21 Jun 2022, 12:59
ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ރާއްޖެއިން އިސްނަގައިގެން ހުށަހެޅި ގަރާރު އދ.ގެ އާންމު މަޖިލީހުން ރޭ ފާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ގަރާރު އދ.ގެ މަޖިލީހަށް ހުށަހެޅުއްވީ އދ.އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ޙުސެން ކަމަށެވެ.
ގަރާރު ހުށަހަޅުއްވަމުން ތިލްމީޒާ ވިދާޅުވީ، މިއީ ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އަންހެނުންނަށްވެސް ޑިޕްލޮމެސީގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އެ ގަރާރު ފާސްވުމާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަސް ދެން ފާހަގަ ކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީގެ ގޮތުގައެވެ.
ރާއްޖެއާއެކު، އެ ގަރާރު އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި އެލް ސަލްވަޑޯ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ގަތަރު، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާ ހިމެނެއެވެ.

އދ.އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ޙުސެން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
އެ ގަރާރު 191 ގައުމަކުން ކޯ ސްޕޮންސާ ކުރިއިރު، 85 ގައުމަކުން ވަނީ ގަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ގަރާރު އެކުލަވާލުމުގެ މަސައްކަތް ފެށީ އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ބާއްވަވަމުން ގެންދަވާ "ހޮށުއަޅި ޑައިލޮގްސް" މަޝްވަރާ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައި ކަމަށެވެ.
އެ ގަރާރު ފާސްވުމާ ގުޅިގެން އާންމު މަޖިލީހާ މުޚާޠަބުކުރައްވައި ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން ސުލްހައަށް މަޝްވަރާކޮށް، ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކޮށް، ނުރައްކަލާ ތުރާތައް ގިރާކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށާއި، އެކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ޚާއްސަ ދުވަހެއް މިހާރު ކަނޑައެޅިފައިވާ ކަމަށެވެ.
މީގެ އިތުރުން އދ.ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުޙައްމަދު އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަނީ މިކަމުގައި ރާއްޖެއިން އިސްނެގިކަމަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ.