18 Jun 2022, 15:07
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާ އަށް ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާރު ވިދާޅުވީ ރައީސް ނަޝީދު ލަންކާއަށް ވަޑައިގަތީ އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ދެއްވި ދައުވަތަކަށް ކަމަށެވެ.
މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
ލަންކާގެ އިގުތިސާދީ ހާލަތު ގޯސްވެފައި ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ދިގު މުއްދަތަކަށް އެގައުމު ބަންދުކޮށްފައި އޮތުމުން، ފަތުރުވެރިކަން ހުއްޓި، ބޭރު ފައިސާ ނުލިބޭ ގޮތް ވުމުންނެވެ. އޭގެ ސަބަބުން އެގައުމަށް އެތެރެ ކުރަން ޖެހޭ ކާބޯތަކެއްޗާއި ބޭހަށް ވެސް ފައިސާ ނުދެއްކި، އަސާސީ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައެވެ.
ސްރީލަންކާއަށް ދިމާވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އެ ޤައުމަށް ފައިސާ ހޯދައިދިނުމުގެ މެދުވެރިއަކަށް ރަނިލް ވިކްރަމަސިންހަ، ނަޝީދު ހަމަޖެއްސެވީ މިދިޔަ މެއި މަހުގައެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާއިން އެގައުމު ސަލާމަތް ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެގައުމުގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެގައުމުގެ ރައީސް ގޮޓަބަޔާ ވަގުތުން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލާފައެވެ.