19 Jun 2022, 09:27
ނ. ހޮޅުދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ 30 ހައުސިން ޔުނިޓް އެ ރަށުގެ އިހްތިސޯސްގެ ތެރޭގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހޮޅުމީދޫގައި އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ހޮޅުދޫގައި 30 ހައުސިން ޔުނިޓް އެޅުމަށް މި ސަރުކާރުން ނިންމައި އެކަން އިއުލާން ކޮށްފައިވަނީ, މި އަހަރުގެ އޭޕްރީލް މަހުގައެވެ.
ނަމަވެސް ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ހޮޅުދޫގެ ގިނަ ރައްޔިތުން ބޭނުންވަނީ އެ ހައުސިން ޔުނިޓްތައް ހޮޅުމީދުގައި އެޅުމަށެވެ. އަދި އެކަން ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް ދަންނަވާފައެވެ.
ހޮޅުދޫ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ އެ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, އެ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ހޮޅުދޫގެ ފަޅުގެ ޖާގަ ނެތުމުން ބިން ހިއްކައިގެން ބޯހިޔާވަހިކަމަށް ހައްލު ގެނެވެން ނެތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިރަށުގެ ރައްޔިތުން ބޭނުންވަނީ މި ރަށުގައި އަޅަން ސަރުކާރުން މިވަގުތަ ނިންމާފައި އޮތް 30 ހައުސިން ޔުނިޓް މިރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް އެ ރަށް އާބާދުކުރަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން," ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް، ނ. ހޮޅުދޫ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް
ހޮޅުމީދޫގައި ހައުސިން ޔުނިޓްތައް އަޅަން ނިންމާފައިވާކަން އިއުލާނު ކުރެއްވުމަށްފަހު ރައީސް ވަނީ އެ ރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެނަފައެވެ.
މީގެ ކުރިން ހޮޅުދޫގައި ބިން ދަތިވުމުގެ ސަބަބުން މީހުން ދިރިއުޅުމަށްޓަކައި ހޮޅުމީދޫ ކަނޑައަޅައިދޭން އެ ރަށު ރައްޔިތުން އެދުމުން، 2002 ވަނަ އަހަރު އޭރުގެ އެޓޯލް މިނިސްޓްރީން އެ ރަށް އެއީ ހޮޅުދޫގެ އިހްތިސާސް ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައެޅިއެވެ. އެކަަަމަކު ރަސްމީ އެއްވެސް ލިޔުމަކުން އެކަން އެނގޭކަށް ނެތެވެ.
އެހެން އެކަން އޮއްވައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ވެރިކަމުގައި އެ ރަށަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައެޅި ނަމަވެސް ރަށެއްގެ ކައުންސިލްގެ އިހްތިސާސަކީ އެ ރަށާއި އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށް ވުމުން، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެ ރަށަކީ ހޮޅުދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅޭނެ ޖާގައެއްނެތެވެ.
ހޮޅުމީދޫ އޮންނަނީ ހޮޅުދޫއާ 750 މީޓަރު ދުރުގައެވެ.
ކަންމިހެން އޮއްވައި ހޮޅުމީދޫއަކީ ހޮޅުދޫގެ އިހްތިސޯސްގެ ބައެއް ކަމަށް ކަނޑައަޅައިފައިވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި، ރައީސް ޞާލިޙަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި ހާއްސަ ގަރާރަކުންނެވެ.
ހޮޅުދޫ ކައުންސިލްގެ ރައީސް ރިޟްވާން މުޙައްމަދު 'ސަން' އަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތް ކަމަށާއި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.