25 Mar 2012, 14:17
މިއަހަރުގެ ޖެނުއަރީން ފެށިގެން އާސަންދަ ސްކީމް ތައާރަފު ކުރުމާއެކު 40،000 ހާސް މީހުންގެ އައިޑީކާޑު ހަދައިންދޭން ޖެހުމުން ދައްޗާ ކުރިމަތިވެ ހިދުމަތަށް އެދޭ މީހުންގެ ދިގު ކިއޫއެއް އުފެދިފައިވާ ކަމަށާއި މަސް ދުވަހުގެ ތެރޭގައި ކިޔޫ ކުޑަ ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނެފި އެވެ.
ޑީއެންއާރްގެ ޑިރެކްޓަރު ފަރީދާ ޔޫސުފު ވިދާޅުވީ އާސަންދަ ކަހަލަ ބޮޑު ޕްރޮގްރާމެއް ކުއްލިއަކަށް ފެށި އިރު ކާޑް ހަދައިދޭންޖެހޭ 40،000 މީހުން ތިބި ކަމަށެވެ. އަދި އެ އެންމެނަށް އައިޑީކާޑް ހަދައިދެވޭ ފެންވަރަށް ޑީއެންއާރް އޭރު ތައްޔާރުވެފައި ނެތް ކަމަށެވެ. އާސަންދަ އައުމުން އެތައްބަޔަކު އެއްފަހަރާ ކާޑް ހަދަން އެދުމާ ގުޅިގެން ކާޑް ހައްދައިދިނުމުގެ ހިދުމަތް އެއްކޮށް ހުއްޓިދާނެ ބިރަށްޓަކައި ކޮންޓްރޯލް ކޮށްގެން ހިދުމަތް ދޭން ފެށުމުން އައިޑީ ކާޑުގެ ހިދުމަތުގައި ދިގު ކިޔޫއެއް ހެދުނު ކަމަށް ވެސް ފަރީދާ ވިދާޅުވި އެވެ.
"މިވަރު ބޮޑުކަމެއް ފެށިގެން ދިޔައިރު އަޅުގަނޑުމެންނަށް ދިމާވި ބަޖެޓްގެ ދަތިކަން. އާއްމުކޮށް ޑިމާންޑް މަތިވެގެން ދަނީ ސްކޫލް ބަންދާ އަދި އިންތިހާބެއް އޮވެއްޖެނަމަ. އެކަންކަމަކީ ކުރިއާލާ އަންނަކަން ކަމަށް ވާތީ އެކަންކަމަށް ތައްޔާރުވެގެން ތިބެނީ. އެކަމަކު މިފަހަރު ގިނަ އަދެއްގެ ބަޔަކު ކާޑުގެ ހިދުމަތަށް އެދުމާއެކު ތަކެތީގެ ދަތިކަން ހުރި މިންވަރުން ހިދުމަތް ހުއްޓިދާނެތީ ކޮންމެވެސް ވަރަކަށް ގެންދިޔައީ ކޮންޓްރޯލް ކޮށްގެން،" ފަރީދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަތޮޅުތެރެއިން 15000 މީހުން ކާޑް ހެއްދުމަށް އެދިފައި ވީނަމަވެސް ކާޑް ހަދަން ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް ހުރުމާއި އެކު މިހާތަނަށް އަތޮޅު ތެރެއިން އެދިފައިވާ އަދަދުގެ ތެރެއިން ހެދިފައިވަނީ ވަރަށް މަދު އަދަދެއް ކަމަށެވެ. ނަމަވެސް އަތޮޅުތަކުން ކާޑު ހެދުމަށް އެދިފައިވާ މީހުންގެ ތެރެއިން 800 މީހުންގެ ކާޑު ހަދާ ނިންމުމަށް މިދިޔަ ހޮނިހިރު ދުވަހު ފޮނުވައިދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) ވިދާޅުވީ އައިޑީ ކާޑު ހެދުމުގެ މަސައްކަތް ހަލުވިކުރުމުގެ ގޮތުން ކުރިޔަށް އޮތް އެއްމަސް ދުވަހުގެތެރޭގައި އަތޮޅުތެރެއިން ކާޑުހަދަން ފޮނުވާފައިހުރި ފަރާތްތަކުގެ ކާޑްތައް ނިންމާނެ ކަމަށެވެ.
"މަސައްކަކަތަކީ ސްޕީޑް ލަސް މަސައްކަތެއްނޫން. އެންމެ ދުވަހެއްގެ ތެރޭގައި 800 އެއްހާ ކާޑް ހެދިގެން އެދިޔައީ އެހެންވީމައި ޓާގެޓް ކޮށްފައިވާ ދުވަސްތަކުގެ ތެރޭގައި [އެއް މަސްދުވަހުގެ ތެރޭގައި] އެ މައްސަލައަށް ހައްލެއް ހޯދަން ހޯމް މިނސްޓްރީންނާއި ޑިޕާޓްމަންޓުން މި މަސައްކަތްކުރަނީ،" ސަލީމް ވިދާޅުވި އެވެ.
ފަރީދާ ވިދާޅުވީ ދުވާލެއްގެ މައްޗަށް 500 ކާޑް ހަދާ ދޫކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށާއި ކާޑް ހެދުމުގެ މަސައްކަތްތަކަކީ އެކަމަށް ބޭނުންވާ ތަކެތި ހުރިނަމަ ދައްޗެއްނެތި ހިދުމަތް ފޯރުކޮށްދީ ދިގު ކިޔޫއިން ސަލާމަތް ވެވޭނެ ކަމަށެވެ.