އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ގާނޫނީ ވަކީލު ކަމުގެ ދާއިމީ ހުއްދަ ހޯދުމަށް ފުރިހަމަކުރަން ޖެހޭ ބާ އިމްތިހާން މި އަހަރުގެ ނޮވެމްބަރު މަހަށް ފަސްކޮށްދީފިއެވެ.

ބާ އިމްތިހާނު ފަސްކޮށްދިނުމަށް ބާ ކައުންސިލުން ނިންމީ ގިނަ ދަރިވަރުންތަކެއްގެ ކަންބޮޑުވުން ތަކެއް ހުރުމުން އެ ދަރިވަރުންގެ އެދުމުގެ މަތިންނެވެ.

ބާ ކައުންސިލުން ބުނެފައިވަނީ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުން ބާ އިމްތިހާނު ނޮވެމްބަރު 19 ވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށެވެ.

އަދި ބާ އިމްތިހާނުގައި ރަޖިސްޓްރީވި ދަރިވަރުންގެ އިތުރުން، ރަޖިސްޓްރީ ކުރުމަށްފަހު ނަން ނެގި ދަރިވަރުންނަށް ވެސް ނޮވެމްބަރު މަހު ބާއްވާ އިމްތިހާނުގައި ބައިވެރިވެވޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

މި އަހަރު ނޮވެމްބަރުގައި ބާއްވާ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލާފައެވެ.

އިމްތިހާނު ލަސްކޮށްދިނުމަށް އެދި ބާ ކައުންސިލްގެ އިންތިޚާބީ ރައީސް އިސްމާއީލް ވިޝަމާއި ނައިބު ރައީސް މިޒްނާ އަޙްމަދު ސޮއިކުރައްވައި އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ސިޓީއެއްވެސް ފޮނުވިއެވެ.

އެ ސިޓީގައި ވަނީ އާ އެގްޒެކެޓިވް ކޮމިޓީގެ ވައުދުތަކަށް ހުރަސް ނޭޅޭނޭ ގޮތަކަށް އެގްޒެކެޓިވް ކޮމިޓީގެ އަމަލުތަށް ބަހައްޓައިދިނުމަށް އެދިފައެވެ. އަދި ކޮމިޓީގެ މެމްބަރުން ވެފައިވާ އިންތިޚާބީ ވައުދުތައް ތަންފީޒުކުރުމަށާއި ނިންމަންޖެހޭ ނިންމުންތައް ނިންމުމާ ހަމައަށް އިމްތިހާނު ފަސްކޮށްދިނުމަށް އެދިފައެވެ.

އެގޮތުން އެ ވައުދުތަކުގެ ތެރޭގައި:

  • 2020ވަނަ އަހަރު ބާ ކައުންސިލުން ކުރިއަށް ގެންދިޔަ 'ސްޕެޝަލް ލައިސަންސް ޓްރެއިނިން ޕްރޮގްރާމް'ގެ ދަށުން ބޭއްވި އިމްތިހާނުން ފާސްވެ، ވަކާލާތުކުރުމުގެ ހުއްދަ ދީފައިވާ ވަކީލުން އަލުން ބާ އެގްޒާމްގައި ބައިވެރިނުވެ، ވަކާލާތުކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖައްސައިދިނުން.

  • އަދި ބާ އެގްޒާމްގައި ބައިވެރިވާން ފީ ދައްކާފައިވާ ދަރިވަރުންގެ ތެރެއިން، ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ ދަރިވަރުންނަށް އެގްޒާމް ފީ ރައްދުކޮށްދިނުން.
  • ބާ އިމްތިހާނުގައި ބައިވެރިވުމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ ފީ ކުޑަކުރުން.
  • އިމްތިހާންގެ އިމްތިހާނު ފީ ކުޑަކުރުމުގެ ސަބަބުން ފީ ދައްކާފައިވާ ދަރިވަރުން އިތުރަށް ދައްކާފައިވާ ފީ އެ މީހުނަށް ރައްދުކޮށްދިނުން.
  • އަދި އިމްތިހާނުގެ ފީ ކުޑަކުރުމުގެ ސަބަބުން، އައު ފީ އާއެކު ބާ އިމްތިހާނުގައި ބައިވެރިވެވޭ ބޭފުޅުން ބާ އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.
  • 2019 އިން 2022 ހާއި ދެމެދު ލޯ ޑިގްރި ނިންމި ދަރިވަރުން ޑިގްރީ ނިންމި އިރު ބާ އިމްތިހާނުގެ ސިލަބަސް ނެތް، އެހެންކަމުން އާ ސިލަބަހެއްގެ މައްޗަށް ބާ އިމްތިހާންގައި ބައިވެރިވާން ޖެހުމަކީ ގާނޫނު އަސާސީއާ ޚިލާފުކަމެއްކަން ބުނެ ހުށަހަޅާފައިވާ ޝަކުވާތަކާމެދު ގޮތެއް ނިންމުން.
  • ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން އިމްތިހާނު ކުރިއަށްގެންދިއުމުގެ ފުރުސަތު ދިނުން.

ވަކީލު ކަމުގެ ހުއްދަ ހޯދުމަށް، ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ގާނޫނީ ފަންނުގެ ބިލަށް ގެނައި އިސްލާހުގައިވާ ގޮތުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ވާނެއެވެ.