24 Jul 2010, 14:58
19:00
ސަލާމަތީ ބާރުތަކުން މާލެތެރޭގައި ހިންގާ އޮޕަރޭޝަންގެ ދަށުން މިހާރު ހައްޔަރުކޮށްފައި ތިބީ 11 މީހަކު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސަލާމަތީ ބާރުތަކުން ހިނގި އޮޕަރޭޝަންގައި މިހާތަނަށް 191 މީހަކު ފުލުހުންގެ ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި 15 ކުޑަ ކުއްޖަކު ހިމެނޭ ކަމަށެވެ. ނަމަވެސް މިހާރު ހައްޔަރުކޮށްފައި ތިބި 11 މީހުންގެ ތެރޭގައި ކުޑަކުއްޖަކު ނުހިމެނޭ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ ސަލާމަތީ ބާރުތަކުން މާލެތެރޭގައި ހިންގާ އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭގަނޑު ދަންވަރު މަގުމަތީގައި އުޅޭ، ކުށް ކުށަށް އަރައިގަންނާނެ ކަމަށް ބެލެވޭ މީހުން ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކޯސްޓް ގާޑު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ މޭޖަރ އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ ފުލުހުންނާ ސިފައިން ގުޅިގެން ހަފްތާއެއްހާ ދުވަހަށް ހިންގި އޮޕަރޭޝަންގައި މާލެތެރޭގެ އަމަންއަމާންކަން ރަނގަޅުވެފައިވީ ނަމަވެސް އެ އޮޕަރޭޝަން ހުއްޓާނުލާ އަދިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުންގެ ޗީފް އިންސްޕެކްޓަރ އަހުމަދު މުހައްމަދު ވިދާޅުވީ ރަށުތެރޭގައި ހަމަނުޖެހުން ހިންގުމަށް މިހާރު ވެސް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމަށެވެ.