ވަރަށް ދަން ވަންދެން ވެސް ހަލަބޮލިކޮށް ކުރިން އޮންނަ ސޫރިއާގެ ވެރިރަށް ދިމިޝްގުގެ މަގުތައް އިރުއޮއްސުމާއެކު މިހާރު އޮންނަނީ ފަޅަށެވެ. ވައްކަމާއި ފޭރުމުގެ ހަމަލާތަކަށް ބިރުން އޮއްސޭ އިރާއެކު ގިނަ މީހުން ގެތަކަށް ވަންނާތީ އެވެ.

މެދުއިރުމަތީގެ އެންމެ ރައްކާތެރި ވެރިރަށުގެ ގޮތުގައި ކުރިން މަޝްހޫރުވެފައި އޮތް ދިމިޝްގު މިހާރު ވެފައިވަނީ ކުށުގެ ހާއްޔަކަށެވެ. ކޮންމެ ރެއަކުހެން ހިންގާ ހަތިޔާރުން ބިރުދައްކައިގެން ފޭރުމާއި ވައްކަމާއި ލޫޓްވުމުގެ އަމަލުތަކުން ދޭހަ ވަނީ އިދިކޮޅުފަރާތްތަކާ ދެކޮޅަށް ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ކުރައްވަމުން ގެންދަވާ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައިގެ ނާޖާއިޒު ފައިދާ ކުށްވެރިން ނަގަމުންދާ ކަމެވެ.

ދިމިޝްގުގައި ކޮންމެ ރެއަކު ހިންގާ ޖަރީމާތަކުގެ ޒިންމާ ސޫރިޔާ ސަރުކާރުން އަޅުވަނީ އިދިކޮޅު ފަރާތްތަކުގެ ބޮލުގަ އެވެ. އަދި އިދިކޮޅު ފަރާތްތަކުން އެކަންތައްތަކުގެ ޒިންމާ އަޅުވަނީ ސަރުކާރުގެ ބޮލުގައެވެ. އިދިކޮޅު ފަރާތްތަކުން ގައުމު ހަމަނުޖެހުމަށް ވައްޓާލީ ކަމަށް ބުނަން ވެގެން ސަރުކާރުން ކުށްވެރިންނަށް ޖާގަ ދެނީ ކަމަށް އެމީހުން ތުހުމަތު ކުރެއެވެ.

ސޫރިޔާގެ ވަރުގަދަ 17 ސަލާމަތީ ފައުޖާއި އެ ގައުމުގެ ޖާސޫސީ ސިފައިން މީގެ ކުރިން އެގައުމު ކޮންޓްރޯލް ކުރަމުން ދިޔައީ ދަނގަޑު އަތްތަކަކުން ކަހަލައެވެ. މީހުން ސިފައިންގެ އަނިޔާވެރިކަމަށް ގަންނަ ބިރެއްގެ ސަބަބުން އެގައުމުގައި ކުށްކުރުމަކީ އޭރު ވަރަށް މަދުން ހިނގާ ކަމެކެވެ.

ރައީސް އަސަދު މިދިޔަ އަހަރު ދެއްވި އަފޫއާއްމުތަކުގައި ބައެއް ސިޔާސީ ކުށްވެރިން މިނިވަންވި ފަދައިން މީހުން މަރާފައިވާ ބޮޑެތި ކުށްވެރިންނާއި ވަގުން ވެސް ދޫވެފައިވާ ކަމަށް އިދިކޮޅުފަރާތްތަކުން ދެކެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވެފައި ވިޔަސް ދިމިޝްގުގެ ރައްޔިތުން ބުނާ ގޮތުގައި އެރަށުގައި ކުށްވެރިން ހަރަކާތެރި ވަނީ އެމީހުންނާ ކުރިމަތި ނުލެވޭ ފަދަ ގޮތަކަށެވެ.

ދިމިޝްގުގައި ދިރިއުޅޭ އަންހެނަކު އޭޕީ އަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ ގެއިން ވައްކަން ކުރުމަށް ބަޑި ހިފައިގެން ތިބި ތިން މީހުން އެގެއަށް ވަން އިރު އެގޭގައި ތިބީ އޭނާގެ މަންމައާއި އަށްއަހަރުގެ ފިރިހެން ކޮއްކޮ އެވެ. ވަގުން އެގޭގެ ދޮރުގައި ޖެހުމުން ދޮރު ހުޅުވީ ކޮއްކޮއެވެ. ގޭގައިވާ ހުރިހާ ފައިސާއަކާއި ގަހަނާ ކޮޅު ނުދީފި ނަމަ ބަޑިޖަހާނެ ކަމަށް ބުނުމުން 30،000 ޑޮލަރަށް ވާ އަދަދުގެ ފައިސާ އާއި ގަހަނާ އޭނާގެ މަންމަ ވަގުންނަށް ދިނެވެ.

ދިމިޝްގުގެ އެހެން މީހަކު ކިޔައިދީފައިވާ ގޮތުގައި އުމުރުން 40 އަހަރުން މަތީގެ ފިރިހެނަކު އޭނާ ވަޒީފާ އަދާކުރާ ތަނަށް ދަނިކޮށް ހަތިޔާރު އެޅި ބަޔަކު އޭނާ ކިޑްނެޕް ކުރިއެވެ. އަދި ދޫކޮށްލީ އޭނާގެ އާއިލާއިން 300،000 ޑޮލަރު ދިނުމުންނެވެ. މިފަދަ ހާދިސާތައް ދިމިޝްގުގައި ކޮންމެ ދުވަހަކުވެސް ދަނީ ހިނގަމުންނެވެ. އެގައުމުގެ އިދިކޮޅު ފަރާތްތަކާ ސަރުކާރާ ދެމެދު ހިނގާ ލޭ އޮހޮރުވުން ބޮޑު ހަނގުރާމައެކޭ އެއްވަރަށް މިފަދަ ހާދިސާތަކުގެ ބިރުވެކަން ވެސް ވެރިރަށް ދިމިޝްގުގައި ވަނީ ފެތުރިފައެވެ -- އޭޕީ