09 Oct 2022, 09:59
ރަޝިއާގެ ރައީސް ޕޫޓިންގެ އުފަންދުވަހުގެ ހަދިޔާއަކަށް ބެލަރުސްގެ ރައީސް ލުކަޝެންކޯ ޓްރެކްޓަރެއް ހަދިޔާކުރައްވައިފިއެވެ.
ރަޝިއާގެ އެންމެ އަރިސް އެއް ގައުމު ކަމުގައިވާ ބެލަރުސް އަކީ ޓްރެކްޓަރު އުފެއްދުމަށް މޮޅު ގައުމެކެވެ.
ޕޫޓިންގެ އުފަން ދުވަހާ ދިމާކޮށް ރަޝިއާގެ ސެއިންޓް ޕީޓާސްބާގުގައި އޮތް އިސްވެރީންގެ އެއްވުމެއްގައި ޕޫޓިންއަށް މި ހަދިޔާ އަރުވާފައިވަނީ ބެލަރުސްގެ ރައީސް އަމިއްލަފުޅަށެވެ.
ޕޫޓިންއަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މި ހަފްލާގައި ރަޝިއާގެ މިލިޓަރީ އިސްވެރިން ވަނީ ޕޫޓިންގެ ލީޑާޝިޕަށް ތައުރީފްކުރައްވާފައެވެ. އަދި ރަޝިއާގެ މުސްތަގުބަލު ފޮނި ކަމަށާއި، ހުޅަނގުގެ ނުފޫޒުގެ ދަށަށް ރަޝިއާ ކުޑަކަކޫ ނުޖަހަނީ ޕޫޓިންގެ މިންނެތް މަސައްކަތްޕުޅުންކަމަށްވެސް އެ މީހުން ވަނީ ބުނެފައެވެ.
ބެލަރުސްގެ ރައީސްގެ އިތުރުން ތަޖިކިސްތާނުގެ ރައީސް އިމޮމަލީ ވަނީ ޕޫޓިންއަށް ބޮޑު ކެކުރި އާއި ކަރާ ހަދިޔާކުރައްވާފައެވެ.
ޕޫޓިންގެ އުފަންދުވަހާ ގުޅިގެން އުތުރު ކޮރެއާގެ ސުޕްރީމް ލީޑަރު ކިމް ޖޮން އުންވެސް ވަނީ މަރުހަބާ ފޮނުއްވާފައެވެ. ކިމް ވިދާޅުވީ، ރަޝިއާއިން އެމެރިކާގެ ނުރައްކަލާއި ގޮންޖެހުންތައް ނެތިކުރަމުން ދާތީ މަރުހަބާ ވިދާޅުވާކަމަށެވެ.
ރަޝިއާ-ޔޫކްރޭން ހަނގުރާމަ ވަރުގަދަވެ، ރަޝިއާއިން ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ އިންޒާރު ދީފައެވެ.
ރަޝިއާއިން ވަނީ ޔޫކްރޭނުގެ ހަތަރު ސަރަހައްދެއް އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ޔޫކްރޭނުން އަންނަނީ މިހާރު ރަޝިއާގެ ބާރުގެ ދަށުގައި އޮތް ބައެއް ސިޓީތައް އަނބުރާ ނަގަމުންނެވެ.