24 Jul 2010, 14:58
19:00
އެމްޓީސީސީ އަށް މިދިޔަ އަހަރު 12 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.
އެމްޓީސީސީގެ 2009 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިއަދު އާންމުކުރި އިރު އާމްދަނީގެ ބަޔާނުން ދައްކާ ގޮތުގައި 2008 ވަނަ އަހަރު 684 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ޖުމްލަ ފައިދާގެ ގޮތުގައި 140.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2009 ވަނަ އަހަރު 474 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައި ވަނީ 109 މިލިއަން ރުފިޔާ އެވެ. ނަމަވެސް ސާފު ފައިދާ ނުލިބި 12.4 މިލިއަން ރުފިޔާގެ ގެއްލުމަކާ އެމްޓީސީސީ މިދިއަ އަހަރު ވަނީ ކުރިމަތިލައިފައެވެ.
އެމްޓީސީސީގެ އަހަރީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިދިއަ އަހަރުގެ އިދާރީ ޚަރަދުތަކާއި އެހެނިހެން ޚަރަދުތައް ދަށްވިޔަސް މުދާ ވިއްކުމާއި މާކެޓް ކުރުމުގެ ޚަރަދުތައް 14 މިލިއަން ރުފިޔާ އިން 31 މިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ގެއްލުންވި ނަމަވެސް ފައިދާގެ ގޮތުގައި ހިއްސާއަކަށް 10 ރުފިޔާގެ މަގުން ޖުމްލަ 2.5 މިލިއަން ރުފިޔާ ބެހުމަށް ޑިރެކްޓަރުން ހުށަހަޅާފައިވެ އެވެ. ކުރީ އަހަރުގެ ފައިދާ އިން ހިއްސާއަކަށް ބަހާފައިވަނީ 50 ރުފިޔާ އެވެ. އެމްޓީސީސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހިއްސާދާރުންނަށް ފައިދާއެއް ދިނުމަށް މިފަހަރު ނިންމާފައި ވަނީ ކުރީ އަހަރުތަކުގައި ނުބަހާ ބަހައްޓާފައިވާ ފައިދާއިންނެވެ.