28 Jun 2022, 13:36
ލޯބިވުމަކީ ކުށެއް ހެއްޔެވެ؟ ނޫނީ ފާފައެއް ހެއްޔެވެ؟ ނުވަތަ ލަދުވެތިވާންޖެހޭ ކަމެއް ހެއްޔެވެ؟ އެ ސުވާލުތައް އަހަރެން ކުރީ އަމިއްލަ ހިތާއެވެ. އެހެނަސް ޖަވާބެއް ނުލިބުނެވެ. އެހެން މީހުންގެ ޖަވާބު އަހަންނަށް ވަރަށް ސާފެވެ. އަންހެންކުއްޖަކު އިސްވެ، ފިރިހެނަކަށް ލޯބި ހުށަހަޅައިގެން ނުވާނެއެވެ. ކައިވެނީގެ ކުރިން ފިރިހެނަކުދެކެ ލޯބި ވެގެންވެސް ނުވާނެއެވެ. އެއީ އަހަރެންގެ މައިންބަފައިންގެވެސް ނިންމުމެވެ. އެ ނިންމުމާއި ދެކޮޅު ހެދުމުގެ ފުރުސަތެއް އަހަންނަކަށް ނެތެވެ.
އަންހެން ކުއްޖަކަށް ވީތީ، އަހަރެން އިންނަންޖެހުނީ ކޮށީގައި ހައްޔަރުވެފައެވެ. ރީތި ދިގު އިސްތަށިގަނޑު ނިވާކުރަން ބުރުގާ އަޅަންޖެހުނެވެ. އެވަރުން ނިމުނީކީ ނޫނެވެ. ބޭރަށް ދާއިރު ލާންޖެހެނީ ގަޔަށް ދޫކޮށް ހުންނަ ހެދުމެވެ. ބޭރުންދާ ރީތި ދޫނިތައް އަހަރެންގެ ލޮލުގައިވެސް އަޅައިގަނެއެވެ. ހިތް ކިޔައެވެ. އެފަދަ މިނިވަންކަމަށް ހިތް އެދެވެއެވެ. އެހެނަސް، މިނިވަންކަމެއް ނުލިބުނެވެ. އުމުރުން އަށާރަ އަހަރުވީއިރުވެސް، އަހަރެން އިނީ ގޭތެރޭގައި ގައިދުވެފައެވެ. ކޮށީގައި އުޅޭ ދޫނިތައްވެސް އަހަންނަށްވުރެ މިނިވަންކަމާއިއެކު އުދުހެއެވެ. އަހަންނަށް ގެއިން ބޭރަށް ނުކުމެވެނީ މަންމަ ނުވަތަ ބައްޕަ އާއި އެކުގައެވެ. ސަބަބަކީ، އަހަންނަކީ އަންހެން ކުއްޖަކަށް ވުމެވެ. އަހަރެންގެ އުމުރުގެ އެހެން ކުދިން މިނިވަންކަމާއިއެކު އުޅޭތަން ފެނި، ހިތް ހަސަދައިން ފޯވެއެވެ.
މަންމަމެން އެހާ ހިފަހައްޓައިގެން އުޅެނިކޮށްވެސް އަހަރެންގެ ހިތް މީހަކަށް ދީލައިލިއެވެ. ކޮލެޖުން ދިމާވި އެ ޒުވާނާ އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންގެ ހިތް އޭގެ މަގާމުން ދޫވިއެވެ. އޭނާ ހިނިތުންވެލައިފިނަމަ، އެ ދުވަހެއްގެ ބާކީބައިގައި އަހަންނަށްވެސް ހުރެވެނީ ހިނިތުންވެލައިގެންނެވެ. އޭނާ ފެނިލުމުން އެކަނިވެސް އަހަންނަށް ފުދެއެވެ. ޝަކުވާއިން ފުރިފައިވާ ހިތަށް ލުއިކަމެއް ލިބެއެވެ.
ކޮލެޖުން އަހަންނާއި ވާހަކަ ދައްކަނީ ޖީނާ އެކަންޏެވެ. އެހެން މީހުންހެން އަހަރެން ބޭރަށް ނުކުމެ ނޫޅޭތީ އާއި ސަކަރާތްޖަހާ މަޖާނުކުރާތީ، އެހެން ކުދިންނާއި އެކުވެރިކަން ބަދަހިވެފައި ނެތީއެވެ. ޖީނާއަކީ އަހަންނާއި މުޅިން ތަފާތު މިޒާޖެއްގެ މީހެކެވެ. ލާނެތްކަމަކީ އޭނާގެ އެންމެ ހާއްސަ އެއް ސިފައެވެ. ކޮންމެ މީހެއްގެ ކުރިމަތީގައި އެއްޗެއް ބުނެލަންވެސް އޭނާ ފަހެއް ނުޖެހޭނެއެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ފިޔަވައެވެ. މަންމަމެންދެކެ ޖީނާ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އަހަރެންގެ ގެއަށް ފޯނު ވެއްދި މައްސަލާގައި މަންމަ ޖީނާގެ ފަހަތުން އިލޮށިފަތި ހިފައިގެން ދުއްވައިގަންފަހުން، އޭނާ ގެއަކަށް ނުދެއެވެ. އެކަމަކު، އަހަރެމެންގެ އެކުވެރިކަމަކަށް ނިމުމެއް ނައެވެ.
"ސަޅި ބިޓެއް ދޯ... ނަން އެނގޭތަ؟..." ޖީނާ އަހަރެންގެ ގައިގައި ކޮއްޓައިލާފައި ވައި އަޑުން ބުނެލިއެވެ.
އަހަރެން އިސް އުފުލައިލިއިރު، އަހަރެންގެ ހިތުން ޖާގައެއް ހުސްކުރި ހަމައެކަނި ޒުވާނާ އެތެރެއަށް ވަދެގެން އަންނަނީއެވެ. އަހަރެން ހިތްއެދޭ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި ހުއްޓެވެ. ދިގު އިސްކޮޅެވެ. ހަމުގެ ކުލަ އައްޔެވެ. ހެދުންއަޅާ ގޮތް ސާހީއެވެ. އިސްތަށިގަނޑު ކަޅުވެފައި ފަނެވެ. ބާމަތި ފުޅާވެފައި، ކަސްރަތީ ހަށިގަނޑެކެވެ. އަބަދުވެސް އޭނާ ހުންނަނީ ރީތިވެލައިގެންނެވެ. އަހަންނަށް އެންމެ ކަމުދިޔަ ސިފައަކީ އެއީއެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް ޒުވާނާ ލައިގެން ހުރީ އަތްދިގު ގަމީހެކެވެ. އަހަންނަށް އެންމެ ރީތި މަޑު ނޫކުލައިގެ ގަމީހެކެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލާފައިވާއިރު، އެ ބާރުގަދަ މުލައްދަނޑި ހާމައަށް ބާއްވަނީ އަހަރެންގެ ހިތް އިތުރަށް ޒަހަމުކުރަން ހެން ހީވިއެވެ. ކޮންމެ ދުވަހަކުވެސް އަހަރެން އިންނަނީ ޒުވާނާ ނައިސްގެންނެވެ. ކޮންމެ މީހަކު ދޮރުން އެތެރެއަށް ވަންނައިރަށް އަހަންނަށް ބަލައިލެވެއެވެ.
އެހެން ދުވަސްތައް ފަދައިން މިއަދުވެސް އޭނާގެ ނަޒަރު އަހަރެންގެ މޫނަށް ހުއްޓުނެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވި ހެންވެސް ހީވިއެވެ. ނޫނީ އޭނާއަށް އަހަރެންގެ ހިތުގެ ހާލު ފަޅާއެރީއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާ ފެންނަ ކޮންމެ ފަހަރަކު، ފައިން ފެށިގެން މޫނަށް ނުބެލޭ އެންމެ ދުވަހެއްވެސް ދަނީކީ ނޫންވިއްޔާއެވެ. އަހަރެން އަވަސް އަވަހަށް ނަޒަރު ބަދަލުކޮށްލީމެވެ.
"އޭނަ ކޮންމެ ދުވަހަކު ރުއާއަށް ބަލާފަ ނޫނީ ނުވެސް އިށީނދޭ..." ޖީނާ އިންނަނީ ޒުވާނާގެ ހަރަކާތްތަކަށް ފާރަވެރިވެގެން ކަހަލައެވެ. އޭނާ ބުނި ޖުމްލައިން އަހަންނަށް ދޭހަވީ އެކަމެވެ.
"ޖީނާ ކިޔާފާނެ ކޮންމެފަދަ އެއްޗެއްވެސް..." ހިތުގެ ހާލު ވަންހަނާކުރަން މަސައްކަތް ކުރަމުން އަހަރެން ބުނެލީމެވެ. ހަގީގަތަކީ ޖީނާގެ ޖުމްލައިން އަހަރެންގެ ހިތް ނަށައިގެން ކަމެވެ. އެފަދަ އެތައް ވާހަކައެއް އަޑުއަހަން އަހަރެންގެ ހިތް ކެތްމަދުވެފައިވި ކަމެވެ.
"އޯކޭ އޯކޭ ހުއްޓާލީ..." ޖީނާ ފޮތް ނަގައި ހުޅުވައިލިއެވެ. "މިއަދު ސަރ ހާދަ ލަހުން އަންނަ ދުވަހެކޭ..."
ޖީނާ އެހެން ވާހަކައެއް ފެށުމުން އަހަރެންގެ ތަބީއަތު ހަރާބުވިއެވެ. ޒުވާނާގެ ވާހަކަ ފަށާނެކަމަށް އިންތިޒާރުގައި އިނދެއިނދެ ނުފެށުމުން މުޅީން މާޔޫސްވިއެވެ.
މާކެޓިންގް ކިޔަވައިދޭ މުދައްރިސް ބަލިވެގެން ކިލާސް ނަގައިދޭން އައީ އެހެން މީހެކެވެ. އެއީ އަހަންނަށް އައު މޫނަކަށް ނުވިއެވެ. މަންމަ ފަރާތު ބޮޑުދައިތަގެ ދަރިއަކު އިނދެގެން އުޅޭ މީހާގެ ގޭގައި އުޅޭ ކޮންމެވެސް މީހެއްގެ ދަރިއެކެވެ. ނަމަކީ ޔާނިޝްއެވެ. އަހަންނަށް ޔާނިޝް އެނގުނީ މަންމަމެންގެ ފަރާތުންނެވެ. ޔާނިޝްއަކީ، ކެރޭ މީހެކެވެ. ރީތި މީހެކެވެ. އަހަންނަށްވުރެ އޭނާ ދޮށީ ވާނީ ހަތަރުވަރަކަށް އަހަރެވެ. އޭނާ ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކޮށްގެން އައިތާ އަދި މާ ގިނަ ދުވަހެއް ނުވާ ވާހަކަ މަންމަ އޮތީ ބުނެފައެވެ. މަންމަމެން މާ ވަރަކަށް ޔާނިޝްގެ ވާހަކަ ދައްކާތީ، އަހަރެން އޭނާދެކެ ވަނީ ފާޑެއްގެ ފޫއްސެކެވެ. ކިލާހުން ފެނުނީމައިވެސް ވީ އެފަދަ ގޮތެކެވެ.
"އަހަރެންގެ ނަމަކީ ޔާނިޝް... ތިކުދިންގެ ޔާނިޝް ސަރ..." ޔާނިޝް އޭނާގެ ތައާރަފެއް ދިނެވެ. "މިއަދުން ފެށިގެން މިގަޑި ނަގައިދޭނީ އަހަރެން..."
ޒުވާން ރީތި މޫނެއް ފެނުމުން އެހެން ކުދިން އުފާވެގެން އޭނާއަށް ސަނާކިޔައި އުޅުނު ނަމަވެސް، އަހަންނަށް ލިބުނީ އިތުރު މާޔޫސްކަމެކެވެ. ވީހާވެސް ބޮޑަށް އިސް ތިރިކޮށްލައިގެން އިންދާވެސް ޔާނިޝްއަށް އަހަރެން ފެނިއްޖެއެވެ. އެހެން އިނދެފައި ބަލައިލެވުނު ވަގުތު ލޮލުން ހަނާ އަޅައިލިއެވެ. އަހަރެން އަޅައެއް ނުލަމެވެ. ކިޔަވައިދޭން ހުރިއިރުވެސް އޭނާ ބެލީ މުޅީންވެސް އަހަންނަށެވެ. ހީވަނީ އަހަންނަށް އެކަނި ކިޔަވައިދޭން އައިސް ހުރި މީހެއް ހެންނެވެ. އަހަރެން ނޫން ކުއްޖަކު އެ ކިލާހުގައި ނެތީ ކަހަލައެވެ. ފޫހިވެގެން ގޮސް އެތަނުން ނުކުންނަންވެސް ހިތަށް އެރިއެވެ. ޖީނާއަށް އެކަން ފާހަގަވެގެން އެ ވާހަކަ ނުދެއްކިކަން އެއީ ނަސީބެކޭ ހިތަށް އެރިއެވެ.
ކިޔަވައިދީ ނިންމާފައި މަސައްކަތެއް ހަވާލުކުރިއެވެ. ނޯޓުތައް ނެގުމުގެ މަސައްކަތުގައި އިންދާ، ކުރިމަތީގައި މީހަކު ހުއްޓުނު ކަމުގެ އިހުސާސް ކުރެވުނެވެ. އަހަރެން ބަލައިލިއިރު ޔާނިޝް ހުރީ ސީދާ އަހަރެންގެ ކުރިމަތީގައެވެ. ހުދުކުލައިގެ އަތްދިގު ގަމީހަކާއި، ކަޅު ފަޓުލޫނެއްގައެވެ. ދުވީ ލުއި ސެންޓުގެ މީރުވަހެއް ނަމަވެސް، އަހަރެން އިނީ ނޭވާލާންވެސް ބޭނުން ނުވެފައެވެ. އެއީ ޔާނިޝްއަށް ވީތީއެވެ. އޭނާ ހިނިތުންވެލާފައި މޭޒުގައި ދެއަތް އަޅުވައި ކުޑަކޮށް ގުދުވެ، ފޮތަށް ބަލައިލިއެވެ. ޔާނިޝް އެހާ ކައިރިވުމުން، ސިހިފައި ފަހަތަށް ޖެހިލެވުނެވެ. އެއާއިއެކު، ޔާނިޝްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
"މިބައި ލިޔެފަ މީނީ އަދި ރަނގަޅަކަށް ނޫން..." ޔާނިޝް ފޮތަށް ނަޒަރު ހުއްޓައިލި ނަމަވެސް، އަހަންނަށް އިނދެވުނީ އެ މޫނަށް ބަލާށެވެ. ތުންދަމައިގެންނެވެ. ޔާނިޝް އެ އުޅެނީ މޮޔަވެގެން ހެއްޔެވެ؟ އެހެން ކުދިންނަށް ކިޔައިދޭން ނުދަނީ ކީއްވެ ހެއްޔެވެ؟
"އަވަހަށް ރަނގަޅުކޮށްލާ..." ޔާނިޝް ތަކުރާރުކޮށްލިއެވެ.
ފޫހިވެގެން ފޮތްގަނޑު އިރައިލަންވެސް ހިތަށް އެރިއެވެ. ޔާނިޝް ނޫން އެހެން މީހަކު އައިނަމައެވެ. މާލޭގެ ހުރިހާ ކޮލެޖެއްގެ ތެރެއިންވެސް ޔާނިޝްއަށް ވަޒީފާ ހަމަޖެހުނީ ހަމައެކަނި އެ ކޮލެޖުން ހެއްޔެވެ؟
ކިލާސް ނިންމައިލިގޮތަށް އަހަރެން ބޭރަށް ނުކުތީ، ހިތާއިހިތުން އެއްޗެހި ކިޔަމުންނެވެ. ޔާނިޝްދެކެ ވީ ފޫއްސަކުން، ކިޔަވާހިތްވެސް ކެނޑުނެވެ. ބައްޕަ ސައިކަލުގައި ބަލައި އަންނާނެ އިރެއްގެ އިންތިޒާރުގައި އަހަރެން މަޑުކޮށްލައިގެން ހުރީ، ކޮލެޖް ބޭރު ދޮރުކައިރީގައެވެ. އެހެން ދުވަސްދުވަހު އަހަރެން ނުކުންނައިރު ބައްޕަ ހުންނާނީ އަހަރެން ބަލާ އައިހެވެ. މިއަދު ބައްޕަ ފެންނަން ނެތުމުން އަހަރެން ހައިރާންވިއެވެ. އަހަރެން ބޭރުގައި ހުންނަތާ ގިނައިރެއްނުވެ، ކޮންމެވެސް މީހަކު ނުކުތެވެ. ދުވި ސެންޓްގެ މީރު ވަހާއިއެކު އަހަރެންގެ ހިތް ތެޅިގަތެވެ. އެއީ އަހަންނަށް އައު ވަހެއް ނޫނެވެ. އަހަރެންގެ ނޭފަތް ވަނީ އެ ވަހަށް ހޭނިފައެވެ. އިހުތިޔާރެއްނެތި ދޮރާއި ދިމާއަށް އެނބުރެވުނެވެ. އަހަރެންގެ ހިތުގައި ރަސްކަން ކުރަމުންދާ ޒުވާނާ އެހުރީ އަހަންނަށް ބަލަހައްޓައިގެންނެވެ. ނުހަނު ކައިރިން ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ.
"ބައްޕަ ބަލާ ނާންނަ ރެއެއްތަ؟..." ޒުވާނާ އިސްވެ އަނގައިން ބުންޏެވެ.
އަހަންނަށް ހީވީ ހުވަފެނެއްގެ ތެރޭގައި ވީ ކަމެއް ހެންނެވެ. ކަންފަތަށް އިވުނީ ހަމަ ރަނގަޅު އަޑެއް ބާއޭ ހިތަށް އެރިއެވެ. އޭނާ ވާހަކަ ދެއްކީ އަހަންނާ ހެއްޔެވެ؟ ބޭއިހުތިޔާރުގައި ފަހަތުގައި މީހަކު ހުރިތޯވެސް ބަލައިލެވުނެވެ. ޒުވާނާ ބުނި އެއްޗެއް ފަހުމުވީ އަދި މާ ފަހުންނެވެ. އަހަރެން ބަލާ އަންނަނީ ބައްޕަކަމެއް އޭނާއަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ އޭނާ އަހަރެންގެ ކަންކަން ބަލަނީ ހެއްޔެވެ؟ ނޫނީ އެއީ ފެނުނު މަންޒަރަކުން ހީވި ހީވުމަކަށް ބުނި އެއްޗެއް ހެއްޔެވެ؟
އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނާ، ޔާނިޝް ނުކުތްތަން ފެނުނެވެ. ވަގުތުން އަނގަ ބަންދުވިއެވެ. އަނެއް ފަރާތަށް އެނބުރުނީމެވެ. ހެދޭ ނުހެދޭއެއް ނޭނގި އެނބުރެނިކޮށް، ޔާނިޝް އަހަރެންގެ ކައިރީގައި ހުއްޓުނެވެ. ކޮނޑާއި ދިމާއިން ހެދުމުގައި ހިފައި ކުޑަކޮށް ދަމައިލިއެވެ.
"ލަސްވެއްޖެދޯ... ސޮރީ..." ޔާނިޝް ބުނެލި އަޑު އިވުނެވެ.
އަހަރެން ހުރީ އެ އަޑު އިވޭ ކަމަށްވެސް ހަދާނުލައެވެ. އަހަރެންގެ އެންމެ އުފާވެރި ވަގުތުކޮޅު ޔާނިޝް ޚަރާބުކޮށްލައިފިއެވެ. ޒުވާނާ އާއި ވާހަކަ ދައްކާލަން ލިބުނު ހަމައެކަނި ވަގުތުކޮޅު، ޔާނިޝްގެ ސަބަބުން ގެއްލުނީއެވެ. އެއީ ދެން ލިބޭނެ ފުރުސަތެއް ކަމެއްވެސް ނޭނގެއެވެ. ޔާނިޝް ނައިނަމަ، ބައްޕަ އަންނަންދެން ޒުވާނާއާއި ވާހަކަ ދައްކާލަން ހުރެވުނީހެވެ. އޭނާގެ ނަންވެސް އެނގުނީހެވެ.
"ގެއަށް ނުދާންތަ ތިހުންނަނީ؟..." ޔާނިޝް އަހައިލިއެވެ.
"ބައްޕަ އައީމަ ދާނަން..." ޔާނިޝްގެ މޫނަށް ބަލައިލުމެއްނެތި އަހަރެން ބުނީމެވެ.
"އައްދެ... ހާދަ ރުޅި އައިއްސަ..." ޔާނިޝްގެ އަޑުގައިވީ ލާނެތްކަމެވެ. އަހަރެން ރުޅި އައިކަން އެނގުމުން އޭނާއަށް މަޖާކަމަކަށް ވީ ކަންނޭނގެއެވެ.
"ތިތާ ކިތަންމެ އިރަކު ހުއްޓަސް، މިރޭ ބައްޕައެއް ނާންނާނެ އިނގޭ..." އަހަރެން އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ޔާނިޝްއެވެ.
"ކީއްވެ؟..." އަހަރެންގެ ހިތް ތެޅިގަތެވެ. ވަގުތުން ޔާނިޝްއާއި ދިމާއަށް އެނބުރެވިއްޖެއެވެ. ބައްޕައަށް ކަމެއް ވީ ހެއްޔެވެ؟ ނޫނީ ގޭމީހަކު ބަލިވީ ހެއްޔެވެ؟
"މިރެއިން ފެށިގެން ތިކުއްޖާގެ ޒިންމާ އެޅިފަ އޮތީ އަހަރެންގެ ބޮލުގަ، އެހެންވެ..." ޔާނިޝް ހުރީ ހަމަޖެހިލާފައެވެ. ހުރިހާ ބާރެއް މިހާރު އޮތީ އޭނާގެ އަތްމަތީގައޭ ބުނާފަދައެވެ.
"ކީއްވެ؟..." ޝަކުވާގެ ރާގެއްގައި އަހައިލެވުނެވެ.
"ރުއާގެ މަންމަމެން އެގޮތް ބޭނުންވީމަ..." ޔާނިޝް ޖަވާބު ދިނެވެ.
އަހަރެންގެ ތަބީއަތު ހަރާބުވިއެވެ. ފަހަތަށް ޖެހިލެވުނެވެ. ހިތުގައި އުފެދުނީ ޝަކުވާއެވެ. މަންމަމެން ޔާނިޝްއަށް އެހާ އިތުބާރުކުރީ ކީއްވެ ހެއްޔެވެ؟ ކޮށީގައި ހައްޔަރުކޮށްގެން ގެންގުޅުނު ދޫނި، ހިލޭ ފިރިހެނެއްގެ އަތްމައްޗަށް ދޫކޮށްލީ ކިހާ ވަރެއްގެ އިތުބާރެއް އޮތީމައި ހެއްޔެވެ؟ ޔާނިޝްއަކީ އިތުބާރު ކުރެވޭ ވަރުގެ މީހެކޭ އަހަރެންގެ ހިތެއް ނުބުންޏެވެ. އަހަރެންގެ ހިތް ބުނީ، އޭނާ އަހަންނާއި ގާތްވެގެން އުޅެނީ، ކޮންމެވެސް އަމިއްލަ އެދުމެއް އޮތީމައި ކަމަށެވެ.
"ރުޅި އައީތަ ލަސްވީމަ؟... ދެން ރެއަކުން ރުއާޔާ އެކީ ނޫނީ ނުނުކުންނާނަން... އެއް ރެއެއް ކަމަށް މާފުކޮށްދީ..." ޔާނިޝް ހުރީ ދެކަންފަތުގައި އަތް ޖައްސާލައިގެންނެވެ.
އަހަންނަށް ވަގުތުން ފަހަތަށް ޖެހިލެވުނެވެ. ވަށައިގެން ބަލައިލެވުނީ ގަތް ލަދުންނެވެ. މީހަކަށް އެ މަންޒަރު ފެނިއްޖެނަމަ، ވާނީ ކިހިނެތް ހެއްޔެވެ؟ ހީކުރާނީ ކީކޭ ހެއްޔެވެ؟ ނަސީބު ދިމާކުރިގޮތުން، އެތަނުގައި އެކަކުވެސް ނެތެވެ. ޒުވާނާއެއްވެސް ނެތެވެ. ޔާނިޝް އައުމުން އޭނާ ދިޔައީ ހެއްޔެވެ؟ ނޫނީ ހިތްހަމަނުޖެހުނީ ހެއްޔެވެ؟ އަހަރެންގެ ލޭ ކެކޭގޮތް ވިއެވެ. ޔާނިޝްގެ މޫނުގައި ވަކިއަޅައި ނޮޅާލަން ބޭނުންވިއެވެ.
"ސޮރީ..." ޔާނިޝް ހީލިއެވެ.
ވިހަ ހަރުފައެއް ފަދައިން އެ ހިނިތުންވުން އަހަރެންގެ ގަޔަށް ވިހަލި ކަހަލައެވެ. އަހަރެން ރުޅި އަރުވައިލެވުމުން އޭނާ އުފާވަނީ ހެއްޔެވެ؟ ދުވަހަކު އޭނާ އަހަރެންގެ ކުރިމަތީގައި ނުހޭވަރު ކުރަން ހިތް ބުންޏެވެ. ޔާނިޝް އުޅޭގޮތުން ހީވަނީ އަހަރެންގެ ފިރިމީހާ ހެންނެވެ. ވާހަކަދައްކާލެއް ގާތްކަމުން، ދެކެފަރިތަ މީހެކޭ އެއްގޮތެވެ.
"ކޮކްރޯޗް..." އަހަންނަށް ހިތާއިހިތުން ބުނެވުނެވެ.
ދެބުމަ ކައިރިކޮށްލައިގެން އަހަރެން ޔާނިޝްއަށް ބަލަން ހުރީ، އަހަރެން އެންމެ ރުޅިއަންނަ ކުރަތްޕާއި ދިމާއަށްވެސް ބަލަން ހުންނަ ގޮތަށެވެ. އަހަރެންގެ މޫނުގެ ކުލަވަރު އޭނާއަށް ފެންނާނެކަން ޔަގީނެވެ. އެކަމަކު އެއިން ކަމެއް އެނގޭ ކަމަށްވެސް ހަދާނުލާތީ، ވަކީން ފޫހިވިއެވެ.
އަހަރެންގެ ހަބަރެއްނުވެ ލަސްވެގެން ޔާނިޝްގެ ފޯނަށް މަންމަ ގުޅިއެވެ. ޔާނިޝް ވަގުތުން އަހަންނަށް އިސްކްރީން ދައްކައިލިއެވެ. މަންމަ އެދުނީ ޔާނިޝް އާއިއެކުގައި ގެއަށް އައުމަށެވެ. ކިތަންމެ ފޫހިވިޔަސް، އަހަންނަށް އެނޫން ގޮތެއް ނެތެވެ. އަހަރެންގެ އަތުގައި ފައިސާއެއް ނެތެވެ. ފޯނެއް ނެތެވެ. ކާރެއްގައި ގެއަށް ދިޔުމަށް ހުއްދައެއް ނެތެވެ. އަމިއްލަ ނިންމުމެއްގައި މަގުމަތީގައި ފިޔަވަޅެއް އަޅާލުމަށްވެސް އަމުރެއް ނޯވެއެވެ. މީހަކު ބަންދުވާނީ އެހާ ވަރަށެވެ. އެވަރުންވެސް މަންމަގެ ކޮންމެ އަމުރަކަށް ކިޔަމަންވުމުގައި އަހަރެން ދެމިހުރީމެވެ.
ސައިކަލު ފަހަތަށް އެރި ނަމަވެސް، އަހަރެން އިނީ ޔާނިޝް އާއި ވީހާވެސް ދުރަށް ޖެހިގެންނެވެ. ޔާނިޝްދެކެ ވާ ފޫހި، އޭނާގެ ސައިކަލު ދެކެވެސް ވިއެވެ. ސައިކަލަށް އެރި ވަގުތު، އޭގެ ފުރޮޅުގައި ފައިން ޖެހުމުން، ތަދުވީވެސް އަހަރެންގެ ފަޔަށެވެ. ތަދުވާވަރުން އިންނަންޖެހުނީ، ފަޔަށް ގޮތެއްވެސް ހަދާނުލައެވެ.
"ބާރަށް ހިފަހައްޓައިގެން އިންނައްޗޭ..." ޔާނިޝް އެދުނެވެ.
(ނުނިމޭ)