25 Jun 2022, 13:40
ވޮޝިންޓަން (25 ޖޫން 2022): މީގެ ފަންސާހަކަށް އަހަރުކުރިން އެމެރިކާގައި އެބޯޝަން (ދަރިވެއްޓުން) ހުއްދަކޮށްފައި އޮތް އޮތުން އެމެރިކާގެ ސުޕްރީމް ކޯޓުން އިއްޔެ ނިންމުމަކަށް ގެނައުމުން އެމެރިކާގެ ލެބެރަލް ފިކުރުގެ މީހުން ކަންބޮޑުވެއްޖެއެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ ބެންޗްގައި ހިމެނޭ ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އިއްޔެ ނިންމާފައިވަނީ އެބޯޝަނަކީ އެމެރިކާގެ އަންހެނުން ބޭނުންވަގުތަކު އެކަންކުރާގޮތަށް އަންހެނުންނަށް ލިބިދޭ އަސާސީ ހައްގެއް ނޫން ކަމަށާ އެބޯޝަން ހެދޭނީ ސިއްޙީގޮތުން އެކަންކުރަން މަޖުބޫެރުވާ ހާލަތްތަކުގައި އެކަނި ކަމުގައެވެ.
އެމެރިކާގައި އެބޯޝަން ހުއްދަކުރީ 1973 ވަނައަހަރުގައި އެގައުމުގެ ސުޕްރީމް ކޯޓުންނެވެ. އޭގެކުރިން އެމެރިކާގައި އެބޯޝަން ހުއްދައެއްނޫނެވެ. ނަމަވެސް 1973 ވަނަ އަހަރު އެމެރިކާގެ ސުޕްރީމް ކޯޓުންވަނީ އެބޯޝަންއަކީ އެމެރިކާ ކޮންމެ އަންހެނަކަށް ލިބިގެންވާ އަސާސީ ހައްގެއްކަމަށް ނިންމައި ދަރިވެއްޓުން ހުއްދަކޮށްފައެވެ.

އެބޯޝަންގެ ދިފާއުގައި އެމެރިކާގެ އަންހެނުންގެ ބަޔަކު މުޒާހަރާ ކުރަނީ
އެދުވަސްވަރު އެނިންމުމުގެ ސަބަބުން ކަންބޮޑުވީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ދީނީ ކަންކަމަށް އިހުތިރާމު ކުރާމީހުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާމީހުންގެ ތެރެއިން އެބޯޝަނާ އިދިކޮޅު މީހުންނާ އަދި ކޮންޒަވެޓިވް ފިކުރުގެ މީހުންނެވެ. އޭރު އެނިންމުމާމެދު އުފާވީ ލެބެރަލް ފިކުރުގެ މީހުންނެވެ.
އެދުވަސްވަރު އެބޯޝަން ހުއްދަކުރުމުން އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ވެސް އެބޯޝަންއާބެހޭ ގާނޫނުތައް ފާސްކޮށްގެން އެބޯޝަން ހުއްދަކުރިއެވެ. ނަމަވެސް ދީނީ ކަންކަމަށް އިހުތިރާމު ކުރާމީހުންނާއި ކޮންޒަވެޓިވް ފިކުރުގެ މީހުން ދިޔައީ އެބޯޝަން މަނާކުރުމަށް އޭރުން ފެށިގެންވެސް ގާނޫނީ ގޮތުން ވަކަލާތުކުރަމުންނެވެ. މިއަދު މިއޮތީ އެމީހުންނަށް އެކަން ކާމިޔާބުވެފައެވެ.
އެމެރިކާގައި އެބޯޝަން މަނާކުރުމަށް އިއްޔެ އެގައުމުގެ ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ އާދައިގެ ކަމެއްނޫނެވެ. މިއީ އެބޯޝަން ހެދުމުގެ މަލްޓި ބިލިޔަން ޑޮލަރުގެ ވިޔަފާރި ހުއްޓުން އަންނާނެކަމެކެވެ. އެބޯޝަން ހަދާކުލިނިކްތައް ބަންދުކުރަން ޖެހޭނެ ކަމެކެވެ. އަދި އެކަމުގައި ހަރަކާތްތެރިވާ އެތަށް ބައެއްގެ ވަޒީފާ ގެއްލިގެންދާނެ ކަމެއްވެސް މެއެވެ. އަދި މިއީ އެމެރިކާގެ އާބާދީގައި ނަހަލާލުކުދިން އިންތިހާއަށް އިތުރުވެ އެކަނިވެރި މައިންވެސް އިންތިހާއަށް އިތުރުވެގެން ދާނެކަމެކެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން އެމެރިކާގައި އަހަރެއްގެ މައްޗަށް މިލިޔަނަކަށް ވުރެ ގިނަ އަންހެނުން އެބޯޝަން ހަދައެވެ. މިއީ ހަމައެކަނި ރިޕޯޓް ކުރާ މިންވަރެވެ. ރިޕޯޓް ނުކުރާ އެބޯޝަންގެ އަދަދުވެސް ލައްކައިން ގުނާލެވޭނެކަމަށްވަނީ ބެލެވިފައެވެ.
އެބޯޝަން ގާނޫނީ ގޮތުން މަނާކުރުމުން އެމެރިކާގައި ނަހަލާލު ކުދިން އިތުރުވެ އާބާދީވެސް އިތުރުވެގެންދާނެކަމަށް ބެލެވިފައިވާއިރު މިއީ އެމެރިކާގެ އިންސާނީ ތަރައްގީގެ އިންޑިކޭޓާތަކަށްވެސް ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. އޭގެތެރޭގައި އިންސްޓިޝިއުނަލް ބާތުގެ ރޭޓާއި ވިހެއުމުގެ ތެރޭގައި އަންހެނުން މަރުވާ ނިސްބަތާއި ޅަފަތުގައި މަރުވާ ކުދިންގެ ނިސްބަތާއި އެންޓިނޭޓަލް ކެއާއާއި ޕޯސްތް ނޭޓަލް ކެއާގެ ނިސްބަތް ހިމެނެއެވެ.
ފަންސާސް އަހަރަށްފަހު އެމެރިކާގެ ސުޕްރީމް ކޯޓުން އެމެރިކާގައި އެބޯޝަން މަނާކޮށް އެއީ އެމެރިކާގެ އަންހެނުންނަށް ލިބިފައިވާ އަސާސީ ހައްގެއް ނޫންކަމަށް ނިންމުމުން ދީނީ މީހުންނާއި އެބޯޝަނާ ދެކޮޅު ކޮންޒަވެޓިވް ފިކުރުގެ މީހުން އެކަމާ އުފާފާޅުކުރަމުން ދާއިރު މިނިވަން ލެބެރަލް ފިކުރުގެ މީހުންނާއި އެމެރިކާގައި ވެރިކަންކުރާ އެފިކުރުގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ފަރާތްތަކުން ގެންދަނީ މިކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.