ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ގަލޮޅު ދަނޑަށް ބަޔަކު ވަދެގަނެ ޔޯގާ ދުވަހުގެ ހަރަކާތަށް ހުރަސް އެޅި ފަރާތްތައް ހޯދައި އެ މައްސަލަ ބެލުމަށް މިހާރު ތަހުގީގެއް ފަށާފައިވާ ކަމަށެވެ.

އިނގިރޭސި ބަހުން ރައީސް ކުރެއްވި ޓުވީޓުގައި އެކަމުގައި އުޅުނު އެންމެން ވެސް ގާނޫނުގެ ކުރިމައްޗަށް ގެނެސް ފިޔަވަޅު އެޅޭނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ.

ރައީސް އެގޮތަށް ޓުވީޓު ކުރެއްވީ މިއަދު ހެނދުނު 6:30 ގައި ފެށި ޔޯގާ ދުވަހުގެ ހަރަކާތަށް ބަޔަކު ހުރަސް އަޅައި ހަމަނުޖެހުން އުފައްދައި އެތާ ތިބި މީހުންނަށް އިންޒާރުދީ އަދި މީހުންނަށް ހަމަލާ ދިނުމުގެ އިތުރުން ތަކެއްޗަށް ވެސް ގެއްލުންދިނުމާ ގުޅިގެންނެވެ.

އޭރު އެތާ ތިބި ހައެއްކަ ފުލުހުންވެގެން ޕެޕާސްޕްރޭ ބޭނުންކޮށްގެން ހަމަނުޖެހުން ހުއްޓުވާފައިވާއިރު އެކަމާ ގުޅިގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލަ މިހާރު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ މިއަދު ހިނގާދިޔަ ހަމަނުޖެހުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަހުލޫފް ވިދާޅުވީ ޔޯގާ ދުވަހަކީ 2014 އިން ފެށިގެން ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެއް ކަމަށާއި ރައީސް ޔާމީންގެ ސަރުކާރުގައިވެސް ޔޯގާ ދުވަސް ހާމަކަން ބޮޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އޭރު ހަރާމް ނުވި ކަމެއް މިހާރު ހަރާމް ވާން ނުޖެހޭ ކަމަށާއި ޔޯގާއަކީ އަޅުކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެކަމާ ދެކޮޅު ހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް މަހުލޫފް ވިދާޅުވިއެވެ.