20 Jun 2022, 23:29
މިމަހުގެ އެއްވަނަ ދުވަހު ސ. ފޭދޫގައި މާރާމާރީ ހިންގައި ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމަހުގެ އެއް ވަނަ ދުވަހު މެންދަމު ހިންގި އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބު ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރުވީ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުޙައްމަދު ޒަޔާން މޫސާއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާކަމަށެވެ. އެއީ އުމުރުން 18 އަހަރުގެ ދެ މީހަކާއި، 22 އަހަރުގެ މީހެއް އަދި 24 އަހަރުގެ މީހެކެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 18 އަހަރުގެ މީހަކާއި 22 އަހަރުގެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ. އަދި 24 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު 18 އަހަރުގެ އެކަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ.
އެ މައްސަލާގައި ފުލުހުންވަނީ މިމަހުގެ ހަވަނަ ދުވަހު 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކު ވެސް ހައްޔަރުކޮށްފައެވެ.
އައްޑޫ ސިޓީގައި މާރާމާރިތައް އިތުރުވާތީ އައްޑޫ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް، އަމާންކަން ގާއިމްކޮށްދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.
އައްޑޫ ސިޓީގައި ޖުމްލަ 12 ގޭންގެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ އިތުރުން އައްޑޫގައި މަސްތުވާތަކެތީގެ މައްސަލައާއި ކުދި ކުށްތައް ކުރާ މީހުންގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.