ލިވަޕޫލްގެ އުރުގުއޭ ފޯވާޑް ލުއިސް ޝުއަރޭޒް ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރުކުރުމަށް ވާހަކަތައް ކުރިއަށް ގެންދާނެ ކަމަށް އެކުލަބުގެ މެނޭޖިންގް ޑިރެކްޓަރު އިއާން އައިރޭ ބުނެފި އެވެ.
ލިވަޕޫލް އާއި އެކު ޝުއަރޭޒް ހަދާފައިވާ އެއްބަސްވުމުގައި ބާކީ ހަތަރު އަހަރު އެބައޮތެވެ. ޝުއަރޭޒް އާއި އެކު އެއްބަސްވުން ހެދިއްޖެ ނަމަ، އެކުލަބުގައި ދިގު މުއްދަތެއްގައި އޭނާ މަޑުކުރާނެ އެވެ. ހޮލެންޑްގެ އަޔެކްސް އެމްސްޓެޑެމް އަށް ކުޅުމަށް ފަހު މިދިޔަ އަހަރު ޖެނުއަރީ މަހު ލިވަޕޫލް އާއި ގުޅުނު ޝުއަރޭޒް އެކުލަބާއި އެކު ސޮއިކުރީ ފަސް އަހަރާއި ބައިގެ މުއްދަތަކަށް ކުލަބުގައި މަޑުކުރުމަށެވެ.
"ޝުއަރޭޒް އާއި އެކު ލިވަޕޫލް އިން ހަދާފައިވާ އެއްބަސްވުމުގެ ދަށުން 2016 ވަނަ އަހަރާއި ޖެހެންދެން އޭނާ ކުލަބުގައި ހުންނާނެ. ޝުއަރޭޒް ވެސް ބޭނުންވަނީ ކުލަބުގައި މަޑުކުރަން. އެހެންކަމުން ކުލަބުން އޭނާގެ އެޖެންޓާއި ވާހަކަ ދައްކާ ދިގު މުއްދަތެއްގައި ބެހެއްޓުމަށް މަޝްވަރާކުރާނެ." އައިރޭ ބުންޏެވެ.
މިސީޒަނުގައި ވެސް ޝުއަރޭޒް ހޯދުމަށް ގިނަ ކުލަބުތަކަކުން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މުއްސަނދި ކުލަބުތަކެވެ. ލިވަޕޫލް އިން އެހެން ކުލަބަކަށް ޝުއަރޭޒް ގެންދަން ބޭނުންނަމަ، އެކުލަބަކުން ބޮޑު ހަރަދެއް ކުރަން ޖެހޭނެ އެވެ.