21 Jun 2022, 10:24
ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަސްމީ ދެ ދަތުރުފުޅެއް ކެންސަލްކުރަން ނިންމާފައިވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ޚަރަދުތައް ކުޑަކުރަން އަންގައި ފިނޭންސް މިނިސްޓްރީން މަޖިލީހަށް ވެސް ސާކިއުލާއެއް ފޮނުވާފައިވާ ކަމަށާއި އެއާ އެއްގޮތަށް މަޖިލީހުން އަމަލުކުރާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ކޮމަންވެލްތަށް ދިއުމަށާއި އުޒްބަކިސްތާނަށް ދިއުމަށް އެމަނިކުފާނަށް ދަޢުވަތު ލިބިފައިވާކަމަށާއި ނަމަވެސް ސާކިއުލާގައިވާ ގޮތަށް 5000 ރުފިޔާއަށް ވުރެ ޚަރަދު ބޮޑު ދަތުރެއް ނުކުރުމަށް ނިންމާ ދަތުރު ކެންސަލްކުރަން ނިންމެވީ ކަމަށެވެ.
''ދެން އަޅުގަނޑު ގަސްތުކުރަނީ މި ދެ ދަތުރު ކެންސަލްކޮށްލަން. އެއީ މި ސާކިއުލާގަ ވަނީ 5000 ރުފިޔާއަށްވުރެއް މަތި ދަތުރެއް ނުކުރަން،'' ނަޝީދު ވިދާޅުވިއެވެ.
ދުނިޔޭގެ މަޝްރަޚަށް ބަލައި ކުރިމަތިވާ ދަތި އުނދަގޫތަކުން ސަރުކާރުގެ ޚަރަދުތައް ވެސް އިތުރުވަމުން ދާތީ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ގިނަ އިދާރާތަކަކަށް ވަނީ އަންގާފައެވެ. އަދި އެކަމަށް ޚާއްސަ ސާކިއުލާއެއް ވަނީ ފޮނުވާފައެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ޚަރަދުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި:
އޮފީސް ހިންގަން ކޮންމެހެން ބޭނުންވާ ހިދުމަތެއް ނޫނީ މިވަގުތު މުވައްޒަފުން ނުހޯދުން.
- ސްކޮލާޝިޕްތައް ނުފެށުން.
- ރާއްޖެއިން ބޭރުން ލިބޭ ހިލޭ ކުރު ކޯސްތައް ފިޔަވައި އެހެން ޓްރެއިނިންއެއް ކުރިޔަށް ނުގެންދިޔުން.
- ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ފިޔަވައި އެހެން މަރާމާތެއް ނުކުރުން.
- ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ޚަރަދެއް ފިޔަވައި ކޮންމެހެން ކުރަން ޖެހޭ ކެޕިޓަލް ޚަރަދެއް ނޫނީ ނުކުރުން
- ކޮންމެހެން ކުރަން މަޖުބޫރުވާ ކަމެއް ކުރުމަށް 5،000 ރުފިޔާއަށް ވުރެ އިތުރަށް ޚަރަދުވާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުން.