އަތޮޅުތެރޭ ރަށްރަށުގައި ހުރި ދަތިތައް ހައްލުކުރުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރުމުގައި ސަރުކާރު ކުންފުނިތަކުގެ ހިއްސާ ބޮޑުކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސްޓެލްކޯގެ ދައުރު ވެސް ބޮޑުކަމަށެވެ. އެގޮތުން ސްޓެލްކޯއަކީ މުޖުތަމައުއަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސްޓެލްކޯގެ މަސައްކަތްކަށް ބަލާއިރު މާލޭގެ އިތުރުން ގާތްގަނޑަކަށް 35 ރަށެއްގައި ކަރަންޓުގެ ޚިދުމަތް ދޭ. ހަމައެއާއެކު ފެނާއި ނަރުދަމާގެ ޚިދުމަތް ވެސް ސްޓެލްކޯއިން ފޯރުކޮށްދޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އެއްވެސް މީހަކު މުޖުތަމައުގައި ބާކީ ނުކުރުންކަމަށެވެ. އެގޮތުން ސްޓެލްކޯގައި މިހާރުވެސް ގާތްގަނޑަކަށް 35 ނުކުޅެދުންތެރިކަން ހުރި މުވައްޒަފުން މަސައްކަތް ކުރާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި މަސައްކަތުގެ މާހައުލުގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުން ބަކީނުކޮށް، އެމީހުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ.

"ފުރާ ފުރިހަމަ އެއްވެސް މީހަކީ އެންމެ މޮޅު މީހެއް ނޫން، އެންމެން ވެސް އެހީތެރިކަން ބޭނުންވޭ،" ނައިބު ރައީސް ވިދާޅުވިއެވެ.

ސްޓެލްކޯއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް މަސައްކަތް ދަސްކޮށްދީ ވަޒީފާގެ ފުރުސަތުތައް ހޯދައިދޭން ޚާއްސަ މަސައްކަތްތަކެއް ކުރެއެވެ. އެކަމާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ޒުވާނުން އަލުން މުޖުތަމައުއަށް ގެނެސް ބޭނުންތެރި ބަޔަކަށް ހަދަން މަސައްކަތް ކުރަންޖެހޭކަމަށެވެ. އަދި ސްޓެލްކޯއިން އެއްވެސް މީހަކު ބާކީނުކޮށް ކުރާ މަސައްކަތަށް ނައިބު ރައީސް ތައުރީފްކުރެއްވިއެވެ.

ސްޓެލްކޯއަށް 25 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވަނީ އެ ކުންފުންޏަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްދެއްވި މުއައްޒަފުންނާއި އެންމެ ޚިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށްފައެވެ.