25 Mar 2012, 13:29
އުނިކުރި ސިވިލްސާވެންޓުންގެ މުސާރަ އަނބުރާ ދޭނެ ގޮތަކާއި މެދު ސަރުކާރާއި ސިވިލް ސާވިސް ކޮމިޝަނާއި (ސީއެސްސީ) އާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.
ސީއެސްސީގެ ރައީސް މުހަންމަދު ފަހުމީ ހަސަން އާދިއްތަ ދުވަހު ވިދާޅުވީ ސިވިލް ސާވެންޓްގެ ނުދީ އޮތް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީއާ އެކު ކުރެވުނު މަޝްވަރާތަކުން އެ ފައިސާ އަނބުރާ ދޭނެ ގޮތްތަކަކާ މެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އެ އެއްބަސްވުމަށް ގާނޫނީ ގޮތުން ހޯދަން ޖެހޭ ލަފާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ލިޔުމަކުން އެއްބަސްވުމެއް ނުލިބޭ. ލިޔުމުން ލިބުނީމަ އަޅުގަނޑުމެން އެގޮތްތަށް ހާމަކުރާނަން. މިހާރު ފިނޭންސް މިނިސްޓަރު ކުރިއަށް ގެންދަވަނީ އެކަމަށް ގާނޫނީ ގޮތުން ހޯދަން ޖެހޭ ލަފާތައް ހޯދުން. އެއަށް ފަހު އަޅުގަނޑުމެނަށް އެކަން ހާމަކުރެވޭނީ،" ފަހުމީ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދަށް ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ބުނެ 2009 އެއްގެ އޮކްޓޫބަރުގައި މުވައްޒަފުންގެ މުސާރަ ވަނީ ތިން މަސްދުވަހަށް ކުޑަކޮށްފަ އެވެ. ނަމަވެސް އެ މުއްދަތުގެ ފަހުން ވެސް އަދި އެފައިސާ ދޭން ކޯޓުން ހުކުމް ކުރުމުން މުވައްޒިފުންގެ މުސާރަ އިއާދަކޮށްދީފައެއް ނުވެ އެވެ. އޭރުގެ ސަރުކާރުން ބުނެފައިވަނީ އެ ފައިސާދެވެން ނެތް ކަމަށެވެ.
އިކޮނޮމިކް މިނިސްޓާ އަހުމަދު މުހަންމަދު މީގެ ކުރިން ވިދާޅުވެފައިވަނީ އެކީ އެކަށް އެއްފަހަރާ ސިވިލް ސާވެންޓުންގެ މުސާރައިން އުނިކުރި ފައިސާ ދިނުމަކީ ދަތި ކަމެއް ކަމަށާއި ބައިބަޔަށް ބަހާލައިގެން ނަމަވެސް އެ ފައިސާ ދޭނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ސިވިލްސާވެންޓުންގެ މުސާރައިގެ މައްސަލައިގައި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި އެކަންތައްތައް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
"އެކަން އަދި އޮތީ މީޑިއާއަށް ހާމަކުރެވޭ ހިސާބަކު ނޫން،" ޖިހާދު ވިދާޅުވި އެވެ.
މުވައްޒަފުންގެ މުސާރަ އިއާދަ ކުރުމަށް ސިވިލްސާވިސް ކޮމިޝަނުން މިއަހަރުގެ ބަޖެޓްގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 443.7 މިލިއަން ރުފިޔާ އެވެ. އެ ފައިސާ ވަނީ ބަޖެޓުގައި ނުހިމަނަ އެވެ.