18 Jun 2022, 23:57
ރަށް ރަށުގައި ފަންނީ އެތައް ވަޒީފާތަކެއް އުފެދެމުން އަންނައިރު އެ ރަށަކަށް ނިސްބަތްވާ ރައްޔިތުން އެ ވަޒީފާތަކަށް ހަމަޖެހުމަކީ ރަށަށް ތަރައްގީ ލިބޭނެ ކަމެއް ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ނ. ހޮޅުދޫ މޭނާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އެ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ, އަސާސީ ޚިދުމަތްތައް ތަރައްގީކުރުމަށް މިހާރު ހިންގާ މަޝްރޫއުތައް ނިމެމުންދާ ވަރަކަށް ރަށް ރަށުގައި ފަންނީ އެތައް ވަޒީފާއެއް އުފެދިގެން އަންނާނެ ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ އެފަދަ ކޮންމެ [ފަންނީ] ވަޒީފާއަކަށް އެ ރަށެއްގެ ތައުލީމީ ދިވެހި ޒުވާނެއް ހަމަޖެހިގެން ދިއުން. އަޅުގަނޑުމެން މިއެދޭ ހަގީގީ ތަރައްގީ ރަށް ރަށަށް ލިބިގެންދާނީ އޭރުން," ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ, ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ ކަމަށެވެ.
އެގޮތުން ކްލާސް ރޫމްތައް އިތުރުކުރުމާއި، މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމާއި، ސައެންސް ލެބޯޓެރީތަކާއި އޮފީސް ޢިމާރާތްތައް ހެދުމުގެ މަސައްކަތް ވެސް އެކި ސްކޫލްތަކުގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އެ މަޝްރޫޢުތައް ނިމުމުން ސްކޫލްތަކުގައި ހުރި ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ޙައްލެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ," ރައީސް ޞާލިޙު ވިދާޅުވިއެވެ.
މި ސަރުކާރުގެ ފަސް އަހަރުގައި 40،000 ވަޒީފާ އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.