25 Mar 2012, 13:08
މީގެ 100 އަހަރު ކުރިން އެޓްލާންޓިކް ކަނޑުގެ އަޑިއަށް ދިޔަ މަޝްހޫރު ކްރޫޒް ލައިނާ "ޓައިޓޭނިކް" އަޑިއަށް ދިޔަ ހާދިސާގެ މައްޗަށް އުފެއްދި ފިލްމު "ޓައިޓޭނިކް" ޑައިރެކްޓަރު ޖޭމްސް ކެމެރަން މިހާރު ތައްޔާރުވަމުން ދަނީ ދުނިޔޭގެ އެންމެ ފުން ކަނޑުގެ އެންމެ އަޑިއަށް ދިއުމަށެވެ.
ދުނިޔޭގެ ކަނޑުތަކުގެ ތެރެއިން އެންމެ ފުން ކަމަށް މަޝްހޫރު ތަންކަމަށްވާ މަރިއާނާ ޓްރެންޗްގެ އެންމެ އަޑިއަށް ޖޭމްސް ކެމެރަން ދަތުރުކުރުމަށް އުފެއްދި ސަބްމެރިން "ޑީޕްސީ ޗެލެންޖާ" މިހާރު ވަނީ އޭގެ ޓެސްޓް ދަތުރު ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފަ އެވެ.
ނެޝަނަލް ޖިއޮގްރަފިކް ޗެނަލްއަށް ކެމެރަން ބުނެފައިވާ ގޮތުގައި ހާއްސަގޮތަކަށް އުފައްދާފައިވާ ސަބްމެރިން ޓެސްޓް ޑައިވެއްގައި މަރިއާނާ ޓްރެންޗްގެ ހަތް މޭލު އަޑިއަށް ވަނީ ކާމިޔާބުކަމާއެކު ދަތުރުކޮށްފަ އެވެ. އަދި އެއަށް ފަހު އޭނާގެ ޓީމުން ވަނީ އެ ސަބްމެރިން އަނބުރާ ގެނެސްފަ އެވެ.
ކެމެރަން ބުނާ ގޮތުގައި ހުރިހާ ކަމެއް ރަނގަޅަށް ގޮސްފި ނަމަ އެ ސަބްމެރިންގައި، ޕެސިފިކް ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ގުއާމްއާ 200 މޭލު ދުރުން މަރިއާނާ ޓްރެންޗްގެ އަޑީގައި އޭނާ ގާތްގަނޑަކަށް ހަ ގަޑިއިރު ހޭދަކުރާނެ އެވެ.
މަރިއާނާ ޓްރެންޗްގެ އަޑިއަށް މީގެ ކުރިން ދިޔަ ހަމައެކަނި ދެ މީހުންނަކީ ސްވިޒަލޭންޑްގެ އިންޖިނިއަރު ޖެކްސް ޕިކާޑާއި އެމެރިކާގެ ކަނޑުގެ ސިފައިންގެ ކެޕްޓަން ޑޮން ވޭލްޝް އެވެ. 1960 ވަނަ އަހަރު އެދެމީހުން ކުރި ދަތުރުގައި 20 މިނެޓް ހޭދަކުރި އިރު އެމީހުން ދަތުރުކުރި ސަބްމެރިން އިން ކަނޑު އަޑީގެ ވެލިގަނޑު ނެގުމުގެ ސަބަބުން އެއްވެސް ތަނެއް ފެނިފައެއް ނުވެއެވެ.