މި ސަރުކާރުގެ ކޮމިއުނިކޭޝަންސް މިނިސްޓްރީގައި ކުރިން ހުންނެވި މުޙައްމަދު މަލީހު ޖަމާލު ހިމެނޭހެން، އިދިކޮޅު ޕީޕީއެމްގެ ކައުންސިލަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.

ޖުމްލަ 17 މެންބަރުން އިންތިޚާބު ކޮށްފައިވާއިރު ކައުންސިލްގައި ހިމެނެނީ އަންހެން ފަސް މެންބަރުންނާއި 12 ފިރިހެން މެންބަރުންނެވެ.

އިންތިޚާބުވި ބައެއް މެންބަރުންނަށް ބަލާއިރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އާއި އޭރުގެ އެންވައިރަމެންޓް މިނިސްޓަރު ޠާރިގް އިބްރާހީމް ހިމެނެއެވެ.

ޕީޕީއެމްގެ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިލެކްޝަންގެ ތެރެއިން--- ފޮޓޯ/ ޕީޕީއެމް

އެ ކައުންސިލަށް ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަދި މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަޙްމަދު އައިފާން ވެސް ވަނީ އިންތިޚާބުވެފައެވެ.

ހޮވިފައިވާ ބައެއް އަންހެން މެންބަރުންގެ ތެރޭގައި ކުޑަކުދިންގެ ހިޔާގެ ކުރީގެ ސީއީއޯ އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒު އަދުނާން އަދި ކުރީގެ ޑެޕިއުޓީ އެޑިއުކޭޝަން މިނިސްޓަރު ޝެރީނާ ޢަބްދުއްޞަމަދު ހިމެނެއެވެ.

ޕިޕީއެމްގެ ކައުންސިލް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި އަންހެނުންނަށް ޚާއްޞަ ފަސް ގޮނޑިއަށް 27 މީހަކު ވާދަ ކޮށްފައިވެއެވެ. އަދި ބާކީ 12 ގޮނޑިއަށް 85 މީހަކު ވާދަކޮށްފައިވެއެވެ.