ރާއްޖެ އާއި މޮރޮކޯ އާއި މޮރިޝަސް ގުޅިގެން އދ. ގެ ހިއުމަންރައިޓްސް ކައުންސިލްގައި އާ ޓްރަސްޓް ފަންޑެއް ގާއިމްކޮށްފި އެވެ.

އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގައި ހިމެނޭ 111 ސްޕޮންސާއާ އެކު ހުކުރު ދުވަހު ގާއިމް ކުރި މިފަންޑް ގާއިމްކުރުމުގެ ގަރާރު ފާސްކޮށްފައި ވަނީ އދ.ގެ ހިއުމަންރައިޓްސް ކައުންސިލްގެ އެ ދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ އިއްތިފާގުންނެވެ.

އެ ފަންޑުގެ ބޭނުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ސިސްޓަމްގެ ތެރެއިން ކުދި ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް އެންމެ ރަނގަޅު ފައިދާ ހޯދައި ދިނުމެވެ.

ޓްރަސްޓް ފަންޑް އުފެއްދުމުގެ ގަރާރު ހުށައަޅުއްވަމުން، ރާއްޖެ އިން ހިއުމަންރައިޓްސް ކައުންސިލަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އިރުތިޝާމް އާދަމް ވިދާޅުވީ ފައިސާ އާއި އިންސާނީ ވަސީލަތާއި ފަންނީ ގޮތުން ކުރިމަތިވާ ދަތިކަމުގެ ސަބަބުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ސިސްޓަމްގެ ތެރެއިން ލިބެންވާ ފުރިހަމަ ފައިދާ ކުދި ޖަޒީރާ ގައުމުތަކަށް ނުލިބޭ ކަމަށެވެ.

އެކަމަނާ އަދި ވިދާޅުވީ މިފަންޑުގެ ސަބަބުން ހިއުމަންރައިޓްސް ކައުންސިލްގައި ހިނގާ ބަހުސްތަކާއި އެކައުންސިލްގެ ނިޒާމުތަކުގެ ތެރޭގައި ރަނގަޅު މަގާމު ކުދި ގައުމުތަކަށް ލިބުމަށް އެހީއަކަށް ވާނެ ކަމަށެވެ.

ކުދި ގައުމުތަކުގެ ޓްރަސްޓް ފަންޑުން ކުދި ޖަޒީރާ ގައުމުތަކަށާއި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކޮށްދޭނެ ކަންތައްތަކުގެ ތެރޭގައި އެ ގައުމުތަކުގެ ފޮރިން މިނިސްޓްރީގެ ޖޫނިއަ ސްޓާފުން ތަމްރީނު ވުމުގެ ގޮތުން ތިން މަސް ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ.

އަދި ހިއުމަންރައިޓްސް ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުމަށް ކުދި ގައުމުތަކަށް ފައިސާގެ އެހިތެރިކަން ދިނުމަކީ ވެސް އެފަންޑުން ކުރާނެ ކަމެކެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނޫތަކާއި އދ.ގެ ހިއުމަންރައިޓްސް ކައުންސިލް ހިނގާ ގޮތާ ބެހޭ ގޮތުން މައުލޫމާތުދީ ކުދި ގައުމުތަކުގެ ޑިޕްލޮމޭޓުންގެ ގާބިލްކަން އިތުރުކުރުމަކީ ވެސް އެފަންޑުން ކުރަން ހަމަޖެހިފައިވާ ކަމެކެވެ.

މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް ދުންޔާ މައުމޫނު ވިދާޅުވީ އެ ފަންޑުގެ ސަބަބުން ރާއްޖެ އާއި ކުދި އެހެން ގައުމުތަކުގެ ގާބިލުކަން އިތުރުވެ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ނިޒާމުގައި ފުރިހަމައަށް ބައިވެރިވެ އިންސާނީ ހައްގުތައް އަދާކުރުމަށް އެހީތެރިކަމަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.