25 Mar 2012, 12:16
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިނާޔަތް ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ދައުލަތުގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ވިދާޅުވެއްޖެ އެވެ.
ދިޓިވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބު އާޒިމާ ރޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅަކަށް، ގާނޫނު އަސާސީގައި އިނާޔާތާއި ރައްކާތެރިކަން ދޭން ޖެހޭނެ ކަމަށް ބުނެފައިވާ ގޮތުން، އެއްދައުރު ފުރިހަމަނުކުރައްވައި ރައީސަކު އިސްތިއުފާ ދެއްވައިފި ނަމަ، 50،000ރ. ލިބިވަޑައި ނުގަންނަވާނެ ކަމަށާއި ނަމަވެސް އެފަދަ ބޭފުޅަކަށް ވެސް އެހެނިހެން އިނާޔަތުގެ ދަށުން ދެވެން ޖެހޭ ރައްކާތެރިކަމާއި އެހެނިހެން ހައްގުތައް ލިބިދޭން ޖެހޭ ކަމަށެވެ.
"ގާނޫނީ ގޮތުން ކޮންމެ ބޭފުޅަކަށް ވެސް ލިބެން ޖެހޭ ހައްގު ލިބެން ޖެހޭނެ. އަޅުގަނޑު އޮންނާނީ މިވާހަކަ ދައްކާފައި. ގާނޫނީ ގޮތުން ރައީސް ނަޝީދަށް ވެސް ލިބެން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ލިބެން ޖެހޭ. އެކަން ސަރުކާރުން ޔަގީން ކުރާނެ،" އާޒިމާ ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭން ޖެހޭ އިނާޔަތާއި ރައްކާތެރިކަން ދޭން ޖެހޭ ގާނޫނުގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ހަތަރު ބާވަތެއެއްގެ އެލަވަންސް ދެއްވަން ޖެހޭ ކަމަށް ބުނެފައިވާ އިރު މިހާތަނަށް ކުރީގެ ރައީސް ނަޝީދަށް ލިމިޓްވެގެން ދަނީ އެއް ދައުރު ފުރިހަމަ ނުކުރައްވާތީ އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ 50000ރ. މުސާރަ ކަމަށެވެ.
"ރައީސުލްޖުމުހޫރިއްޔާ ކަން ކޮށްފައިވާ ބޭފުޅަކަށް ދޭން ޖެހޭ އިނާޔަތާ ބެހޭ ގާނޫނުގައި ބުނެފައިވައިވާ ގޮތުން މުސާރައަކާއި ހައުސިން އެލަވަންސަކާއި އެބޭފުޅަކު މުޖުތަމައުއަށް ފައިދާ ހުރި ކަމެއް ކުރައްވާ ކަމުގައި ވަނީ ނަމަ ލިބިދެވޭ އެލަވަންސާ އެއާ އެކު ލިބިދެވޭ ސެކިއުރިޓީ. ހަތަރު ވައްތަރެއްގެ އިނާޔަތް އެބައުޅޭ، ރައީސްކަން ކޮށްފައިވާ ބޭފުޅަކު އެއްދައުރު ފުރިހަމަ ނުކުރަންޏާ ހަމައެކަނި ނުލިބެނީ 50000 ރުފިޔާ،" އާޒިމާ ވިދާޅުވި އެވެ.
ބަންޑާރަނައިބު ވިދާޅުވީ ކިތަންމެ ކުޑަކުދަވަސްކޮޅެއް ނަމަވެސް ރައީސުލްޖުމުހުރިއްއްޔާ ކަން ކުރައްވައި ނަމަ އެބޭފުޅަކަށް ހައުސިން އެލަވަންސާއި މުޖުތަމައުއަށް ފައިދާ ހުރި ކަމެއްކުރައްވާ ނަމަ ލިބިދެވޭ އެލެވެންސާއި ސެކިއުރިޓީ ލިބިލައްވާނެ ކަމަށެވެ.
ރައީސުލްޖުމުހުރިއްޔާ ކަން ކުރައްވާފައިވާ ފަރާތަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދަގެ (ހ)ގައި ބުނެފައި ވަނީ ރައީސުލްޖުމުހޫރިއްޔާކަން އެއް ދައުރު ކޮށްފައިވާ މީހަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50000ރ. ދައުލަތުން ދޭންވާނެ ކަމަށެވެ. އަދި ރައީސުލް ޖުމުހުރިއްޔާކަން އެއް ދައުރަށް ވުރެ ގިނަ ދައުރު ކޮށްފައިވާ މީހަކަށް 75000 ރުފިޔާ ދައުލަތުން ދޭންވާނެ ކަމަށެވެ.
ގާނޫނޫ އަސާސީގެ 107 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރައީސުލުޖުމުހުރިއްޔާ ކަމުގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށެވެ.