25 Mar 2012, 14:33
ސްޕެއިންގެ ވިޔަރެއާލް އަށް ކުޅެމުންދާ އިޓަލީ ފޯވާޑް ގުއިސެއްޕޭ ރޮސީ ހުރީ އިޓަލީ ލީގުގެ ކުލަބަކަށް ބަދަލުވުމުގެ ފޮނި އުންމީދުގައި ކަމަށް އޭނާގެ އެޖެންޓް ބުނެފި އެވެ.
ފުޓުބޯޅަ ކެރިޔަރުގައި އިނގިރޭސި ޕްރެމިއާ ލީގަށާއި ސްޕެނިޝް ލީގުގެ އިތުރުން އިޓަލީ ލީގަށް ވެސް ކުޅުނު އުމުރުން 25 އަހަރުގެ ރޮސީ ވިލަރެއާލް ދޫކޮށް ދިއުން އެންމެ ގާތީ ވެސް އިޓަލީގެ ކުލަބަކަށެވެ. އެހެން ކަމުން އިޓަލީ ލީގަށް އެނބުރި އައުން ބެލެވޭނީ ރޮސީގެ ކެރިއަރު ނިންމާލުމުގެ ފެށުން ކަމުގަ އެވެ.
"ހަބަރުތަކުން ބުނަމުންދަނީ ކުލަބުތަކުން ރޮސީ އަށް 15 މިލިޔަން ޕައުންޑްގެ އަގެއް ކިޔާކަމަށް. ނަމަވެސް އެއީ އެއްވެސް ހަގީގަތެއްވާ ހަބަރުތަކެއް ނޫން. ރޮސީ ހޯދުމަށް މަދުވެގެން 20 މިލިޔަން ޕައުންޑް ހޭދަކުރަން ޖެހޭނެ. އިޓަލީގެ ކުލަބުތަކަކުންނާއި ޔޫރަޕްގެ ގިނަ ކުލަބުތަކަކުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އެބަދޭ. ރޮސީ ހުރީ އިޓަލީ ލީގުގެ ކުލަބަކަށް ބަދަލުވުމުގެ ފޮނި އުންމީދުގައި." ރޮސީގެ އެޖެންޓް ފެޑެރިކޯ ޕަސްޓްރެލޯ ބުންޏެވެ.
މިސީޒަނުގައި ރޮސީ ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި އެއް ކުލަބަކީ އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ އެވެ. ނަމަވެސް އެކުލަބުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.