25 Mar 2012, 14:27
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމްގެ އެވޯޑް ނައިޓް ބާއްވާނެ ވަކި ދުވަހެއް ފައިނަލް ނުވެ، ލަސްވެގެން ދަނީ ރަސްމިއްޔާތު ބާއްވާ ދަރުބާރުގެ ލިބުން ލަސްވެގެން ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.
އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ، އެވޯޑް ނައިޓު ބޭއްވުމަށް ނިންމާފައިވާ "ދަރުބާރުގެ" ހޯދުމަށް އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"އެފްއޭއެމް އިން ނިންމީ އެވޯޑް ނައިޓް އަންނަ މަހު ބޭއްވުމަށް. ދުވަހެއް ކަނޑައެޅެން އޮތީ ދަރުބާރުގެ ލިބުމުން. އެކަމަކު އަދިވެސް ދުވަހެއް ފައިނަލްނުވޭ،" އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްދަށުގައިވާ ދަރުބާރުގެ އަންނަ މަހުގެ ވަކި ދުވަހަކަށް ހޯދުމަށް އެފްއޭއެމްއިން އެދިފައިވޭތޯ ބެލުމަށް ސަންއޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބު ދެމުން ދަރުބާރުގޭގެ އޮފިޝަލަކު ވިދާޅުވީ، އެފްއޭއެމްގެ އެވޯޑް ނައިޓް ބާއްވަން ދަރުބާރުގެ ހޯދާކަމެއް އެފަރާތައް އެނގިފައި ނުވާކަމަށެވެ. އެހެން ނަމަވެސް އެފް.އޭ.އެމް އެވޯޑް ނައިޓްގެ މާކެޓިން ޕާޓްނަރު ތިންކު އެޑްވަޓައިޒިންގެ ފަރާތުން އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު އަދި އަންނަ މަހުގެ ފަހުކޮޅުގެ ދެތިން ދުވަހެއް ވަނީ ބުކިން ހަދާފައިކަމަށެވެ. އެހެން ނަމަވެސް ތިންކުން ބުކިން ހަދާފައިވާ ދުވަސް ތަކަކީ އެފްއޭއެމްގެ އެވޯޑް ނައިޓް ބާއްވަންވެގެން ހަދާފައިވާ ބުކިންނެއް ކަމެއް އެފަރާތައް އެނގިފައި ނުވާކަމަށް ދަރުބާރުގެއިން މައުލޫމާތު ދިން ފަރާތުން ބުންޏެވެ.
އެފްއޭއެމް އެވޯޑް ނައިޓުގައި 2011 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ފަސް ކުޅުންތެރިން ވެސް މިހާހަރު ވަނީ އިއުލާންކޮށްފައެވެ. އެ ފަސް ކުޅުންތެރިންނަކީ މިދިޔަ އަހަރު ވީބީ އައްޑޫ އެފްސީ އަށް ކުޅެ، މިއަހަރުގެ ސީޒަންގައި ނިއުއަށް ކުޅުމަށް ބޮޑު އަގެއްގައި ބަދަލުވި ރާއްޖޭގެ ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި ވީބީގެ ޝަމްވީލް ގާސިމް (ބޮންޑާ) އާއި މުހައްމަދު އާރިފް (ބަކާ) އާއި މާޒިޔާ އަށް ކުޅުނު އަކްރަމް އަބްދުލް ގަނީ އަދި ވިކްޓަރީ އަށް ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ. މޮޅު ކުޅުންތެރިޔާ އަށް ހުށަހަޅާފައިވަނީ އެފް.އޭ.އެމް އެވޯޑާއި 50000ރ. އެވެ.
މިފަހަރުގެ އެފްއޭއެމްގެ އެވޯޑު ނައިޓުގައި ހޮވާ އިތުރު މަގާމުތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ޔޫތު ކުޅުންތެރިޔާ އާއި ހިދުމަތްތެރި ރެފްރީންނަށް ދޭ އެވޯޑުގެ އިތުރުން އަހަރުގެ އެންމެ މޮޅު ކްލަބުގެ އެވޯޑް ހިމެނެ އެވެ. މީގެ އިތުރުން އެފްއޭ ޕްރެޒިޑެންޓް އެވޯޑާއި އަގުޒަވަންކުރުމުގެ އެވޯޑާއި ސަޕޯޓާސް ޓީމު ހޮވަ އެވެ. ޕްރެޒިޑެންޓްސް އެވޯޑަކީ ފުޓުބޯޅަ އަށް އެކި ގޮތްގޮތުން ހިދުމަތްތައް ކޮށްދީފައިވާ ފަރާތަކަށް އެފްއޭއެމުން ދޭ އެވޯޑެކެވެ.