25 Jun 2022, 18:44
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލު އަޙުމަދު ނާޒިމް ޢަބްދުއްސައްތާރު، ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ އިއްތިހާދުންނެވެ. އެ އިއްތިހާދުން ފުލުހުންނަށް ފޮނުވި މައްސަލައިގައި ބުނީ ރަސޫލާއަށް ފުރައްސާރަކޮށް މަލާމާތްކޮށް 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހުގެ 10:59 ގައި ނާޒިމް ސައްތާރުގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއް އެ އިއްތިހާދުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
މިހާރު އެ ޓްވީޓް ޑިލީޓް ކޮށްލާފައިވާ ކަމަށާއި ޓްވިޓާ ފަދަ ސޯޝަލް މީޑިއާގައި ޑިލީޓް ކުރެވޭ އެއްޗިއްސަކީ ޓެކްނޮލޮޖީގެ އެހީގައި ރިކަވާ ކުރެވޭ އެއްޗަކަށް ވާއިރު ފުލުހުންނަށް އެ މައްސަލަ ބެލުމަށް އަދި މާ ފަސޭހަވާނެ ކަން ފާހަގަ ކޮށްފައިވެއެވެ.
ރައްޔިތުންގެ އިއްތިހާދުން ފޮނުވި ސިޓީގައި ބުނީ ނާޒިމް ސައްތާރު ހިންގާފައިވާ އެ އަމަލަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގެ ދަށުން އެ ގާނޫނު ތަންފީޒުކުރުމަށް ހަދާފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ދީނީ ތަގްރީރު ކުރުމާ ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަހުދަތު މެދެހެއްޓުމުގެ ނުކުތާ އާއި ޚިލާފު ކަމެއް ކަމަށެވެ. އަދި އެކަން ތަހުގީގުކޮށް މައްސަލަ ބަލައި، ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައިވެއެވެ.
އެ މައްސަލައާއި ގުޅިގެން ނާޒިމް ވަނީ އެކަމަށް އިންކާރު ކޮށްފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ އެހެން ތުހުމަތުތައް ވެސް ވަނީ ދޮގުކޮށްފައެވެ.
ނާޒިމް ގެ މައްޗަށް ނާޒިމް ޖިނާއީ ތަހުގީގު ފަށައިގަނެ، އޭނާގެ ޕާސްޕޯޓު ހިފައްޓައިފައިވާއިރު އޭނާ އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ލީކުވި މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.