ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު، އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ވީޑިއޯއެއް ލީކް ވުމާ ގުޅިގެން އެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ލީކްކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ. އޭގެން އެކަކީ ނާޒިމް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

ނަމަވެސް ނާޒިމް އެ ތުހުމަތުތައް ދޮގުކުރެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ ނާޒިމްގެ ވީޑިއޯ މައްސަލައިގެ ތަހުގީގު މިއަދު ފަށާފައިވާ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައި ކަމަށެވެ.

އެ މައްސަލަތަކާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންނެއް ނުދެއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އަދި އޭނާ ރާއްޖޭން ބޭރަށް ފުރާފާނެތީ ޕާސްޕޯޓް ހިފެހެއްޓުމަށް ވެސް ގޮވާލައިފައިވެއެވެ.

އޭގެ އިތުރުން މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ސަރުކާރުން މީގެ ކުރިން އިހުމާލު ވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.