20 Jun 2022, 23:04
ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު އިނާޒު އައްޔަން ކޮށްފިއެވެ.
ރައީސް ނަޝީދު ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިނާޒު ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންކަމަށް އައްޔަން ކޮށްފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އާތިފާ އަލީގެ ދައުރު ހަމަވުމުންނެވެ.
ޕެންޝަން އޮފީހުގެ ބޯޑަށް މީހުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް އެ ބޯޑުގެ ޗެއާޕާސަން އާއި ބޯޑު މެމްބަރުން އައްޔަންކުރަނީ ސިވިލް ސާވިސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީއާއި ސޯޝަލް ސެކިއުރިޓީގެ ކަންތައް ބަލަހައްޓާ މިނިސްޓްރީއަކުން ގުޅިގެން އުފައްދާ ކޮމިޓީއަކުން ރައީސަށް ފޮނުވާ ނަން ލިސްޓަކުންނެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އެ މަގާމުން އިސްތިއުފާ ދެއްވީ ގަދަކަމުން އެމްޑީޕީގެ ހަރުގެއަށް ވައްދައި ހިންގި ހަމަނުޖެހުމަކަށް ފަހުއެވެ. ޕާޓީއަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުގައި 2011ވަނަ އަހަރު އެ ހަމަނުޖެހުން ހިންގާފައިވަނީ އެ ޕާޓީގެ އެކްޓިވިސްޓުން ތަކެކެވެ.