ސޯލް (މާޗް 25): ދުނިޔޭގެ އެކި ޤައުމުތަކުގެ އެތައް ހާސްބަޔަކު ބައިވެރިވެގެން ދެކުނުކޮރެޔާގައި އެއްފަހަރާ 2500 ކައިވެނި ކޮށްފި އެވެ.

އެއްވަގުތަކު ކުރި އެކައިވެނިތަކުގައި 50 ޤައުމަކުން 2500 ފިރިހެނުންނާއި 2500 އަންހެނުން ބައިވެރިވި އެވެ. ކައިވެނީގެ މިބޮޑު ރަސްމިއްޔާތު ބާއްވާފައި ވަނީ ދެކުނުކޮރެޔާގެ ވެރިރަށް ސޯލްގެ ބޮޑު ސްޓޭޑިޔަމެއްގަ އެވެ. އެ ރަސްމިއްޔާތު ވަނީ ދުނިޔޭގެ އެތައް ޓީވީ ޗެނެލްއަކުން ލައިވްކޮށް ދުރަށް ދައްކައިފަ އެވެ.

ގްރޫޕްކައިވެނީގެ މިބޮޑުޙަފްލާ އިންތިޒާމްކުރި ދެކުނު ކޮރެޔާގެ ފާދިރީއެއް ކަމަށްވާ ސިޔުކް ޖޫ ވިދާޅުވި ގޮތުގައި އެއްފަހަރާ ގިނަ ބަޔަކު ކައިވެނިކުރުމުގެ ރަސްމިއްޔާތެއް ބޭއްވުމުގެ ބޭނުމަކީ އިންސާނުން އެއްބަޔަކު އަނެއްބަޔަކާ އިންވަކިކުރާ ޤައުމުތަކާއި ޤައުމިއްޔަތާއި ދީނާ ސަރަޙައްދީ ރޮނގުތައް ހުރި ނަމަވެސް ހުރިހާ އިންސާނުންނަކީ ވެސް އިންސާނިއްޔަ ވަންތަކަމާއި އިންސާނީ ސިފަތައް އެއްގޮތަކަށް ޙިއްސާކުރާކަން ހާމަކުރުމެވެ.

މިކަމުގެ އެންމެ ބޮޑު ބޭނުމަކީ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފްވެ، ކޮންމެ ބަޔަކީ ވެސް އަނެއްބަޔެއްދެކެ ލޯބިވާ ބައެއްކަން ހާމަކުރުމާއި ދުނިޔެއަކީ ސުލްހަވެރި ތަނަކަށް ހެދުން ކަމުގަ އެވެ. ބޮޑު ކައިވެނީގެ މިހަފްލާގައި ކައިވެނިކުރި އިނގިރޭސިވިލާތުގެ ދެމަފިރިއަކު ބުނި ގޮތުގައި އެ ދެމީހުން ކައިވެނި ކުރީ ދުނިޔޭގައި ލިބޭނެ އެންމެ އުފާވެރި ޙަފްލާގައި ކަމުގެ އިޙްސާސް ކުރެވުނު ކަމުގަ އެވެ.

އެކަހެރި ގޮތެއްގައި ކައިވެނިކުރި ނަމަ މިއުފާ ނުލިބޭނެ ކަމަށް ވެސް އެދެމަފިރިން ހާމަކުރި އެވެ. ދެ ހާސް ފަަސްސަތޭކަ ކައިވެނި އެއްފަހަރާ ކުރި މިރަސްމިއްޔާތު ބެލުމަށް 15000 މީހުން ޙާޒިރު ވިއެވެ. (ރޮއިޓާސް)