"މިއަދަކީ ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހެވެ. ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ރޯދަ ހިފައި،ހެޔޮ އަމަލުތައް ގިނަކޮށް މުންކަރާތްތައް ނަހީކޮށް ވީހާވެސް ގިނައިން އަޅުކަން ކުރުމުގެ ނަސީބު ލިބިގަންނާށެވެ."

***

ގެއަށް އައިތަނާ މެއިލްފޮށީގައި އޮތް ރަތްކުލައިގެ ސިޓީ އުރަ ވަގުތުން އަލްވާގެ ލޮލުގައި އަޅައިގަތެވެ. އަދި ބޭރުގައި އޭނަގެ ނަން ލިޔެވިފައި އޮތުމުން ވަކިން ހައިރާންވިއެވެ. ތެޅިތެޅިވާ ހިތަކާއެކު އޭނަ ކޮޓަރިއަށް ވަނީ ސިޓީގައިވާ އެއްޗެއް ކިޔާހިތުން ކެތްތެރިކަން ކުޑަވެފައި ހުރެއެވެ. ސުފިޔާން އޮތީ އޭނައަށް ހަވީރު ސަޔަށް ދައުވަތު ދީފައެވެ.

އުފާވެރިކަން ލިބުނުލެއް ބޮޑުކަމުން އޭނަ ކަނޑައެޅި އަޒުމްވެސް ހަދާންނެތުނެވެ. މޭރީއާއި ޔަތީމުކުދިންނާއި ދިމާވި ހާދިސާތައް އެވަގުތަށް ސިކުނޑިން ނެރެލެވުނެވެ. ސުފިޔާން ލިޔެފައިވަނީ އޭނަ އަލްވާ ބަލާ އަންނާނެކަމުގައެވެ. އެކަމަކު އޭނަގެ މައިންބަފައިން ހީކުރާނެ ގޮތާއިމެދު ކަންބޮޑުވި އަލްވާ ވަގުތުން ސިޓީއެއް ލިޔުނީ އޭނަ ފޮތް ފިހާރައިގާ އިންތިޒާރުކުރާނެކަމަށެވެ.

މުޅި ދުވަހު އަލްވާ ވިސްނީ ސުފިޔާންއާއި މެދުގައެވެ. އެއީ ކޮންކަހަލަ ޒުވާނެއްހެއްޔެވެ؟ އޭނަ ވަރަށް އަވަހަށް ސްކޫލުން ނިމޭނެއެވެ. ކޮލެޖަށްދާން ފެށުމުގެ ކުރިން ކައިވެނިކުރަން އޭނަވެސް ބޭނުމެވެ. އަލްވާގެ މައިންބަފައިން ފައި ވިއްދާފައި ތިބީ އޭނަ ގައުމުން ބޭރަށް ނުފޮނުވުމަށެވެ. ނަމަވެސް އަލްވާ ސްވިޒަރލޭންޑުން މެހެކްދާން އުޅޭ ކޮލެޖުގައި ތައުލީމު ހާސިލުކުރަން ބޭނުމެވެ. އޭނަ ކައިވެނިކޮށްފިއްޔާ ބޭނުންތަނަކަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވުނީއެވެ. އޭރުން އެމީހުން ދަރިފުޅާއިމެދު އެހާ ފިކުރުކުރާކަށް ނުޖެހޭނެއެވެ. އޭނަ ދަތުރުކުރުމާއިމެދު ދެކުނު ހުވަފެންތަކަށް އަދި ބަދަލެއްނާދެއެވެ. އެކަމަކު މިހާރު އެހުރިހާ ހުވަފެންތަކެއްގައި ސުފިޔާންވިއެވެ. އޭނަ ދަތުރުތަކާއިމެދު ޚިޔާލުކުރަންޏާ ސުފިޔާންވެސް އޭނައާއެކު ވެއެވެ. ޒިންމާދާރު އޯގާތެރި މީހެކެވެ. ހަގީގަތުގައި އޭނަ ސުފިޔާންއަށް ޝައުގުވެރިވާ އެއް ސަބަބަކީ ދަތުރުކުރުމުގެ އުއްމީދެވެ. އޭނަގެ މައިންބަފައިންނާއި ސުފިޔާން ދިމާވެއްޖެއްޔާ އެމީހުން ވަގުތުން އޭނަ ދަނބިދަރިއަކަށް ހަދަން އެއްބަސްވާނެއެވެ.

އަލްވާ ވަޒީފާއަށް ދާން ތައްޔާރުވިއިރު އެހެން ދުވަހަށްވުރެ ރީތިކޮށް ހެދުންއެޅިއެވެ. މެހެކް ލައްވާ އިސްތަށިގަނޑު ސްޓައިލްކުރުވާ ހުޅިއެއްޖެހިއެވެ. އަދި ކަންފަތުގައިލާ ތަރި ސްޓިކާތައްވެސް ތަތްކުރީ ހަރުފާޑުޖަހާނެތީއެވެ. އޭނަގެ އަތުގައި އޮންނަ ހަމައެކަނި ހެދުން އޮންނަނީ ކަކުލުން ތަންކޮޅެއް ތިރިއަށެވެ. އޭނަ ކުރިން މިފަދަ ހެދުން ނާޅަނީ އެހެދުންތަކަށް ޝައުގު ނުހުންނާތީއެވެ. އަތް ދިގު ރަތްހެދުން ކިތަންމެ ރީއްޗަސް އޭނައަށް އެހާ ބޮޑު ހަމަޖެހުމެއް ނުލިބުނެވެ. އެންމެފަހުން ޑެނިމް ޖިންސެއްލިއެވެ. އަލްވާގެ އެ ހެދުމުގެ ސްޓައިލް ފެނިފައި ފެޝަން ޕޮލިހެއްފަދައިން މެހެކް ބޯ ހޫރުވައިލިއެވެ. އެއްވެސް ފެޝަނެއްނެތް ކުޑަކުދިންގެ ސްޓައިލްއަށް ހެދުން އަޅާފައި ހުރިކަމަށް ބުނެ ދިމާކުރިއެވެ. އަލްވާއަށް އެހާ ފަރުވާހުރިކަމަކަށް ނުވެއެވެ. އޭނަގެ ހަށިގަނޑުގެ ބޮޑުބައި ދެއްކުމަށްވުރެ ކުޑަކުއްޖެއްގެ ފެޝަންކަމަށް ބުންޏަސް އޭނަގެ ފަރުވާލެއްނެތެވެ.

އޭނަގެ ސިއްރު މެހެކްއަށް ފޮރުވަންވުމުން އަލްވާއަށް ކުށްވެރި އިހުސާސެއް ކުރެވުނެވެ. އެކަމަކުވެސް މެހެކް އޭނައާއިމެދު ދެކޭގޮތް ބަދަލުވާކަށް އޭނަ ބޭނުމެއްނޫނެވެ. އަބަދުވެސް ފިރިހެންކުދިންނަށް ޝައުގުވެރިވަމުން އައީ މެހެކްއެވެ. އަލްވާ ފަހަރެއްގައިވެސް މިވީހާތަނަށް އެފަދަ ކަމަކާއި އުޅެފައެއް ނެތެވެ. އެކަމަކު އެންމެ ފިރިހެނަކަށްޓަކާ އޭނަ މިވަނީ ހާދަ ވަރެކެވެ. އެވެސް އޭނައަށްވުރެ އެގާރަ އަހަރު ދޮށީ މީހެކެވެ. ކުޑަ ކުޑަ ޝައުގުވެރިކަމެއް އޭނައަށް ބެހެއްޓި ފުރަތަމަ މީހަކީވެސް ސުފިޔާންއެވެ. މެހެކްއަކަށް ނޫނެވެ. ސުފިޔާން ގަޔާނުވާނަމަ އޭނައަށް ސަޔަށް ދައުވަތު ނުދިނީސްތާއެވެ. އެކަމަކުވެސް ދެމީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުން އެދޭތެރޭގައި އޮންނާނީ ހަމައެކަނި އެކުވެރިކަމުގެ ގުޅުންކަމުގައި ސުފިޔާންވަނީ ހަނދާންކޮށްދީފައެވެ.

މެހެކްއާއި އަލްވާ އެމްސްޓެޑަމްއަށް އެކީގޮސް ފޮތްފިހާރައާއި ހަމަޔަށްވެސް މެހެކް ދިޔައެވެ.އެއަށްފަހު އެހެން ބަހެއް ނަގައިގެން އޭނަ މިސްރާބުޖެހީ ސިޓީ ހޮސްޕިޓަލަށް ނާކިއާގެ ކައިރިއަށެވެ. ކުޑަކުދިންނަށްޓަކާ އޭނަގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން މެހެކްއާއި ނާކިއާގެ އެކުވެރިކަން ބަދަހިވިއެވެ.

ގާތް އެކުވެރިޔާ ދާތަން ބަލަން ހުރެފައި އެކަނިވެރިކަން އިހުސާސްވިއެވެ. އޭނަ ސުފިޔާންގެ ސިއްރު ފޮރުވައިގެން ހުރުމާއެކު ނާކިއާ ގާތަށް މެހެކް މާ ގިނައިން ޒިޔާރަތްކުރަން ފެށުމުން އަލްވާއާއި ހައްތާ ދުރުވާކަމުގައި ހީކުރެވުނެވެ. މިހާރު މެހެކް އަލްވާގެ އިންތިޒާރުގައި ފޮތް ފިހާރައިގާ މަޑުކޮށެއް ނަހަދައެވެ. އޭނަގެ ފޮތް ދަބަސް ހިފައިގެން އަވަސްވެގަންނަނީ ނާކިއާ ގާތަށް ދިޔުމަށެވެ. އޭނަ ބުނިގޮތުން އެ ހޮސްޕިޓަލުގެ ކޮޓަރީގެ މާހައުލު ކިޔަވަން މާ އެކަށީގެންވެފައި އެހާ ހިމޭނެވެ.

އަލްވާ ފޮތް ފިހާރަ ކައިރީ މަޑުކޮށްލައިގެން ހުރެފައި އެތެރެއަށް ނަޒަރު ހިންގައިލިއިރު ހީރާ ފެނުނެވެ. ހީރާ ކަޅި އަޅައިގެން ހުރެފައި ކުއްލިއަކަށް މަސައްކަތުގައި އަވަދިނެތި އުޅޭކަމަށް ހެދުނެވެ. ހީރާ އޭނައަށް އަޑުލައެއް ނަހަދައެވެ. އަދި ފޮތް ފިހާރައަށް މަސައްކަތު ނައީތީ އެކަމާއި ސުވާލުކޮށް ސަބަބު އޮޅުން ފިލުވާންވެސް ނޫޅުނެވެ. ސުފިޔާން ބުނެފައިވާގޮތުން ހީރާއަކީ އޭނަގެ ގާތް އެކުވެރިއެކެވެ. އަދި އަލްވާ އެއް ދުވަސް ބްރޭކް ނެގިޔަސް އޭނަ މައްސަލައެއް ނުޖައްސާނެއެވެ. ސުފިޔާން އޮތީ ވައުދުވެފައެވެ. ނަމަވެސް ހީރާ ޝަކުވާއެއް ނުކުރިޔަސް ރުޅިއައިސް ރަތްވެފައި ހުރިކަމާއިމެދު ޝައްކެއް ނެތެވެ.

***

ހޫނު މޫސުމްގެ ހޫނު ދުވަހެއްކަމުން ވަޑާން ކުރާ ތަނުގެ އެތެރޭގައި މަސައްކަތްކުރަން އުދަގޫވެގެން ނަވޫދު ތުވާއްޔަކުން މޫނާއި ކަނދުރާގައިވާ ދާތިކިތައް ފޮހެމުން ނުކުތެވެ. ލެމެނޭޑް ސޮޑާއެއް ކަނޑައިލުމަށްފަހު އޭނަ ދިގު ގޮނޑިއެއްގައި އިށީދެލިއެވެ. މަގުގެ އަނެއްކޮޅުން އަލްވާ ފެނިދާނެކަމަށް އުއްމީދުނުކުރިޔަސް އެކުއްޖާ އެހެރީއެވެ. އެކަމަކު ހާދަ ތަފާތެވެ. މިއަދު އެހެން ދުވަސްފަދައިން ހިނިތުންވުމެއް ނެތެވެ. މައުސޫމް އެހީއަށް ބޭނުންވާފަދަ ޝުއޫރުތައް ލޮލުން ފައުޅުވީކަމުގައިވިޔަސް މިއަދު ތަންކޮޅެއް ހަރުކުލަ ޖަހާހެންވެސް ހީވިއެވެ. އޭނަ އިނގިލިތަކާއި ކުޅެމުން ދިޔަކަމުން ކޮންމެވެސް ކަމަކާއި ކަންބޮޑުވެފައި ހުރިފަދައެވެ. ކިހިނެއްވީބާވައެވެ. އެކުއްޖާ މިހާރު ކުރިމަތިލާން އުޅެނީ ކޮންފަދަ ކަމަކާހެއްޔެވެ؟

އަލްވާއަށް ނަވޫދު ފެނުމާއެކު ވަގުތުން ދުރަށް ބަލައިލީ މޫނު ހަދައިލަމުންނެވެ. އެކަމަކު އިރުކޮޅަކުން އެމޫނުމަތިން އަނެއްކާ ކަންބޮޑުވުމުގެ ކުލަވަރު ފެނުނެވެ. ނަވޫދު ލެމެނޭޑުން އެތިފޮދެއް ބޮލަން ފުޅި އަނގަޔާއި ކައިރިކޮށްލާފައި އަތް ތިރިކޮށްލީ އަލްވާގެ ގާތަށް އަގުބޮޑުކާރެއް މަޑުކޮށްލުމުންނެވެ. ބީ އެމް ޑަބުލިއުއެކެވެ. އެދުވަސްވަރުގެ އެންމެ ހިނގާ އެއް މަރުކާގެ ކާރެކެވެ.

އަލްވާ ކާރުގެ ޑްރައިވަރާއި ދިމާލަށް ކޮންމެވެސް އެއްޗެކޭ ބުނެފައި ވަށައިގެން ނަޒަރު ހިންގައިލިއެވެ. އެންމެ ފަހަށް އެލޯ ހުއްޓުނީ ނަވޫދުގެ މޫނަށެވެ. މިފަހަރު އަލްވާ މޫނުހަދާ ނުލައެވެ. އެކަމަކު އެ މޫނުން އެވަގުތު ފެނުނު ކުލަވަރު ތަރުޖަމާކޮށްލާކަށްވެސް ނޭގުނެވެ. އެކާރަށް އަލްވާ އެރުމާއެކު ކާރު އޭގެ މަންޒިލަށް ދަތުރުފެށިއެވެ. ނަވޫދުއަށް ބަލައިލެވުނީ އުދަރެހަށެވެ. ބުނަންނޭގޭފަދަ އުދަގޫ އިހުސާސްތަކެއް ހިތަށް ވެރިވެގަތެވެ. އެ ޅަ އަންހެންކުއްޖާ އެ ފުންމައިލަނީ ކޮންފަދަ ކަންތައްގަނޑެއްގެ ތެރެއަށް ހެއްޔެވެ؟ ހިމޭންކަމާއެކު ދުއާއެއްވެސް ކޮށްލެވުނީ އެކުއްޖާއާއި ނަމްރާގެވެސް އެއްގޮތްކަމެއް ހުންނާތީއެވެ. އެއީ އަލްވާގެ މައުސޫމްކަމުން ބާވައެވެ.

***

"މިސް އަލްވާ؟ މިސްޓަރ ސުފިޔާން އެދިލެއްވީ ރޯޒްކްލިފްގެ ޓްރެވެލް ކުއާޓާސްއަށް ލާ ދޭން..."އުމުރުން ދުވަސްވީ ޑްރައިވަރު އޯގާތެރި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ކާރުގެ ފަހަތުގައި އިން އަލްވާގެ ހިތް ފުންމައިލަފާނެހެން އޭނައަށް ހީވިއެވެ. އޭނަ ދާތަނެއް އެއްވެސް މީހެއްގެ ގާތު ބުނެވުނީއެއްނޫނެވެ. އެންމެ ފަހަށް އޭނަ ދެކުނު މީހަކީ ނަވޫދްއެވެ. އަލްވާއަށް ކޮންމެފަދަ ކަމެއް ވިޔަސް ފަރުވާލެއް ހުންނާނެ މީހެއްވެސް ނޫނެވެ.ހަގީގަތުގައިވެސް މި ކާރު ފޮނުވީ ސުފިޔާންހެއްޔެވެ؟ ނޫނީ މީހަކު އޭނަ ކިޑްނެޕް ކުރީހެއްޔެވެ؟ މައިންބަފައިންނަށް މިހުރިހާކަމެއް ފޮރުވުނީތީ އޭނަ ހިތާމަކުރިއެވެ. އަޖައިބުވި ކަމަކީ ނާކިއާ އޭނައާއިމެދު ދެކޭނެ ގޮތަކާއިމެދުވެސް އެވަގުތު ފިކުރުކުރެވުމުންނެވެ. މަދު ފަހަރެއްގައި ދިމާވި އުމުރުން މާ ދޮށީ މީހަކާ ބައްދަލުކުރަން ދަނީހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް ބޮޑު މައްސަލައަކީ އެގޮތަށް ކުށްވެރި އިހުސާސް ގައިމުކުރެވޭނީ މިކުރެވެނީ ގޯސްކަމެއްކަން ރޭކާލީމައެވެ. ކަރުބުޑުގައި ލީ ހިތިރަހަ ފިލުވައެއްނުލެވުނެވެ.

އަލްވާ އަމިއްލަ ނަފުސް ހަމަޔަކަށް އަޅުވަން ވިސްނައިދޭން ފެށީ މިއީ އަދި "ޑޭޓިން" ހާލަތެއް ނޫންކަމުގައެވެ. މިދަނީ ސުފިޔާންއާއި ސިއްރުން އެކަނިވެރިކޮށް ބައްދަލުކުރާކަށް ނޫނެވެ. އެއީ ރެސްޓޯރެންޓެއްގައި އެތައް ބަޔެއްގެ ތެރޭގައި ކަމަށްވުން ގާތެވެ. އަދި އެއީ ރަސްމީކޮށް އެއްކޮށް މަސައްކަތްކުރާ މީހުންނަށް އޮތް ސަޔެކެވެ.

ރަގަޅަށް ވިސްނައިލުމުން އަލްވާއަށް އެނގުނީ އޭނައަށް ސުފިޔާން އަދި ދަސްނުވާކަމެވެ. އޭނައަށް އެނގޭހާ އެއްޗަކީ ސުފިޔާންއަކީ އޯގާތެރި މީހެއްކަމެވެ. އޭނަ މަސައްކަތްކުރަނީ ރޯޒްކްލިފް ކުންފުނީގައިކަމައި އެތާ ފޮތް ފިހާރައާއި ގުޅުން އޮތްކަމެވެ. އަދި އޭނަގެ މަންމަ ވީ ކޯމާއެއްގައި ކަމެވެ. އެކަމަކު ސުފިޔާންއަށް ޚާއްސަ ނޯކަރަކު ހުރުމުން ހީކުރިވަރަށް ވުރެ މުއްސަދި މީހެކޭ ހިތަށްއެރިއެވެ.

ދިގު އިމާރާތެއްގެ ކައިރީގައި ކާރު ޕާކްކުރުމަށްފަހު ފަހަތުން އަންނަން ޑްރައިވަރު އެދުނެވެ. އެލެވެޓަރަށް އަރައިގެން އެންމެ މައްޗަށް ދިޔުމާއެކު ހެލިޕެޑްގައި އޮތް ހެލިކޮޕްޓަރ ފެނުމުން އަލްވާ ބޯ އަނބުރައިގަންނަގޮތްވިއެވެ. ތަނުގެ އުސްކަމާއި ހައިބަވަންތަކަން އޭނަ ބިރުގަންނަވާލައިފިއެވެ.

"ވަޓް......"އަލްވާ އެއްޗެކޭ ބުނަން އުޅުނެވެ. އޭނަގެ ހަމަ ލޮލަށް ހެލިކޮޕްޓަރެއް ފެނުނީ އަދި އަލަށެވެ. އެފަދަ އެއްޗެއް ފެނިފައިވަނީ ހަމައެކަނި ފޮތްތަކުގައިވާ ތަސްވީރުތަކުންނެވެ. އޭގެ އަޑުފަށްގަނޑުން ކަންފަތަށް ނުކުޅަދާނަވެ ބީރުވެދާނެހެން ހީވިއިރު ވަށައިގެންވާ ހުރިހާ އެއްޗެހިވެސް އޭގެ ވަޔާއެކު އުދުހިގެން ގޮސްދާނެފަދައެވެ. އަލްވާ ހެދުމުގައި ހިފަހައްޓަމުން ރެއިލިންގާ އެލިގަތީ އަމިއްލަ ފުރާނަވެސް ހިމާޔަތްކުރުމަށެވެ. ޑްރައިވަރު ބުނި އެއްޗެއްވެސް އޭނަގެ ކަންފަތަކަށް ނީވުނެވެ. އަދި ޓެރެސް މަތީގައި އަވި ގަދަކަމުން ލޯވެސް ހުޅުވައިލެވެނީ ކިރިޔާއެވެ.

ކަންފަތުގައި އަޅާ މަޑު މަފްސްތަކުން ކަންފަތް ޕްލަގްކުރުމަށްފަހު ހެލިކޮޕްޓަރުގެ ސީޓެއްގައި އޭނަ އިންއިރު ހުވަފެނެއްގައި އުޅެވޭފަދަ ހައިރާންކަމެއް ލިބިފައިވިއެވެ. ސުފިޔާންއަކީ ކިހާވަރެއްގެ މުއްސަންޖެއްހެއްޔެވެ؟ އަލްވާ މަންޒިލަށް ގެންދާން ހެލިކޮޕްޓަރެއް ފޮނުވައިލަން އޭނައަކީ ކިހާފެންވަރެއްގެ މީހެއްހެއްޔެވެ؟

***

އަލްވާ އެ ފެންސީ ރެސްޓޯރެންޓަށް ވަދެގެން ދިޔައިރު އޭނައަށް ފާހަގަކުރެވުނީ ރޯޒްކްލިފް އަދި އޭގެ ފަހަތުގައި އޭނައަށް ކިޔަން ނޭގުނު ފްރެންޗް ލަފުޒެއް އިންކަމެވެ. ޑްރައިވަރުވެސް އޭނައާއި ހިނިތުންވެލީ އަލްވާއަށް އަދި މިފަދަ ކަމެއް ތަޖުރިބާ ނުކުރެވޭކަން ދެނެހުރެއެވެ. ރެސްޓޯރެންޓްގެ ތެރޭގެ ކޮންމެ އެއްޗެއް ވިދާ ބަބުޅަނީ ވިދާ ރަންކުލައިންނެވެ. ޝާހީ ވައްތަރުގެ ޑިޒައިންއަށްވާ މޭޒުތަކާއި ގޮނޑިތަކެވެ. ސީލިންގައި އެލުވާފައިވާ ބޮކިތައް މަދުވިޔަސް އަގުބޮޑުކަން ޔަގީނެވެ. އެ ބައްތިތަކުން ތަން ފެންވަރުވާލާފައިވަނީ ރީދޫ އައްޔަކުންނެވެ.

"އައީ ދޯ..."ސުފިޔާންގެ އަޑު އިވުމުން އަލްވާ ކުއްލިއަކަށް އެނބުރުނެވެ. އޭނަގެ ނޫ ޖިންސާއި އަތްދިގު ރަތްކުލައިގެ ހެދުން މިފަދަ ތަނަކާއި އެކަށީގެންނުވާކަމުގައި ދެކުނެވެ. އަގުބޮޑު ރެސްޓޯރެންޓަކަށްވުރެ ބޮޑަށް ސާކަސްއަކަށް ތައްޔާރުވެގެން އައިސްފައިވާ ކުއްޖެކޭ އޭނަ ތަފާތެއްނެތެވެ. ސުފިޔާން ހުރީ އޭނައާއި ބަލާއިރު ނިކަން ރަސްމީކޮށް ކަޅުކުލައިގެ ސޫޓެއްގައެވެ.

"މިއީ ކޮންތަނެއް؟ މިބުނީ މިތަން ކީއްވެ؟" އަލްވާއަށް ލަފުޒުތައް އަތުރައިލަން އުދަގޫވިއެވެ.

"އައިމް ސޮރީ. މިތަނަށް އައި މަގުމަތީގައި އެންޖޯއި ނުކުރަންތަ؟ ކުރާނެކަމަށް ހީކުރީ. ކުރިން ނުބުނީ ސަޕްރައިޒެއް ދޭން ބޭނުންވީމަ..." ސުފިޔާންގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރު ފެނުނެވެ.

"ނޫން. ހަމަ ވޮންޑަރފުލް. އެކަމަކު ސަބަބަކީ އަހަރެން މިގޮތަށް އުއްމީދުނުކުރީމަ...."އަލްވާ ބޯ ހޫރައިލަމުން ގަދަކަމުން ހީލިއެވެ. އޭނަ ހުރީ ހާސްވެގެންގޮސް ޕެނިކްވާ ވަރުވެފައެވެ. މިއީ ފޮތްތަކުން އޭނަ ކިޔާފައިވާފަދަ "ޕްރޮޕޯސަލް"އެކެވެ. ސުފިޔަން އެއުޅެނީ ކައިވެންޏަށް އަހަންހެއްޔެވެ؟ ނޫނީ އެހެން ބޭނުމެއްގައިހެއްޔެވެ؟ އޭނަ ބޯ އަނބުރާގޮތްވިއެވެ. އަދި މިއޮތް ބޮޑު ތަނުގައި ކުޑަވިއެވެ.

"ކޮބާ އެހެން މީހުން؟އަހަރެމެން އެކަނިތަ؟"އަލްވާ ވަށައިގެން ހޯދައިލިއެވެ.

"މިއީ އަހަރެންގެ އާ ރެސްޓޯރެންޓް. އަދި ޕަބްލިކަށް މިތަން ނުހުޅުވަން. އަންނަ ހަފްތާގައި އެކަން އޮތީ. އެކަމަކު އެންމެ ފުރަތަމަ ކަސްޓަމަރަށް އަލްވާ ވުމަށް ބޭނުންވީ......"ސުފިޔާން ހީލިއިރު އަލްވާގެ މޫނަށްވެރިވި ހައިރާންކަމާއި ގަނޑުވިކަން ފާހަގަވިއެވެ.

"މިއީ ސުފިޔާންގެ ތަނެއް؟"އަލްވާ އެސްފިޔަ ޖަހައިލީ އަވަސްއަވަހަށެވެ. އޭރުންވެސް ކަންފަތަށް ރަގަޅަަށް އިވިދާނެކަމުގެ އުއްމީދުގައެވެ.

"ހްމްމް.." ސުފިޔާން ހިނގައިގަތުމުން އަލްވާވެސް ފަހަތުން ދިޔައެވެ. ސުފިޔާން ރެސްޓޯރެންޓްގެ ތެރޭގައި ބުރެއް ޖަހައިލިއެވެ. ކޮންމެ ތަނެއްވެސް އަލްވާ އާޝޯޚު ކުރުވިއެވެ. މިވަރުގެ ތަނެއް އެއްވެސް އިންސާނަކަށް އިމާރާތްކުރަން ފައިސާ ހޯދާނީ ކިހިނެއްހެއްޔެވެ؟ އޭނަގެ ޚިޔާލަކަށްވެސް ނުގެނެވުނެވެ.

ފަސް ކައްކާއިންނާއި ވެއިޓަރުން ޔުނިފޯމްގައި ތިއްބެވެ. އަލްވާ ފެނުމުން އެންމެން އޭނައަށްވެސް ސަލާމް ކުރީ ހިނިތުންވުމާއެކުގައެވެ. އަލްވާވެސް ރަކި ހީލުމަކާއެކު ސުފިޔާން ގާތުގައި ހުރިއިިރު ފަޚުރުވެރިކަމެއްވެސް އިހުސާސްވިއެވެ.

"ކިހިނެއް މިތަނާއިމެދު ދެކެނީ؟ ގަޔާވޭތަ؟" ސުފިޔާން ބުމަ އަރުވައިލިއެވެ.

"އޮފްކޯޒް. ވަރަށް ރީތި. ދުވަހަކުވެސް މިވަރުގެ ތަނެއް ނުދެކެން.."އަލްވާ ތެދަށް ޖަވާބުދިނެވެ."އަހަރެން ކަހަލަ މީހަކާއި އެކަށީގެންވާފަދަ ތަނެއްވެސް ނޫން."އެޖުމްލަތައް ވީ އަލްވާގެ ހިތުގައެވެ.

ސުފިޔާންވެސް އޭނައަކީ މުއްސަދި އާއިލާއަކުން އައިސްފައިވާ ކުއްޖެއްކަމަށް ހީކުރީހެއްޔެވެ؟ އަލްވާގެ އާއިލާއާއި މާލީ ތަނަވަސްކަން ހުރިވަރު އެނގުމުން ސުފިޔާން ހިތަށް އަރާނީ ކީކޭބާވައެވެ. ހޮޓެލުން ލިބޭ އެއްޗަކުން ދެކޮޅު ޖެހެނީއެއްވެސް ނޫނެވެ. ފާއިތުވެ ދިޔަ މަސްތަކުގައި އެމީހުންނަށް ލިބިފައިވަނީ މަދު މެހުމާނުންނެވެ. އަދި އެމީހުން ދަނީ ދަރަނިވެރިވަމުންނެވެ.

ސުފިޔާން އަލްވާ އިށީންނަން ގޮނޑިއެއް ކައިރިކޮށްލަދިނެވެ." އަދިވެސް އިތުރު ފޮތް ފިހާރަތައް ހުޅުވަން އެބަވިސްނަން. އަދި މާކެންގައިވެސް ރެސްޓޯރެންޓެއް ހުޅުވުމުގެ ޚިޔާލު އެބަކުރަން.."

"ތީގެ މާނައަކީ އެމްސްޓެޑަމްގެ ބުކްސްޓޯރގެ ވެރިޔަކީ ތިއީއޭތަ؟" ކުއްލިއަކަށް ފައިން ވާގި ހުސްވުމާއެކު އަލްވާ ގޮނޑިއަށް ތިރިވިއެވެ. ސުފިޔާން އަލްވާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެ ފެންތަށްޓެއް ދިއްކޮށްލިއެވެ.

"އަހަރެން ހީކުރީ އަލްވާ އެކަން ދަންނަކަމަށޭ."ސުފިޔާން ހިނިތުންވެލިއިރު ލޯވެސް ވިދައިގެން ދިޔަފަދައެވެ." ރޯޒްކްލިފް ގެ ވެރިޔާގެ ހުރި ކަމުނުދާ ސިފަތައް ބުނެދިންއިރު އަހަރެން ހީކުރީ އަލްވާ ސަމާސާ ކުރީކަމަށް. މިހާރު ދެރަވެއްޖެ. ސީރިޔަސްކޮށް މާނަކޮށްފައިތަ އެހެން ބުނީ؟"

އަލްވާގެ މޫނަށް ފުން ރަތްކުލައެއްވެރިވެ ގޮނޑީގެ ލެނގޭބަޔަށް ލެނގިލެވުނެވެ."ނޫން. އެގޮތަށް...އެހެނެއްނޫން..މާނަކޮށްފައެއްނޫން...."

"ސުބުހާނަﷲ..." އަލްވާ ހިތާހިތުން ކިޔައިލިއެވެ.

"އެ ރަގަޅުވާނެ. އަހަންނަށް އެނގޭ ތިއީ ކިހާ ހިތްހެޔޮ ކުއްޖެއްކަމާއި ނުބައި ނިޔަތެއްގައި އެހެން ނުބުނާނެކަން. އެކަމަކު އެއީ ހަމަ ތެދެއް. ގިނަފަހަރު ފަރުވާލެއްނެތި އެގޮތަށް ފައިސާ ޚަރަދުކުރެވޭ. އެކަމަކު އެހެން މީހުންނަށްޓަކާ. ސަދަގާތުގެގޮތުން ދެވޭ އެއްޗެއް ފަހަރެއްގައިވެސް ބޭކާރު ކަމަކަށް ނުވާނެ. އެއީ ރަގަޅު މަގުސަދެއްގައި ކުރިކަމެއްކަމަށް ގަބޫލުކުރެވުނީ. ރޯޒްކްލިފް އިމާރާތްކުރި ބޭނުމަކީ އެއީ. އަހަރެމެންގެ ގައުމުގެ ރައްޔިތުންނަށްޓަކާ..."

ކުއްލިއަކަށް ސުފިޔާންގެ ވާހަކަތައް އެ އުމުރުގެ މީހަކާއި އެކަށީގެންވާގޮތަކަށް ހުރިކަން އަލްވާއަށް ފާހަގަކުރެވި ލަދުގަންނަގޮތްވިއެވެ. ބުއްދިވެރި ވާހަކަތަކެވެ. ސުފިޔާންއަކީ އޭނަގެ ވެރިޔާއެވެ. އޭނަ ގާތުގައި ދެއްކިފައި ހުރި ވާހަކަތަކާއި ކުރެވުނު އަމަލުތައް ހަނދާނަށް ގެންނަން އަލްވާ އެވަގުތު މަސައްކަތްކުރިއެވެ.

"ދެން މިތަނަށް ގެނައީ ކީއްކުރަން؟" އެންމެފަހުން އަލްވާއަށް އޭނަގެ އަޑު އަނބުރާ ގެނައުމުގައި ކާމިޔާބު ކުރެވުނެވެ. އޭނަ ސުފިޔާންގެ މޫނަށް ބަލަން އިނީ ބޭގަރާރުވެފައެވެ."ދެން އަހަރެން އެތަނުން ވަކިކުރާނީތަ؟ އެންމެ ރަގަޅު.އެހެން ކަންތައްކުރިޔަސް ރަގަޅުވާނެ. ފޮތްފިހާރައިގާ ވަގުތީގޮތުން މަސައްކަތްކުރަން ދިޔައީ. ވަރަށް އަވަހަށް ސްކޫލް ފެށިދާނެ އެހެންވީމަ ދެން ވަޒީފާއަށް ނުވެސް ދެވޭނެ.."އަލްވާ އަވަސްއަވަހަށް ހިތުގައިވާހާ އެއްޗެއް ބަންޑުންކޮށްލިއެވެ. އަލްވާގެ ދެކުލަ އަރާ ލޮލަށް ސުފިޔާންގެ ހިތް ތައުރީފުކުރިއެވެ. ކިހާ ނާދިރު ރީތި ލޮލެއްހެއްޔެވެ؟ ކަޅީގެ ވަށައިގެން ނޫ އަދި މުށިކުލަ އެހުންނަގޮތެވެ.

"ވަކިކުރަން؟ އެއްގޮތަކަށްވެސް އެހެނެއްނޫން...." ސުފިޔަން އެހެން ދިޔަ ވޭޓަރަކަށް އަތުން އިޝާރާތްކޮށްލިއެވެ. އޭނަ ކޮންމެވެސް އެއްޗެކޭ ބުނުމުން ވޭޓަރު ދާން ހިނގައިހަތެވެ. އެތާ ހުރި ބާވަތްބާވަތުގެ ނަން ކިޔަންވެސް އަލްވާއަށް ނޭގިދާނެތީ ސުފިޔާން އޭނަގެ ގާތުން ގެންނަންވީ އެއްޗެއް ނޭހީއެވެ.

"ވީއިރު ސްކޫލް ނިމުނީމަ ކީއްކުރާނީ؟ ހީވާގޮތުން ނޮވެމްބަރުގައި؟" ސުފިޔާން ތަންކޮޅެއް ސީރިޔަސްވިއެވެ. އަލްވާގެ ނަޒަރު ހުއްޓުނީ ސުފިޔާންގެ ބޮލާއި ދިމާލަށް އެލުވާފައި ހުރި ބޮކިތަކަށެވެ. ސުފިޔާންގެ މޫނު ނޫން ކޮންމެތަނަކަށް ބަލަން އިންނަންވެސް އޭނައަށް މާ ފަސޭހައެވެ.

"އަހަރެން....އަދި އެކަމާއި ޚިޔާލެއް ނުކުރަން. ބައްޕަމެންގެ ހޮޓަލެއް ހުރޭ. ފަހަރެއްގައި އެތާ މަސައްކަތްކުރާނީ....." އަލްވާ ދުޢާކުރީ އެހޮޓަލުގެ ނަން ސުފިޔާން ނޭހުމަށް އެދިއެވެ. ނޫނީ އެތަނުގެ ފެންވަރު އެގިދާނެއެވެ.

"ކޮލެޖަށްދާން ޕްލޭން ނުކުރަންތަ؟"

"ހިޔެއްނުވޭ އެހެން ބޭނުންވާހެން..."އާއިލާއާއި މާލީ ހާލަތު ބަޔާންކޮށްނުދީ ޖަވާބެއްދޭނެ ގޮތެއް ޚިޔާލަށް ގެންނަން އޭނަ މަސައްކަތްކުރިއެވެ.

"ލިޓްރޭޗާ ކިހިނެއްވާނެ؟ ފޮތްތަކާއި ލިޔުމަށް ޝައުގުހުރިހެން ހީވޭ..."ސުފިޔާންގެ މޫނަށް އަލްވާއަށް ބަލައިލެވުނީ އެކަން އެނގުނުގޮތަކާއިމެދު އަޖައިބުވެފައެވެ. ވިއިރު އޭނަގެ ކަންތައް ސުފިޔާން ގާތުން ބަލާފައިވެއެވެ.

"ސުފިޔާން...މިބުނީ މިސްޓަރ ސުފިޔާން..."

"ނޫން.."ސުފިޔާން ބޯ ހޫރައިލިއެވެ."ސުފިޔާން ކިޔަން ރަގަޅު.."

"ނުބައި އިމްޕްރެޝަންއެއްކަން ނޭގޭ ދެވުނީ. އަހަރެމެން އެކުވެރިންގެ ގޮތުގައި ބެލޭނެކަމެއް ނޭގޭ.މިވަގުތު ތިއީ އަހަރެންގެ ވެރިޔާ. އަދި އެތަނުގެ ވަޒީފާ ނިމުނީމަ ދެން އުމުރު ދުވަހުވެސް ދިމާވާނެކަމެއް ނޭގޭ. އެހެންވީމަ މި ޚިދުމަތް ހައްގެއްވެސް ނޫން. އަދި ސުފިޔާން މިހާ ސްޕެޝަލް އިވެންޓަކަށް ގެންނަންވާނީވެސް އެހެން މީހެއް.."ކުއްލިއަކަށް އަލްވާގެ ހިތް ބޭނުންވީ ރޯލުމަށެވެ. ދެމީހުންގެ ދުނިޔެ ވަރަށް ތަފާތެވެ.މިފަދަ ޒުވާނަކާއިއެކު ހަޔާތުގެ ބާކީ އޮތްބައި ހޭދަކުރަން ހިތަށްވެސް އަރުވާލެވުނީ ކިހިނެއްހެއްޔެވެ؟ އަލްވާ ގޮނޑިން ތެދުވުނެވެ. ހިތް ހަލާކުވުމުގެ ކުރިން މިތަން ދޫކޮށް ދާން ޖެހޭނެއެވެ.

"ހިނގާފައި ދަންޏާ ނޫނީ ކާރެއްގައި ދިޔަސް މާދަން އިރުއެރުމުގެ ކުރިން ގެއަކަށް ނުދެވޭނެ..."ސުފިޔާންގެ ޖުމްލައާއެކު އަލްވާގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ކައްކާމެންގެ މަސައްކަތް ފެނަށްވެދާނެ.." ސުފިޔާން ބުނެލިއެވެ. އޭރު ވޭޓަރުން ސަޔާއި އެހެން އެއްޗެހި ގެނެސް އަތުރަން ފަށައިފިއެވެ. ސައިއަޅަން ބަހައްޓާފައި ހުރި އުސް ޓީސްޓޭންޑް ކައިރީ ކޭކާއި ހޫނު އަދި މީރުވަސްދުވާ ޕޭސްޓްރީސްތައް އަތުރަމުން ދިޔައީ ވަރަށް ނަލަކޮށެވެ. ސައިތަށިތަކުގެ ޑިޒައިންތައްވެސް ހާދަ ރީއްޗެވެ.

"އިށީދޭ. ސަޔަށްފަހު ވަގުތުން ގެއަށް ގެންގޮސްދޭނަން...."

ނުނިމޭ