން ދިޔަ ތަނެވެ. މޭމަތިން ބައެއް ގޮށްތައް ނެއްޓި، މުށިތަކުގެ މައްޗަށް ވެއްޓުނު އަޑު އިވުނެވެ.
"ސޮ...ސޮރީ..." އަމާން ދޭ ފަދައިން ޔާނިޝް އާއި ދުރަށް ޖެހިލަމުން، ބުނީމެވެ.
ޔާނިޝް ހުރީ ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލައިގެންނެވެ. އޭނާ އަހަންނާއި ދިމާއަށް އަންނަން ފެށިއެވެ. އަހަންނަށް ޖެހިލެވުނީ ފަހަތަށެވެ. އެވަގުތު ފާރުގައި ޖެހިފައި މަތަވިއެވެ.
"އެކެއް، ރުއާ ގެއަށް އައީ އަހަންނާ އެކީއެއް ނޫން... ދޭއް، އަހަންނަށް މިހެން ހެދީވެސް..." އަހަރެންގެ ދެފަރާތުން ފާރުގައި ދެ އަތުން ހިފަހައްޓާލަމުން ޔާނިޝް ބުންޏެވެ. އޭނާ ފަހުން ބުނި އެއްޗެއް އެނގޭ ވަރަށްވުރެ އަހަރެން ހުރީ ހާސްވެފައެވެ.
އަހަރެން ހުރީ ބިރުން ނޭވާއެއްވެސް ލާން ނުކެރިފައެވެ. ޔާނިޝްގެ އެ ގާތްކަމުގެ ސަބަބުންނެވެ. އެ ނުރައްކާތެރި ނަޒަރު ހުއްޓިފައިވީ ސީދާ އަހަރެންގެ ލޮލަށެވެ. ތޫނު ދެލޮލެވެ. ދިގު އެސްފިޔަތަކެކެވެ. މޫނުގެ ކޮންމެ ގުނަވަނެއްވެސް އެހާމެ ފުރިހަމައެވެ. އެ ފިރިހެންވަންތަކަމަށް ތައުރީފު ނުކުރާނެ އަންހެން ކުއްޖަކު މަދުވާނެއޭ ހިތް ބުންޏެވެ.
(ނުނިމޭ)