25 Mar 2012, 14:19
އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅޭ މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާ މެޗުގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.
މޮޅުވާ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ ސީޒަން ފަށާ މެޗުގައި ބައްދަލުކުރާ ދެޓީމަކީ މިދިޔަ އަހަރުގެ ސީޒަންގައި އެންމެ ކާމިޔާބު ދެޓީމް ކަމުގައިވާ ގައުމީ ޗެމްޕިއަން ވިކްޓަރީ އާއި ލީގު ޗެމްޕިއަން ވީބީ އައްޑޫ އެފްސީއެވެ. މިމެޗް ފަށާނީ އަންގާރަ ދުވަހުގެ ރޭ 9:00 ގައެވެ.
ސީޒަން ފަށާ މެޗުގެ ޓިކެޓް އިއްޔެ ވިއްކަން ފަށާފައި ވާއިރު، ޓިކެޓުގެ އަގުތައް އުޅެނީ ސިޑިބަރިން ފަސް ރުފިޔާ އަދި ގޮޑި ބަރިން 25 ރުފިޔާއަށެވެ.
އެފްއޭއެމް އިން ބުނީ، ސީޒަން ފަށާ މެޗުގެ ޓިކެޓް ވިއްކުމުގެ އިންތިޒާމްތައް ބަޔަކާ ހަވާލުކޮށްގެން، ކުރިއަށްދާއިރު ފުރަތަމަ ބުރު އިއްޔެ ކުރިއަށް ގެންގޮސްފައި ވަނީ އާޓިފިޝަލް ބީޗުގައި ކަމަށެވެ. އަދި މިއަދު ޓިކެޓު ވިއްކުމުގެ ދެ ވަނަ ބުރު މަސް މާރުކޭޓް ސަރަހައްދުގައި މިއަދު ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، ތިން ވަނަ ބުރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މާދަމާ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ކަމަށެވެ.
މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކުރި ވިކްޓަރީން ވަނީ މި ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ އަކުރަމް އަބްދުލް ގަނީ އާއި މުހައްމަދު އުމެއިރު އަދި އަލީ ފާސިރު (ސެންޓޭ) ގެނެސްފަ އެވެ. އަދި ހަމަ އެޔާއެކު ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ވިކްޓަރީން ވަނީ މިއަހަރުގެ ކުރީ ކޮޅު ޅ. އަތޮޅަށް ވެސް ޓްރޭނިން ދަތުރެއްކޮށްފަ އެވެ.
މިއަހަރުގެ ސީޒަނާ ކުރިމަތިލާއިރު ވިކްޓަރީން ހޯދި ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް ކުޅުނު ތުރުކީ ގޯލްކީޕަރު ލެވެންޓް ވަންލީ އާއި މިދިޔަ އަހަރު ވެލެންސިއާ އަށް ކުޅުނު ކެމަރޫންގެ ފޯވަޑް ހަންސްލޭ އަވީލޯ ހިމެނެއެވެ.
ވިކްޓަރީގެ އިތުރުން ވީބީ އައްޑޫ އެފްސީގެ ނަމުގައި މިއަހަރުގެ ފުޓްބޯޅަ މޫސުމަށް އެޓީމް ނުކުންނައިރު މިދިޔަ ތިން ސީޒަންގައި ނިއުއަށް ކުޅުނު ލައިބީރިއާގެ ފޯވަޑް ޗާލްސް ރައިޓް ގަޔޭ ވަނީ މިއަހަރު ވީބީ އައްޑޫ އެފްސީއަށް ބަދަލު ވެފައެވެ. އަދި މިދިޔަ އަހަރު ނިއުއަށް ކުޅުނު ދެ ޑިފެންޑަރުން ކަމަށްވާ ސޮބާހް މުހައްމަދާއި މުހައްމަދު ޖަމީލް ވެސް ވީބީ އައްޑޫ އެފްސީއާ ގުޅުނު އިރު، ނިއުގެ ގޯލްކީޕަރު ޒީއަޒަން އާއި ވިކްޓަރީން ދޫކޮށްލި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) ވެސް ވަނީ ވީބީ އައްޑޫ އެފްސީއާގުޅިފައެވެ.
މިދިޔަ އަހަރަށް ވުރެ، މިއަހަރުގެ ފުޓްބޯޅަ ސީޒަނާ ޓީމްތަކުން ކުރިމަތިލަނީ ބޮޑެތި ބަދަލުތަކާއެކު އެވެ. އެއާއެކު ކުޅުންތެރިން ގަނެ ވިއްކުމުގެ އަގަށް މިއަހަރު ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ވީބީއަށް ކުޅުނު އެޓީމްގެ ފޯވާޑް އަލީ އަޝްފާގް (ދަނޑޭ) 1.4 މިލިޔަން ރުފިޔާއަށް ނިއުރޭޑިއަންޓަށް ބަދަލުވިއިރު، ވީބީއަށް ކުޅުނު ހުނަރުވެރި މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ވަނީ ހަލައްކަ ރުފިޔާއަށް އީގަލްސްއަށް ބަދަލުވެފަ އެވެ.