19 Jun 2022, 13:25
ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ށ. ފުނަދޫއާއި ނ. ހޮޅުދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފިއެވެ.
އެ ދަތުރުފުޅަކީ މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޖަލްސާއާއި މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މޭނާ ސްކޫލްގެ އަލިމަސްޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ރައީސް ޞާލިޙު ކުރެއްވި ދަތުރުފުޅެކެވެ.
އެންމެ ފުރަތަމަ މިދިޔަ ހުކުރު ދުވަހު ރައީސް ވަޑައިގެންނެވީ ށ. ފުނަދޫއަށެވެ. އަދި ރައީސް ވަނީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ސްކޫލުގައި ބޭއްވި އެސްކޫލުގެ ރަންޔޫބީލް ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައެވެ.
އެ ޖަލްސާ ޝަރަފުވެރިކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ސްކޫލުގެ 50 އަހަރުގެ ދިގު ތާރީޚުގައި ބިނާކޮށްދީފައިވާ އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.
"ފުނަދޫ ސްކޫލަށް 50 އަހަރު ފުރިގެން ދިޔައިރު މި ސްކޫލް ވަނީ މުޖުތަމައަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދީފަ. އެއީ އިންސާނީ ވަސީލަތްތައް ބިނާކުރުން. ފުނަދޫ ސްކޫލުން ދަރިވަރުވި އެތައް ބަޔަކު މިރަށާއި މި ސަރަޙައްދުގެ އެކި އިދާރާތަކުގެ އިސް މަގާމުތަކެއްގައި މިހާރު ވެސް އެ ގެންދަވަނީ ޚިދުމަތް ކުރައްވަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ އެ ރަސްމީ ދަތުރުފުޅުގައި ނ. ހޮޅުދޫއަށް ރައީސް ވަޑައިގެންނެވީ އިއްޔެއެވެ. ރައީސް ވަނީ ހޮޅުދޫ މޭނާ ސްކޫލުގެ އަލިމަސްޔޫބީލް ހަނދާނީ ބިނާ އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން އެސްކޫލުގެ އަލިމަސްޔޫބީލް ޖަލްސާ ވެސް ޝަރަފްވެރިކޮށްދެއްވާފައެވެ.
އެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި މަތީ މަގާމެއް ހާސިލުކޮށްފައިވާ ސްކޫލެއް ކަމަށެވެ.
"މޭނާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި ވަރަށް މަތީ މަގާމެއް ހާސިލްކޮށްފައިވާ ސްކޫލެއް. މި ސްކޫލްގެ އެންމެ ބޮޑު ކާމިޔާބަކީ، ގައުމަށް ޚިދުމަތްކުރާ މޮޅެތި ދަރިންތަކެއް މި ސްކޫލުން ބިނާކޮށްދީފައިވުން،" އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ އެ ދަތުރުފުޅުގައި އެ ދެ ރަށުގެ ރަށުކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާ ބައްދަލުކުރައްވައި އެރަށްރަށުގެ ތަރައްގީއާ ގުޅޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
މިލަދުންމަޑުލަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގެންނެވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.