27 Sep 2022, 13:03
ދިރިއުޅުމުގެ ކަންތައްތަކާއި މަސައްކަތުގެ މާހައުލުގެ ކަންތައްތައް އެކުގައި ކުރާއިރު ކޮންމެ މީހަކީ ވެސް ކުރާނެ ކަންތައް ގިނަވެ އަވަހަށް ސްޓްރެސް ވާނެ މީހެކެވެ. ސްޓްރެސްއަކީ މާ ގޯސްވެއްޖެ ނަމަ މުޅި މީހާގެ ދިރިއުޅުމަށް ގެއްލުން ކުރާނެ ކަމެކެވެ. އެހެންވީމާ ސްޓްރެސް ފިލުވަން ކޮންމެވެސް ކަހަލަ ގޮތްތަކެއް އެބަ ހޯދަން ޖެހެއެވެ.
އިންސާނާގެ ނަފުސާނީ ދުޅަހެޔޮ ކަމުގެ އިތުރުން ޖިސްމާނީ ދުޅަހެޔޮ ކަމަށް ވެސް ސްޓްރެސްގެ ސަބަބުން ބޮޑެތި ގެއްލުންތައް ކުރިމަތިވެއެވެ. ނިދި ގެއްލުމުން ފެށިގެން ބޮލުން އިސްތަށި ފޭބުމަކީ ވެސް ސްޓްރެސް އާ ގުޅުން ހުރި ކަންތައްތަކެވެ. އެހެންވީމާ ސްޓްރެސް ވުމުން ހަދާނީ ކިހިނެއް ހެއްޔެވެ؟
ޖަސްލޯކް ރިސާޗް ސެންޓަރުގެ ސައިކޮލޮޖިސްޓުންގެ ޓީމް ހެޑު ރިކިތާ އަގަރުވާލް މެހެތާ ވިދާޅުވާ ގޮތުގައި ސްޓްރެސް ވުމުގެ ނިޝާންތައް ފެންނަ ހިސާބުން ފެށިގެން އެކަން މަދު ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ.
އޭނާ ފާހަގަކުރާގޮތުގައި ސްޓްރެސްވުމުގެ ނިޝާންތަކުގެ ތެރޭގައި މަސައްކަތަށް ސަމާލުކަން ދޭން އުނދަގޫ ވުމާއި ކުދިކުދި ކަންތައްތަކާ ވަރަށް ފަސޭހައިން އުނދަގުވެ އެކަންތައްތައް "ހޭންޑަލް" ކުރަން އުނދަގުވާނެއެވެ.
"އިންސާނާގެ ހަށިގަނޑާއި ސިކުނޑިއާ ދެމެދުގައި ހުންނާނީ 1:1ގެ ރޭޝިއޯ އެއް. އިންސާނާގެ ސިކުނޑިން ނަގައިގަންނަ ކަންތައް ހަށިގަނޑު ކޮޕީ ކުރާނީ. މިކަމަށް ނާވަސް ސިސްޓަމް އަށް ބަލަން ޖެހޭ," އޭނާ ކިޔައިދިނެވެ.
ނާވަސް ސިސްޓަމްއަށް އުނދަގޫ ނުވާނެ ގޮތަށް ސްޓްރެސް ލެވެލް ބަހައްޓައި ސްޓްރެސް މެނޭޖް ކުރުމަށް ކުރެވިދާނެ ތަފާތު ކަންތައްތަކެއް އެބަހުއްޓެވެ. އެކަމުގެ ތެރެއިން ތިން ކަމެއް ރިކިތާ ފާހަގަކުރެއެވެ.
ރިކިތާ ފުރަތަމަ ކިޔައިދެނީ ފަސޭހައިން ކޮށްލެވޭނެ ކަމެއްގެ ވާހަކައެވެ. އެއީ ސްޓްރެސް ވާ ހެން ހީވާނަމަ ނޭވާ ލުން މެނޭޖްކުރުމެވެ. މިކަމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ނޭފަތުގެ ކޮޅަށް މީހާގެ ސަމާލުކަން ގެނައުމެވެ. އެއަށްފަހު ހަތް ފަހަރަށް ފުންކޮށް ނޭވާ ލާށެވެ. މިގޮތަށް ނޭވާ ލާން އާދަ ކުރުމުގެ ސަބަބުން މީހާގެ ސްޓްރެސް ފިލުވާލައި އެހެން ކަމަކަށް ސަމާލުކަން ދެވޭނެއެވެ.
ދެވަނައަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ވަގުތުން ޚިޔާލުތައް ނޯޓު ކުރުމެވެ. ސްޓްރެސް ވާ ވަގުތު ކުޑަ ބްރޭކެއް ނަގާށެވެ. އެއަށްފަހު ބޮލުގައި އުފެދޭ ސުވާލުތަކާއި އެވަގުތު އުނދަގޫ ވާ ކަންތައްތައް ވަގުތުން ކަރުދާހަށް ބަދަލުކޮށްލާށެވެ. އޭގެ ސަބަބުން ސުވާލުތަކާއި އުދާސްތައް އިތުރަށް އަތުރާލުމަށް ފުރުސަތު ލިބިގެން ދާނެއެވެ.
ތިންވަނައަށް ކުރެވިދާނެ ކަމަކީ ނުރަނގަޅު އަދި ގޯސް ހިޔާލުތަކެއް އުފެދޭ ނަމަ އެ ހިޔާލުތައް ފޮހެލުމަށް ފުރުސަތު ދިނުމެވެ. އެ ޚިޔާލުތައް ފުރިހަމަ ވުމުގެ ކުރިން، އޭގެ ބަދަލުގައި ރަނގަޅު ކަމަކަށް ވަގުތު ހުސްކޮށްލާށެވެ. މިސާލަކަށް ގަހެއް ހޯދައި އެ ބެލެހެއްޓުން، ނުވަތަ އޮޅުކޮށްގެން ޖަނަވާރެއް ގެންގުޅޭ ނަމަ އެއަށް ވަގުތު ދިނުމެވެ. މިއީ ހަމަ ސްޓްރެސް ވުމުން ކުރެވިދާނެ ކަންތައްތަކެވެ.