ސޯލާޕެނަލް ހަރުކުރަން ގޭގެ ފުރާޅު ކުއްޔަށްދީގެން އާމްދަނީ ހޯދޭނެ ސްކީމެއް ސްޓެލްކޯއިން ތައާރަފްކޮށްފިއެވެ.

"އަވިކަތަ" ގެ ނަމުގައި ފަށާ އެ ސްކީމް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯގެ 25ވަނަ އަހަރީދުވަހާ ގުޅިގެން ދަރުބާރުގޭގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ސްކީމް މެދުވެރިކޮށް އާމުދަނީ ހޯދުމުގެ ފުރުސަތު އަންނަ މަހުން ފެށިގެން އެންމެންނަށް ވެސް ހުޅުވާލާނެއެވެ.

އެ ސްކީމުގައި ބައިވެރިވުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި، ފުރާޅުގައި މަދުވެގެން 100 އަކަފޫޓު ހުރުމާއި ފުރާޅަށް ފަސޭހައިން އަވި ލިބުން އަދި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުރުން ހިމެނެއެވެ.

އެ ސްކީމްގެ ސަބަބުން ފައިސާ ލިބުމުގެ އިތުރުން ފަސޭހައިން ކުލި ލިބުމާއި، ސޯލާ ޕެނަލް ހަރުކޮށް މަރާމާތުކުރުމަށް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. އަދި މިއީ އެކަމުގެ ސަބަބުން ތިމާވެއްޓަށް އެތައް ފައިދާއެއްކުރާ ތިމާވެއްޓާ ރަހުމަތްތެރި ސްކީމެކެވެ.

އެ ސްކީމުގައި ބައިވެރިވާން އެދޭ މީހުންAvikatha@stelco.com.mv އަށް އީމެއިލް ކޮށްގެން ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

އެ މަޝްރޫއުގައި ބައިވެރިވާން އެދި ފޯމު ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ހުށަހެޅުންތައް ބެލުމަށްފަހު ސްޓެލްކޯއިން ލޮކޭޝަން ދިރާސާކުރާނެއެވެ. އަދި އެމީހެއްގެ ހުށަހެޅުން ބަލައިގަންނަނަމަ އެ މީހަކާ ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. އެއަށްފަހު ސްޓެލްކޯއިން ކުރިއަށް ގެންދާނީ ސޯލާޕެނަލް ހަރުކުރުމުގެ މަސައްކަތެވެ.

އެ މަރުހަލާއަށްފަހު ކޮންމެ މަހަކުވެސް ކުލީގެ ފައިސާ ކަނޑައެޅިފައިވާ ބޭންކް އެކައުންޓަކަށް ސްޓެލްކޯއިން ޖަމާކުރާނެއެވެ.

ސްޓެލްކޯގެ ސޯލާ ސެންޓަރުގެ ނަންބަރަށް ގުޅައިގެން އެ މަޝްރޫއާ ބެހޭ މައުލޫމާތު ސާފުކުރެވޭނެއެވެ.

އަވިކަތަ މަޝްރޫއަކީ ރާއްޖޭގައި އިޔާދަނިކުރުވަނިވި ހަކަތަ އުފެއްދުން އިތުރުކުރުމަށް ސްޓެލްކޯއިން ކުރާ މަސައްކަތް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި އިފްތިތާހުކުރި މަޝްރޫއެކެވެ.

އެގޮތުން މިއަހަރު އެ ކުންފުނިން ވަނީ އާ ސޯލާ ސެންޓަރެއް ވެސް އުފައްދައި ރާއްޖޭގެ އެކި ހިސާބުތަކަށް އެ ޚިދުމަތް ފުޅާކޮށްފައެވެ.