އަހުސަން ބަޝީރު މަރާލި ކަމުގެ ދައުވާ ލިބޭ ޝަހުމް އާއި ޝިމާޒު އަށް ވަކީލަކު އައްޔަން ކުރުމަށް އެންމެ ފަހުގެ ފުރުސަތު ދީފި އެވެ.

ދެހާސް ދިހަވަނަ އަހަރުގެ މާޗް މަހު މާލޭގައި ހިންގި ގުރޫޕު މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރާލި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ދައުލަތުން ކޮށްފައި ވަނީ މުޖުތަމައުއަށް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން ބުނާ ގ. ކޯޒީ، އިބްރާހިމް ޝަހުމް އާދަމް އާއި މއ. ވީނަސް ތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށާއި އެ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ އަމިއްލައަށް ވަކީލަކު އައްޔަންކޮށްގެން ކަމަށް ޝަހުމް އާއި ޝިމާޒު ބުނެފައިވާ ކަމަށާއި ނަމަވެސް އަދިވެސް ވަކީލުން އައްޔަން ކޮށްފައި ނުވާ ކަމަށެވެ.

ގާޒީ ވިދާޅުވީ ޝަހުމާއި ޝިމާޒަށް ވަކީލަކު އައްޔަން ކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ދިގު މުއްދަތެއް ދެވިފައިވާ ކަމަށާއި ބުރާސްފަތި ދުވަހާއި ހަމަޔަށް ވަކީލަކު އައްޔަން ނުކޮށްފިނަމަ ވަކީލަކާއި ނުލާ މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.
ވަކީލަކު އައްޔަން ނުކުރެވި ވަނީ ކީއްވެތޯ ޝަހުމް އާއި ޝިމާޒު ކައިރިން ގާޒީ އެއްސެވުމުން ޝަހުމް ބުނީ އޭނާ އާއި އާއިލާއިން ވެސް ވަކީލަކު އައްޔަން ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އަދި ވެސް ވަކީލަކު ނުލިބޭ ކަމަށެވެ. ޝިމާޒު ވެސް ބުނީ ވަކީލަކު އައްޔަން ކުރެވޭތޯ އޭނާގެ އާއިލާއިން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އަދިވެސް ވަކީލަކު ލިބިފައިނުވާކަމަށެވެ.

ޝަހުމާއި ޝިމާޒުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނަނީ ދެހާސް ދިހަވަނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހުގެ ފަތިހު 3:20 އެހާކަންހާއިރު މަޖީދީމަގާއި އަލިކިލޭގެފާނު މަގު ގުޅުނު ހިސާބުގައި އެ ދެމީހުން އަހުސަން ބަސީރު އަށް ހަމަލާދީ މާރާމާރީ ހިންގުމަށް ފަހު އެހެން މީހަކާއި އެކު ސައިކަލެއްގައި އެތަނުން ގޮސްފައިވާ ކަމަށެވެ.

އަހުސަން ބަސީރު މަރުވެފައި ވަނީ އެމާރާމާރީގައި ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

މި މައްސަލައިގެ އިތުރުން 2010 ވަނަ އަހަރު ހިންގި މާރާމާރީ އެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މ. ބިއުޓީ ފްލާވާ މުހައްމަދު ހުސައިން، ،17 މަރުވެފައިވާތީ ޓެރަރިޒަމްގެ ދައުވާ ވެސް ވަނީ ޝަހުމްގެ މައްޗަށް ކޮށްފައެވެ.