ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރު، ގުޅިގެން ޔޯގާ ދުވަސް ފާހަގަކުރުމަށް ހިންގަން އުޅުނު ހަރަކާތަށް ރަސްފަންނު ދޫނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ ސްޕޯކްސްޕާސަން މަރިޔަމް ޝިއުނާ ސަން އަށް މިއަދު ވިދާޅުވީ ހަރަކާތްތަކަށް ރަސްފަންނަކީ ދޫކުރާ ތަނެއް ނަމަވެސް އާންމުގެ ގިނަ ޝަކުވާތަކާއެކު މިހާރު އެތަން ޔޫތު މިނިސްޓްރީގެ އެ ހަރަކާތަށް ދޫނުކުރަން ނިންމާފައިވާ ކަމަށެވެ.

"އެކި ހަރަކާތްތަކަށް އެ ސަރަޚައްދު ދެން. ނަމަވެސް ވަރަށް ގިނަ ފަރާތްތަކެއްގެ ޝަކުވާ އެއްކަމަކާ ގުޅިގެން އައުމުން އެ ހަރަކާތަށް އެކަނި އެތަން ނުދޭން ނިންމީ،" ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން އަބަދުވެސް ރައްޔިތުންގެ ޚިޔާލާ އެއްގޮތަށް ނިންމުންތައް ނިންމަން މަސައްކަތްކުރާ ކަމަށެވެ. އެހެންކަމުން ޔޯގާޑޭގެ ހަރަކާތްތަކާ ބެހޭ ގޮތުން އެކި ފަރާތްތަކުގެ އެކި ކަހަލަ ޝަކުވާތައް ލިބެމުން ދާތީ، ރަސްފަންނު ނުދޭން ނިންމީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާންމުންގެ ޝަކުވާތަކާއެކު ސިޓީ ކައުންސިލުން އެ ގޮތަށް ނިންމާފައިވާއިރު މާދަމާ ފާހަގަކުރާ ޔޯގާ ޑޭގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން އިލްމުވެރިންގެ ގުޅުމުން މިއަދު ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި އެ ޖަމިއްޔާއިން ވަނީ ޔޯގާ އަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނާއި ޚިލާފަށް ކުރެވޭ ނުރައްކާތެރިކަމެއް ކަމަށް ބުނެފައެވެ. އަދި މާދަމާ ޔޯގާ ޑޭ ފާހަގަކުރުމަށް ހިންގޭ ހަރަކާތްތައް ހުއްޓުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޖަމިއްޔާއިން ވަނީ މިނިސްޓްރީގައި އެދިފައެވެ.