25 Mar 2012, 13:47
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ގޮނޑި ގެއްލުނު މުހައްމަދު މުސްތަފާ އަނެއްކާވެސް އެ ގޮނޑިއަށް ކުރިމަތިލެއްވުމުން، ﷲގެ އިރާދައާ އެކު މުސްތަފާ ބަލިކުރައްވާނީ އެ ދާއިރާގެ ހިމެނޭ ތިން ރަށުގެ ތެރެއިން ތިމަރަފުށީ ވޯޓުން ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އެ ދާއިރާ އަށް ނުކުންނެވި އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޝަރީފު ވަނީ ބަހުގެ ހޫނު ހަމަލާތަކެއް މުސްތަފާ އަށް ރައްދުކުރައްވައި އެ ދާއިރާގެ ރައްޔިތުންނަށް މުސްތަފާ އިހުމާލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. މުސްތަފާ އަށް ފާޑުވިދާޅުވިދާޅުވަމުން ޝަރީފު ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ރައްޔިތުން މުސްތަފާ ގެންގުޅުނީ އޭނާގެ މުށުތެއަށް ލައިގެން ކަމަށެވެ.
"ތިމަރަފުށީ ރައްޔިތުންނަށް ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑަކީ ހިދުމަތްތެރިއެކޭ. މުހައްމަދު މުސްތަފާއަކީ ވިޔަފާރިވެރިއެކޭ. ވިޔަފާރިވެރިއެއް ނަމަ ބައްލަވާނީ ނަފާ ނުކްސާނަން ނޫން ކަން މިހާރު ތަސައްވުރު ކުރެވޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ ގޮނޑި ކާމިޔާބު ކުރާނަން. މުސްތަފާބެ ތިމަރަފުށީ ވޯޓުން ބަލި ކުރާނަން،" އަރަބި ސާނަވި ތައުލީމާއި ކޮންޕެނަޓިވް ލިޓަރޭޗާ އިން ފުރަތަމަ ޑިގްރީ ސައުދީ އަރަބިއްޔާގެ ރިޔާޒުގައި ހާސިލް ކުރެއްވެވި ޝަރީފު ރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އެ ދާއިރާގެ ރައްޔިތުންނަކީ މިނިވަންވެފައިވާ ބައެއް ކަމަށާއި ތިމަރަފުއްޓަށް ބަލާލުމުން އެކަން ފެންނާނެ ކަމަށް ތިމަރަފުއްޓަށް އުފަން ޝަރީފު ވިދާޅުވި އެވެ.
~
"ތިޔަ ބޭފުޅުން ތިމަރަފުށީގެ މަލަމަތި ރީނދޫކުލައިގައި ދައްކަމުން އައި މަލަމަތި ބަދަލުވަމުން އައިތަން ނިކަން ގޮސް ބައްލަވާލައްވާށޭ. ތިމަރަފުއްޓަށް ވަންނަ ނެރުގެ ފައި ކަށި މިހާރު ހުރީ ކޮން ކުލައެއްގައިތޯ ބައްލަވާލައްވާށޭ. އަދި ތިޔަ ބޭފުޅުން އަޑުގަދަ ކުރަމުން ދިޔަ ކެންޕެއިން ޖަގަހައާ ޖެހިގެން މިހާރު ހުރީ ކޮންކުލައެއްގެ ޖަގަހައެއްތޯ ބައްލަވާލައްވާށޭ. ތިމަރަފުއްޓަށް އަޅުގަނޑު ދިއުމުން ނެރުބަންދު ކުރެވުނުބާ. ނަމަވެސް އެ ފުރުސަތެއް އަޅުގަނޑުމެންނެއް ނުދެން،" ދަރުމަވަންތަ ސްކޫލްގެ ފުރަތަމަ ޕްރިންސިޕަލްކަން ވެސް ކުރައްވައި، ތ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރައްވާފައިވާ ޝަރީފު ރޭ ވިދާޅުވި އެވެ.
މުސްތަފާއަކީ ތިމަރަފުށީ ބޭފުޅަކަށްވި ނަމަވެސް އުފަން އެޑްރެހަކީ މާލެ ކަމުގައިވުމުން ޝަރީފު ވިދާޅުވީ "އަޅުގަނޑަށް އަޅުގަނޑު ހޮވަން ވޯޓު ލެވެއޭ. މަނިކުފާނަށް މަނިކުފާނު ހޮވަން ވޯޓެއް ނުލެވެއޭ. އެހެންވީމާ ތިމަރަފުށީގެ ރައްޔިތަކީ ކާކުތޯ؟"
ރޭގެ ޖަލްސާގައި ޝަރީފުގެ ވާހަކަފުޅު މައިގަނޑުގޮތެއްގައި އަމާޒު ކުރެއްވެވީ، އެ ދާއިރާގެ އެންމެ އާބާދީ ބޮޑު ތިމަރަފުށީގެ ރައްޔިތުންނަށެވެ.
ޝަރީފު ވިދާޅުވީ ތިމަރަފުށީގައި އެއާޕޯޓެއް އެޅުމުގެ ތަސައްވުރު ތިމަރަފުށީ ރައްޔިތުންގެ ސިކުނޑިތަކަށް ގެނެސްދިނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތ. އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވެވި އިރު ކަމަށެވެ. އަދި މިއަދު އެ ހުވަފެނުގައި ކުލަ ޖެއްސެވެން އޮތީ އާ ސަރުކާރާ ގުޅިފައިވާ ޕީޕީއެމްގެ ޓިކެޓްގައި ނުކުންނަ ކެނޑިޑޭޓަށް ވޯޓްދީގެން ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް 2009 ވަނަ އަހަރު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މުސްތަފާ ތިމަރަފުށީ ގޮނޑިއަށް ނެގުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރި މީހުން މިއަދު ތިބީ ޝަރީފަށް ތާއިދު ކުރުމަށް ނުކުމެ ކެމްޕެއިންގައި ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި އެ ރައްޔިތުންނަކީ މަޖިލީހުގެ ރަން ގޮނޑިއާ އެކު ޕީޕީއެމްއަށް މަޖިލީހުގައި އައިޑެންޓިޓީއެއް ހޯއްދައިދެއްވުމަށް ތިއްބެވި ރައްޔިތުން ކަމަށެވެ.
ރޭގެ ޖަލްސާގައި ޝަރީފު ވަނީ ތިމަރަފުށީ ދާއިރާގެ ގިނަ ޒުވާނުން ޕީޕީއެމްގެ ޖަލްސާގައި ބައިވެރިކުރައްވައި އެ ޒުވާނުން އާންމުންނަށް ދައްކާލައިފަ އެވެ.