02 Jul 2022, 12:03
ސައިކަލު ފަހަތަށް އެރި ނަމަވެސް، އަހަރެން އިނީ ޔާނިޝް އާއި ވީހާވެސް ދުރަށް ޖެހިގެންނެވެ. ޔާނިޝްދެކެ ވާ ފޫހި، އޭނާގެ ސައިކަލު ދެކެވެސް ވިއެވެ. ސައިކަލަށް އެރި ވަގުތު، އޭގެ ފުރޮޅުގައި ފައިން ޖެހުމުން، ތަދުވީވެސް އަހަރެންގެ ފަޔަށެވެ. ތަދުވާވަރުން އިންނަންޖެހުނީ، ފަޔަށް ގޮތެއްވެސް ހަދާނުލައެވެ.
"ބާރަށް ހިފަހައްޓައިގެން އިންނައްޗޭ..." ޔާނިޝް އެދުނެވެ.
********
"ޗި..." ވީ ފޫއްސެއްގެ ބޮޑުކަމުން އަހަންނަށް ބުނެވުނެވެ.
"ރުއާ ހާދަ ނަސީބު ރަނގަޅޭ... ކޮންމެ ކޮންމެ އަންހެން ކުއްޖަކަށް ލިބޭނެ ފުރުސަތެއް ނޫން އިނގޭ މީ..." އަހަރެން ބުނި އެއްޗެއް އަޑު އިވުނު ފަދައަކުން ޔާނިޝް ބުނެލިއެވެ.
ދަތްތައް ފައިބައިގެން ދާހައި ބާރަށް ދަތްކުނޑި ވިކައިލެވުނެވެ. ދުނިޔޭގެ ހުރިހާ އަންހެން ކުދިން ޔާނިޝްގެ ސައިކަލު ފަހަތަށް އަރަން ބޭނުންވިޔަސް، އަހަރެންގެ ސައުގުވެރިކަމެއް ނެތެވެ. އެހެން ނޫނަސް، އަހަރެން ކަހަލަ އަންހެން ކުއްޖަކު ޔާނިޝްގެ ފަހަތުގައި އިނދެގެން ފަހުރުވެރި ވާންޖެހޭނީ ޔާނިޝް ނޫން ހެއްޔެވެ؟ ސަބަބަކީ ބައްޕަ ނޫން މީހެއްގެ ސައިކަލު ފަހަތަށް ދުވަހަކުވެސް ނާރާ އަންހެން ކުއްޖަކު ފުރަތަމަ ފަހަރަށް ޔާނިޝްގެ ފަހަތުގައި އިނުމެވެ.
އަހަރެން ނުވިސްނާ އިންދާ، ޔާނިޝް ސައިކަލު ދުއްވައިލިއެވެ. ކައްސާލައިގެން ގޮސް އޭނާގެ ގައިގައި ތަތްވިއެވެ. އެވަގުތު ޔާނިޝް ކުއްލިއަކަށް ސައިކަލު ހުއްޓުމުން، ދުރަށްޖެހިލަން އުޅެފައި، ބޭއިހުތިޔާރުގައި އޭނާގެ ގައިގައި ހިފަހައްޓައިލެވިއްޖެއެވެ. އެއީ ޔާނިޝް ބޭނުންވި ގޮތްކަން ޔަގީނެވެ. އޭނާއަށް އެކަމުން އެތައް އުފަލެއް ލިބޭނެއޭ ހިތް ބުންޏެވެ.
"ރުއާ އޯކޭތަ؟..." ޔާނިޝް ބުނެލި އަޑު އިވުނެވެ. "އެހެންވެއޭ ބުނީ ބާރަށް ހިފަހައްޓައިގެން އިންނާށޭ..."
ގަސްދުގައި ހުރިހާ ކަމެއް ކޮށްފައި، ރަނގަޅުތޯ އެހުމުން އަހަރެން ވަކީން ރުޅިގަދަވިއެވެ. ޔާނިޝް އާއި ދުރަށްޖެހިލަން އުޅުނީމެވެ. އެވަގުތު މަގުގެ އެއްފަރާތުގައި ހުރި ޒުވާނާ ލޮލުގައި އަޅައިގަތެވެ. އޭނާ ހުރީ އަހަންނަށް ބަލަހައްޓައިގެންނެވެ. އެ ދެލޮލުގައި ތަފާތު އަސަރެއް ވިހެން ހީވިއެވެ. އަވަސް އަވަހަށް ޔާނިޝް އާއި ދުރަށްޖެހިލެވުނެވެ. ޒުވާނާއަށް ފަސްދީ ދިޔުމުން ލޯގަނޑުންވެސް އޭނާއަށް ބެލުނެވެ. އަހަރެމެން ލޯމަތީން އޮބައިލަންދެން އޭނާ ބަލަން ހުރިތަން އަހަންނަށް ފެނުނެވެ. ކީއްވެ ހެއްޔެވެ؟ އަހަރެން ޔާނިޝް އާއި އެކުގައި ދާތީ ކަންބޮޑުވީ ހެއްޔެވެ؟ ނޫނީ އޭނާ މަޑުކޮށްގެން ހުރީ އަހަރެންގެ އިންތިޒާރުގައި ހެއްޔެވެ؟
"ބުނީމެއްނު ކެއަފުލްވާށޭ..." ޔާނިޝްގެ ލާނެތް އަޑު އިވުނެވެ. ހީލި އަޑު އިވުމުން އެތެރެހަށި އަނދައިގެން ދިޔައެވެ. "އަހަރެންގެ ގައިގަ އަތްލިޔަސް ރުއާ ފާފަވެރިއެއް ނުވާނެއޭ..."
އަހަރެން އިނީ ގެއަށް ދިޔުން ލަސްވެފައެވެ. އެހެން ރޭރޭ އެއީ އަހަރެން އެންމެ ފޫހިވާ ވަގުތުކޮޅެވެ. ކޮލެޖު ނިންމާފައި އަހަރެން ކޮންމެ ރެޔަކު ގެއަށް އަންނަނީ، އަންނަ ހިތަކުން ނޫނެވެ. އެކަމަކު، މިއަދުން ފެށިގެން އެކަން ބަދަލުވެއްޖެކަން ގައިމެވެ. ހުރިހާވެސް މައްސަލައަކީ ޔާނިޝްއެވެ. އޭނާ ނައިނަމައެވެ.
ޔާނިޝް ސައިކަލު ދުއްވަމުން ދިޔައީ ކުއްލިއަކަށް ހުއްޓަމުން ކަހަލަ ގޮތަކަށެވެ. ދުރުގައި އިންނަން ކިތަންމެ މަސައްކަތް ކުރިޔަސް، ދޭތެރެއަކުން އޭނާގެ ގައިގައި ޖެހެއެވެ. ޔާނިޝް ދިޔައީވެސް ގެއާއި ދުރުހެން ހީވާ މަގުތައް ބަލައިގެން ހެން ހީވިއެވެ. އުޅެ ބޮޑުވީ، މާލޭގައި ނަމަވެސް، އަހަންނަށް މާލޭގެ މަގުތަކެއް ނޭނގެއެވެ. އެނގުނު ކަމަކީ، ޔާނިޝް ދުއްވަމުން ދިޔައީ، ބައްޕަ އާއި އެކުގައި ސައިކަލުގައި ދާ މަގުތަކުން ނޫންކަމެވެ. ސައިކަލުން ފުންމައިލަން އެތައް ފަހަރަކު ހިތް ބުންޏެވެ. އެކަމަކުވެސް ގެއާއި ހަމައަށް ދެވެންދެން ކެތްކޮށްލައިގެން އިނީމެވެ.
ގެ ފެނުމާއިއެކު، އަހަންނަށް ހީވީ، ބޯމަތިން ހިލަގަނޑެއް ނެގި ހެންނެވެ. ޔާނިޝްގެ ކިބައިން ސަލާމަތްވި ކަމަށް ހީކޮށް އަހަރެން ގެއާއި ދިމާއަށް ހިނގައިގަތީ، ހަމަޖެހިލައިގެން ހުރެއެވެ. އެއީ ކުރެވުނު ކުށްހީއެކެވެ. ގޭގެ ދޮރާއި ކައިރިވެލި ވަގުތު، އޮޅުވެފައިވާ ފިޔޮއްގަނޑެއް ފަދައިން ޔާނިޝް އައިސް ހުރީ، ފަހަތުގައި ވިއްދާފައެވެ. ނޭވާއަށްވެސް އުނދަގޫވިއެވެ. އެކަމާއި ހުރެ ތަޅު ހުޅުވަންވެސް އިރުކޮޅެއް ނެގިއެވެ. އަހަންނާއިއެކު އޭނާވެސް ގޭތެރެއަށް ދެމިގަތެވެ.
"އަހަނ... ޔާނިޝް ތި އައީ ދޯ..." މަންމަ ހިނިއައިސްފައި ހުރީ ހުރިހާ ދަތްތައް ފެންނަ ވަރަށެވެ.
ޔާނިޝް ފެނުމުން، މަންމަ އެހާ އުފާވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ފެނުމުންވެސް އެވަރަށް އުފާވާންވީ ނޫން ހެއްޔެވެ؟ އަހަރެން މީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅު ވިއްޔާއެވެ. މަންމަދެކެ ފޫހިވެގެން އެތަނުގައި މަޑުކުރަންވެސް ބޭނުމެއް ނުވިއެވެ. ކޮޓަރިއަށް ވަދެވަދެ ހުއްޓައި މަންމަ ގޮވިއެވެ.
"ޔާނިޝްއާ އެކީ ކާން ހިނގާ ދަރިފުޅާ..." މަންމަ އެދުނެވެ.
"ޔާނިޝް، ޔާނިޝް... ވަރެއްގެ މީހެއް..." އަހަންނަށް ހިތާއި ހިތުން ބުނެވުނެވެ.
"ބައްޕަ ދުރުވީމައެއްނު ކާނީ... އަދި ބަނޑުހައެއްވެސް ނުވޭ..." އަހަރެން ބުނީ، ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރިކަން މަންމައަށް އަންގަން ބޭނުންވެފައިވާ ރާގެއްގައެވެ. އެކަން އެނގުމުން ކަންނޭނގެއެވެ. މަންމަގެ މޫނުން ނުރުހުމުގެ އަސަރު ފެނުނެވެ.
"އުހުނ... މިހާރު އާދޭ..." މަންމަ ދުލެއް ނުކުރިއެވެ.
ވީ ފޫއްސަކުން ޔާނިޝް އާއި ދިމާއަށް ލޯ އަޅައިލީމެވެ. ޔާނިޝް ހުރީ ހިނި އައިސްފައެވެ. އަހަރެން ކިތަންމެ ރުޅި އަޔަސް، އޭނާގެ ފަރުވާލެއް ނެތް ކަހަލައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މަންމަ އެހުރީ، އޭނާގެ ދިފާއުގައި ވިއްޔާއެވެ.
ކާން އަރާފައި މަންމަ އުޅެން ފެށި ގޮތަކުން ބޯ ފަޅައިގެންދާން ކައިރިވިއެވެ. ޔާނިޝްގެ ތައްޓަށް ބަތް އަޅައިދީ، ރިހަ އާއި ތެލުލި މަސް ލައިދީ ހެދިއެވެ. އިރުއިރުކޮޅާ އެއްޗެއް ބޭނުންތޯ ސުވާލުކުރެއެވެ. ޔާނިޝް ނުކާން އުޅޭ ވަރަކަށް ހައްތަހާ ކާންދޭން މަސައްކަތް ކުރިއެވެ. އަހަރެން އިނީ އަޖައިބުވެގެން އަންތަރީސްވެފައެވެ. އެއީ މަންމަ ދުވަހަކުވެސް އަހަރެން ނުވަތަ ބައްޕައަށްވެސް ކާންދޭން އުޅުނު ގޮތެއް ނޫނެވެ. އެންމެން އެއް ސުފުރާއެއްގެ މަތީގައި ނޫނީ ދުވަހަކުވެސް ނުކަމެވެ. އެންމެ ކުޑައިރުން ފެށިގެންވެސް ކިތަންމެ ކާހިތްވިޔަސް، ބައްޕަ އައުމުން ނޫނީ މޭޒުމަތީގައި ހުންނަ ކާއެއްޗެއްގައި އަތްލާކަށްވެސް އަމުރެއް ނޯވެއެވެ. ޔާނިޝް އައުމުން ކުއްލިއަކަށް އެ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ބައްޕަ އަންނަންދެން މަޑުކޮށްލުމެއް ނެތެވެ. ކެއުމުގެ ކުރިން އެންމެން އެއްކޮށް ދުއާ ކިޔުމެއް ނެތެވެ. މަންމަ ގެންގުޅުނު ހަރުކަށި އުސޫލުތައް ޔާނިޝް އައުމުން ބަދަލުވެއްޖެއެވެ.
"ދަރިފުޅާ... ޔާނިޝްއަށް ފެންތަށި ކައިރިކޮށްލަދީބަލަ..." މަންމަ އެދުނެވެ.
އަހަރެން ބަލައިލިއިރު، ފެންތަށި ހުރީ، ޔާނިޝްގެ އަތް ފޯރާ ފަށުގައެވެ. މަންމަ އެދުނަސް، އެކަން ކުރާކަށް ހިތެއް ނޭދުނެވެ. ޔާނިޝްއަކީ އެވަރުގެ ގަދަރުވެރިއެއް ނޫނެވެ. އަމިއްލަ އަތުން ފެންތައްޓެއް ނެގެންވާނެއެވެ.
"އަމިއްލައަށް ނަގާ..." ޔާނިޝް ކެއުން ހުއްޓައިލި ތަން ފެނުމުން އަހަރެން ބުނީމެވެ.
މަންމަ ޔާނިޝްއަށް ސިއްރުން އަހަންނާއި ދިމާއަށް ލޯ އަޅައިލިއެވެ. އެއީ ވަރުގަދަ އިންޒާރެކެވެ. ބިރުން ގޮސް އަވަހަށް މަންމަ އެދުނު ކަންތައް ކޮށްދިނީމެވެ. ޔާނިޝް ދިޔައީ، ކައިގެން އިރުކޮޅަކު ގޭގައި މަޑުކޮށްލާފައެވެ. ތަށިތައް ދޮންނަން ހުއްޓައި، މަންމަ ގޮވައިލިއެވެ. އެއުޅެނީ، ވަރުގަދަ ބޮމެއް ގޮއްވައިލަންކަން އެނގުނެވެ. ތަށީގައި އިސްޕަންޖުގަނޑު ހާކައިލަ ހާކައިލާ އެތައް އިރަކު ހުރީމެވެ. މަންމަ ނުދާނެކަން އެނގުމުން، އެންމެފަހުން ކާގެއިން ނުކުންނަން މަޖުބޫރުވިއެވެ.
"ދަރިފުޅު އެއްވެސް ވަރަކަށް ޔާނިޝްއަކަށް އިހުތިރާމެއް ނުކުރަން ދޯ..." މަންމަ ނުރުހިފައި ބުންޏެވެ.
"ކީއްވެތަ އޭނައަށް އިހުތިރާމް ކުރަންޖެހެނީ މަންމާ..." ޝަކުވާގެ ރާގަކަށް ބުނެވުނެވެ.
"ބޮޑުމީހެއްވީމަ..." މަންމަ ދިނީ ކުރު ޖަވާބެކެވެ.
"މިގެއާ ޖެހިގެން ހުރި ގޭ ކަންމަތީގަ އިންނަ ފުތާވެސް އެހާ ބޮޑު... އެކަމަކު، މަންމައެއްނު ބުނީ، އޭނަ ވާހަކަ ދެއްކީމަ ވާހަކަ ނުދައްކައްޗޭ... މަންމަ ތިބުނާ ގޮތުން، އޭނަ ބޮޑުވީމަ، އޭނައަށްވެސް އިހުތިރާމު ކުރަން ޖެހޭނެއެއްނު..." އަހަރެން ފުރަތަމަ ފަހަރަށް މަންމަގެ ކުރިމަތީގައި ޖަދަލުކުރީމެވެ.
މަންމަ އައި ރުޅިން ކަންނޭނގެއެވެ. ކޮޓަރިއަށް ދިޔުމަށް އެންގިއެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ކޮޓަރި އާއި ދިމާއަށް ދެވުނީ ކިހިނެތް ކަމެއްވެސް ނޭނގެއެވެ. އަހަރެން ހުރީ އޮށޯވެލަން ބޭނުންވެފައެވެ.
ޖެހިގެން އައި ދުވަހަކީ ބޮޑު ދުވަހެކެވެ. ފަތިހު ފަތިހާ މަންމަ އައިސް ގޮވާ ނެގުމުން އެކަން ކަށަވަރު ވިއެވެ. ގެއަށް މެހެމާނުންތަކެއް އަންނަނީއެވެ. މަންމަ އާއި އެކުގައި ބަދިގެތެރޭގެ މަސައްކަތްތަކުގައި ހަވީރު ވަންދެން އުޅެން ޖެހުމުން އަހަރެން ހުރީ ވަރުބަލިވެފައެވެ. ކޮލެޖަށް ދިޔުމުގެ ކުރިން އަރާމުކޮށްލުމަށް ފެންވަރައިގެން އެނދުގައި ޖައްސައިލީމެވެ. ގިނައިރެއްނުވެ ގޭތެރޭގައި ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ. ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުނީ އޭގެ އިރުކޮޅެއް ފަހުންނެވެ.
"މީނަ ބަހައްޓާލަބަލަ..." ދޮރުމަތީގައި ހުރީ މަންމައެވެ. މަންމަގެ ކައިރީގައި، ތިންވަރަކަށް އަހަރުގެ ލޯބިލޯބި ކުޑަ އަންހެން ކުއްޖަކު ހުއްޓެވެ.
"ބޭބީ... އާދޭ އަވަހަށް..." އަހަންނަށް ބުނެވުނެވެ.
އެކުއްޖާ ދުވެލާފައި އައިސް އެނދަށް އެރިއެވެ. އެނދުކޮޅުގައި ހުރި އެއްޗެހި ވީ އެކުއްޖާ މާ ޝައުގުވެރިވި އެއްޗެއްސަށެވެ. ފަހަރަކު އެއްޗެއް ނަގައިގެން ކުޅެން ފެށިއެވެ. އެންމެ ކަމުދާ އެއްޗަކަށް ވީ ފުނަލެކެވެ. އެ ނަގައިގެން އަހަރެންގެ އިސްތަށިގަނޑުގައި ފުނާ އަޅައިދޭން ފެށިއެވެ.
"ކޮން ނަމެއް ބޭބީއަށް ކިޔަނީ؟..." އެކުއްޖާގެ ކޯކޮޅުގައި ފިރުމައިލަމުން ސުވާލުކުރީމެވެ.
"އާނާ..." އެކުއްޖާ ބުންޏެވެ.
"އާނާ ކީއްކުރަން މިގެއަށް ތިއައީ؟..." އަހަރެން ވަރަށް ލޯބިން އަހައިލީމެވެ.
"ޑެޑީ މެލީކުލަން..." އާނާ ވަރަށް މައުސޫމު ގޮތަކަށް ބުނެލިއެވެ.
"ޑެޑީ މެރީކުރާށޭ؟... ކާކާ؟..." އަހަންނަށް އަހައިލެވުނެވެ.
"ޑެޑީ މެލީކުލަން..." އާނާ އަނެއްކާވެސް އޭނާ ކުރިން ބުނި ޖުމްލަ ތަކުރާރުކޮށްލިއެވެ.
"ކާކާ މެރީކުރަނީ؟... ކާކު ބޭބީގެ ޑެޑީއަކީ؟..." އަހަރެންގެ ހިތް އޮތީ ތެޅިތެޅިއެވެ. އާނާގެ ދުލުން އަހަރެން ކުރި ސުވާލުތަކުގެ ޖަވާބު ދޭ އަޑު އަހަން ބިރުވެސް ގަތެވެ. "އާނާ ބޭބީ ވަރަށް ބަސްއަހާނެ... އަވަހަށް ބުނެބަލަ ދައްތަ ކައިރީ..."
އާނާ އިތުރު އެއްޗެއް ނުބުންޏެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން، އަހަންނަށް އެނދުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އަހަރެން ނޫން އަންހެން ކުއްޖަކު އެ ގޭގައި ނޫޅޭނެއެވެ. ވީއިރު، އެ މީހުން އައީ އަހަރެންގެ ކައިވެންޏަށް އެދިގެން ހެއްޔެވެ؟ އެކަމަކު، އާނާގެ ޑެޑީއަކީ ކާކު ހެއްޔެވެ؟ އަވަސް އަވަހަށް ބުރުގާ އަޅައިގެން ކޮޓަރިން ނުކުތީމެވެ. ބޭރުގައި އުޅެނީ ކޮން ބައެއްތޯ ބަލައިލުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުނެވެ. ސިޓިންގްރޫމުގައި ބައިވަރު މީހުންތަކެއް ތިއްބެވެ. ކޮން ބައެއްކަމެއް ނޭނގުނެވެ. އަހަރެންގެ ހިތް ބުނީ އެއީ ޔާނިޝްގެ އާއިލާ ކަމުގައެވެ. އެހެން ނޫނީ މަންމަމެން އެވަރަކުން ނޫޅޭނެއެވެ. އަހަރެން އެނބުރި ކޮޓަރިއަށް ވަނީމެވެ.
"ބޭބީ ޑެޑީއަށް ކިޔަނީ ކޮން ނަމެއް؟..." އަހަރެން އާނާ އާއި ސުވާލުކުރީމެވެ.
އާނާ ޖަވާބެއް ނުދިނެވެ. އޭނާ ފައްޓަނީ އެހެން ވާހަކައެކެވެ. ކޮލެޖަށް ދާ ގަޑި ޖެހުމުން ބައްޕަ އައެވެ. އަހަރެން ބޭރަށް ނުކުތްއިރުވެސް އެބަޔަކު ސިޓިންގްރޫމުގައި ތިއްބެވެ. އަހަރެން ފެނުމުން، އަންހެނަކު ތެދުވެގެން އައެވެ. ރީތިކަމަށް ތައުރީފުކޮށްލިއެވެ. މަންމަ އާއި ވައްތަރުކަމަށް ބުންޏެވެ. އެމީހާގެ މޫނުމަތިން ފެނުނީ، ހިތްހެޔޮކަމެވެ. ދެއްކުންތެރިކަމެއް ނެތެވެ. ވާހަކަ ދެއްކީ ދަރިފުޅު ކިޔައިގެންނެވެ. އަހަންނަށް ބަލައިލެވުނީ، މަންމަ އާއި ދިމާއަށެވެ. މަންމަ ވަރަށް ހިނި އައިސްފައި ބަލަން އިނެވެ. އެއީ މަންމަ ބޭނުންވެގެން ކުރާ ކަމެއްކަން އެ މޫނުން ހާމަވިއެވެ.
ކޮލެޖަށް ދިޔަ މަގުމަތީގައި ބައްޕަ އާއި ސުވާލުކުރަން ތަކުރާރުކޮށް ހިތް ބުންޏެވެ. އެކަމަކު، ބައްޕަގެ މަޑުމައިތިރިކަމުން، ސުވާލު ކުރާކަށް ނުކެރުނެވެ. އަހަރެން ކޮލެޖަށް ވަންނަންދެން ބަލަން އިނދެފައި ބައްޕަ ދިޔައީއެވެ. އެތެރެއަށް ވަންއިރު، އަހަރެން ނޫން އެހެން އެންމެން ތިބިހެން ހީވިއެވެ. ނަސީބު ދިމާކުރިގޮތުން ޓީޗަރަކު ނެތެވެ. އަހަރެން ގޮސް ގޮނޑީގައި އިށީންގޮތަށް މޭޒުގައި ބޯ އަޅައިލީމެވެ. އިރުކޮޅެއްފަހުން ތެދުވިއިރު، ފެނުނު މަންޒަރުން ދެލޯ ބޮޑުވާގޮތް ވިއެވެ.
އަހަރެން ހިތްއެދޭ ޒުވާނާ އިނީ ދާދި ކައިރީގައެވެ. ޖީނާ އިންނަ ގޮނޑި އޭރުވެސް ހުރީ ހުސްކޮށެވެ. ޒުވާނާ އިނީ، އެ ގޮނޑި އާއި ޖެހިގެން ހުރި ގޮނޑީގައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވީ ފޯނަށެވެ. އަހަރެންގެ ހިތް ނަށައިގަތެވެ. ހިތް ފުރެންދެން ޒުވާނާގެ މޫނަށް ބަލަން އިންނަން ބޭނުންވިއެވެ. ހިތަށް އެރިއެވެ. ޖީނާ ނާންނާނެ ނަމައެވެ. އޭރުން މެދުގައި ހުސް ގޮނޑިއެއް ހުރި ނަމަވެސް، އަހަރެމެން ދެމީހުންގެ ދެމެދުގައި ހުސްކަމެއް ހުރިކަމަށް އިހުސާސެއް ނުކުރެވޭނެއެވެ.
ޖީނާ އައީ އެހެން ދުވަސް ދުވަހަށްވުރެ ލަހުންނެވެ. އަހަރެންގެ ހިތް މަރުވާގޮތްވިއެވެ. އެ ނޫނީ ޖީނާ އައިސްގެން އަހަރެން އުފާނުވި ދުވަހެއް ނާދެއެވެ.
ޖީނާ އައިސް ގޮނޑީގައި އިށީންގޮތަށް ޒުވާނާ އާއި ވާހަކަތަކެއް ދައްކަން ފެށިއެވެ. ދެމީހުން އެކަކު އަނެކަކަށް ކޮންމެވެސް އެއްޗެހިތަކެއް ބަދަލުކުރިއެވެ. ވަރަށް ސިއްރުންނެވެ. އަހަންނަށް އަޑު އިވިދާނެތީ އުޅޭ ކަހަލައެވެ. ވީ ފޫއްސެއްގެ ބޮޑުކަމެއް އަނެއް ފަރާތަށް އެނބުރި މޭޒުގައި ބޯ އަޅައިލީމެވެ.
"ބަލީތަ؟..." އިރުކޮޅެއް ފަހުން ޖީނާ އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.
އަހަރެން ތެދުވެ ބަލައިލިއިރު، ޒުވާނާ ފެންނާކަށް ނެތެވެ. ޖީނާއަށް އަހަރެން ފެނުނީ އޭނާ ދިޔައީމައި ހެއްޔެވެ؟ ފުރަތަމަ ފަހަރަށް ޖީނާ އާއިމެދު ހިތް ގޯސްވިއެވެ. ހިތުގައި ހަސަދަވެރިކަން އުފެދުނެވެ. ޒުވާނާއަކީ، ހަމައެކަނި އަހަރެންގެ މީހެކެވެ. އަހަރެމެން ދެމީހުންގެ ދެމެދަށް އެކަކުވެސް ވަދެގެން ނުވާނެއެވެ.
"ހުން އައިއްސަތަ؟..." ޖީނާ ހާސްވެފައި އަހަރެންގެ ނިތްކުރީގައި އަތް ޖައްސައިލިއެވެ. "ހާދަ ހޫނޭ..."
"ބައްޔެއް ނޫނޭ..." އަހަރެން ކުޑަކޮށް އުނދަގޫ ގޮތަކަށް ބުނެލީމެވެ. އެއަށްފަހު، ޖީނާގެ އަތް ދުރުކޮށްލީމެވެ.
"އެކަމު ހާދަ ގޮތަކަށޭ ތި އިންނަނީ..." ޖީނާ އަހަރެންގެ މޫނަށް ފުން ނަޒަރެއް ދިންކަން އެނގުނީ، ފުން ނޭވާއެއް ދޫކޮށްލި ގޮތުންނެވެ.
"އަހަންނެއްނު އަހަންވީ އެއީ ކޮން ކަމެއްތޯ..." ޒުވާނާ އިން ގޮނޑިއަށް އިޝާރާތްކޮށްލަމުން އަހަރެން ބުނީމެވެ.
"އެއީ ދޯ..." ޖީނާގެ ކައިރިއަށް އައީ، ލާނެތް ހިންޏެކެވެ. އަހަރެންގެ ބޮލުގައި ހިފައި ކުޑަކޮށް ތިރިކޮށްލަމުން އޭނާވެސް އަހަންނާއި އެއްވަރަށް ތިރިވެލިއެވެ. "ސަޕްރައިޒް ނުވައްޗޭ... މިއުޅެނީ އޭނަޔާ އެކީ ޑޭޓަކަށް ދާންވެގެން..."
އަހަންނަށް އިނދެވުނު ތަންވެސް ނޭނގުނެވެ. ފާޑަކަށް ސިހިފައި ހަށިގަނޑު ސީދާކޮށްލެވުނެވެ.
(ނުނިމޭ)