މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އިންޑިޔާގެ ޗެންނާއީގައި ބާއްވާ ދެކުނުއޭޝިއާ ސަރަހައްދުގެ މީޑިއާ އާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުމުގައި ބައިވެރިވުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން ]އެމްޖޭއޭ[ގެ މަންދޫބަކު މިއަދު ފުރައިފި އެވެ.

އެމްޖޭއޭ އިން ބުނީ ޗެންނާއީގެ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމް އާއި ޗެންނާއީގެ ދަ ރެއިންޓްރީ ޕާކް ހޮޓެލް އަދި ރެސިޑެންސީ ޓަވާސްގައި އޮންނަ އެ ބައްދަލުވުމުގައި މަޝްވަރާކުރާނީ މީޑިޔާގެ މިނިވަންކަމާއި މަސްއޫލިއްޔަތާ ބެހޭ ގޮތުން ކަމަށެވެ.

ޖަރުމަނުގެ އިންޓަނޭޝަން އިންސްޓްޓިއުޓް ފޯ ޖާނަލިޒަމްގެ ފަރާތުން އިންތިޒާމްކުރާ ބައްދަލުވުމުގައި ރާއްޖޭގެ މީޑިޔާ ސިސްޓަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު ކަމަށް އެމްޖޭއޭ އިން ބުނެ އެވެ.

ބައްދަލުވުމުގައި އެމްޖޭއޭގެ ފަރާތުން ބައިވެރިވަނީ ރައްޔިތުންގެ މަޖިލީހުގެ ޕާލަމެންޓްރީ ރިޕޯޓަރުގެ ވަޒީފާ އަދާކުރަމުން އަންނަ، އަދި މިނިވަން ނޫހާއި ހަވީރު ނޫހުގައި މަސައްކަތްކޮށްފައިވާ، އެމްޖޭއޭގެ ކުރީގެ ބޯޑު މެންބަރު އިބުރާހިމް މުހައްމަދެވެ.

އެމްޖޭއޭ އިން ބުނީ މީޑިއާއާ ގުޅޭ ބައިނަލްއަގުވާމީ ތަފާތު ހަރަކާތްތަކުގައި އިބުރާހީމް ކުރިން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން 2008ގައި ޕާކިސްތާނުގައި ބޭއްވި އިންތިޚާބުގައި ބައިނަލްއަޤްވާމީ އެންމެ ހަގު އޮބްޒާވަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

އިބްރާހީމަށް އެ ފުރުސަތު ލިބިފައި ވަނީ، އެމްޖޭއޭ އިން ބުނި ގޮތުގައި، އެކަމަށް ޝައުގެވެރިކަންފާޅުކުރި މީހުންގެ ނަންތައް އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމަށް ފޮނުވުމުން އެތަނުންނެވެ.