25 Mar 2012, 12:44
ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން، އައްޔުބޭ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ މީހަކު ކުށަށް އިއުތިރާފް ވެއްޖެ އެވެ. އިއުތިރާފުވެފައި ވަނީ އައްޔުބެއަށް ދޮންކާފަ ކިޔާ އެރަށު މާވެލި، އިބްރާހިމް ވަސީމެވެ.
އައްޔުބޭ މަރާލި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައި ވަނީ ތިން މީހެއްގެ މައްޗަށެވެ. އެއީ ކުޑަހުވަދޫ، ފަނަސް، ފައުޒާން މުހައްމަދު އާއި އެރަށު ރަނަކުރި އިބްރާހިމް މާޖިދާއި އައްޔުބެއަށް ދޮންކާފަ ކިޔާ ވަސީމްގެ މައްޗަށެވެ.
އެމީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ ކުރިއިރު އަނެއް ބައި މީހުންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.
މިއަދު ބާއްވާފައި ވަނީ ހަމައެކަނި އިބްރާހިމް ވަސީމްގެ ޝަރީއަތެވެ. ދައުލަތުން ދައުވާ ހުށަހެޅުމާއި އެކު އޭނާ ވަނީ އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް އެއްބަސްވެފައެވެ.
ދައުވާ ހުށަހެޅުމުން ގާޒީ އޭނާ ގާތުގައި ދައުވާއާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނާ ބުނީ ދައުވާ ރަނގަޅު ކަމަށާއި އެއީ އޭނާ ކުރިކަމެއް ކަމަށެވެ. އޭނާގެ ޝަރީއަތް އަވަސް ކޮށްދިނުމަށް އެދޭ ކަމަށް ވެސް ބުންޏެވެ. މައްސަލަ ކުރިއަށް ގެންދިއުމަށް ވަކީލަކު ބޭނުން ނުވާ ކަމަށް ވެސް ބުންޏެވެ.
"ދައުވާއާއި ދޭތެރޭ ބުނާނީ ރަނގަޅޭ! އަޅުގަނޑު ކުރިކަމެކޭ،" އޭނާ ބުންޏެވެ.
ދައުލަތުން ކުރި ދައުވާގައި ބުނަނީ އައްޔުބޭ މަރާލާފައި ވަނީ އެރަށު ހުދުއަޅި، ކިޔާ ފަޅު ގޯއްޗަކަށް ވެއްދުމަށް ފަހު ކަމަށެވެ. އެ ގޯއްޗަކަށް ވެއްދުމަށް ފަހު އައްޔުބެ މަރާލާފައި ވަނީ މެޔަށް ދަގަނޑު ޖަހައި ތޫނުއެއްޗަކުން ކަރު ބުރިކޮށްލުމަށް ފަހު ކަމަށެވެ. އައްޔުބޭ މަރާލި ގޮތް ކަމަށް ވަސީމް ބުނެފެއިވާ ގޮތް ހިމެނޭ ތަފުސީލު ބަޔާނެއް ވަނީ މިއަދު ޝަރިއަތަށް އިއްވާފަ އެވެ. ނަމަވެސް ކޯޓުން މިއަދު ބުނީ މި މައްސަލައިގައި ތަހުގީގު އަދިވެސް މުޅިން ނުނިމޭތީ އައްޔުބޭ މަރާލި ގޮތުގެ ތަފުސީލުތައް އާންމު ނުކުރުމަށެވެ.