22 Jun 2022, 13:38
އަނބިމީހާގެ ކޮއްކޮއަކަށް ޖިންސީ ގޯނާކޮށް، ޖިންސީ މަންޒަރު ދެއްކި ދިވެއްސަކު 57 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މީހާގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވާއިރު އޭގެ ތެރެއިން ތިން ދައުވާއެއް ވަނީ ސާބިތުވެފައެވެ. އަދި އެ ތިން ދައުވާ އޭނާގެ މައްޗަށް ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްތަކުން 57 އަހަރުގެ ޖަލު ހުކުމެއް އޭނާ ތަންފީޒުކުރަން ޖެހެއެވެ.
ޖިންސީ ގޯނާ ކުރި މީހާއަށް އުފުލި ދައުވާތައް:
- އާއިލާގެ މެންބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުން (25 އަހަރަށް ޖަލަށް)
- ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާގެ ހާޟިރުގައި އަދި ދެއްކުމުގެ މަޤްޞަދުގައި ޖިންސީ އަމަލެއް ހިންގުން (17 އަހަރަށް ޖަލަށް)
- ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު ދެއްކުން (15 އަހަރަށް ޖަލަށް)
- ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލުން (ސާބިތެއް ނުވޭ)
- ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުން (ސާބިތެއް ނުވޭ)
އަނިޔާ ލިބުނު ކުޑަކުއްޖާގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށް ޚަބަރުގައި ވާނީ ޖިންސީ ގޯނާގެ ކުށް ސާބިތުވި މީހާގެ ނަން އުނިކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ވެސް ސިއްރު ކޮށްފައެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި މެދު ރާއްޖޭގެ ރަށަކަށް ނިސްބަތްވާ ދެބައި އުމުރުގެ އެ ފިރިހެން މީހާ ޖިންސީ ގޯނާކޮށް ޖިންސީ މަންޒަރުތައް ދައްކާފައިވަނީ އޭނާ އޭރު ކައިވެނިކޮށްގެން އުޅުނު އަންހެން މީހާގެ 18 އަހަރުން ދަށުގެ އަންހެން ކޮއްކޮއަކަށެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްޔެ ހުކުމްކޮށްފައިވާއިރު އެ މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުގައި ހުންނަތާ މިހާރު ވަނީ ދެ އަހަރާއި ނުވަ މަހާއި ދެ ދުވަސް ވެފައެވެ.